ހަބަރު

ދިރާގު ހައި ސްޕީޑް ފައިބާގެ ހިދުމަތް މަޑުއްވަރީއަށް

ދިރާގުގެ ހައިސްޕީޑް ފައިބާގެ ހިދުމަތް ރ. މަޑުއްވަރީގައި އިފްތިތާހު ކޮށްފި އެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާ ކުރަން ދިރާގުގެ ހައިސްޕީޑް ފައިބާގެ ހިދުމަތް މަޑުއްވަރީގައި ރަސްމީކޮށް ތައާރަފު ކުރީ މިއަދު އެވެ.

ދިރާގުން ބުނީ ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމެނޭ އިރު ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތުން، ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖު ވެސް ދިރާގު ފައިބާ ބްރޯޑްބޭންޑްގައި ދެއެވެ.

ދިރާގުގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގު ފައިބާ ނެޓްވޯކް ފުޅާކޮށް ވީހާވެސް ގިނަ ރަށްތަކަށް މި ހިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ ވަރަށް އުފާ ކުރާ ކަމެކެވެ. އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. މިހާރު ރާއްޖޭގެ ގޭބިސީތަކުގެ 75 ޕަސެންޓަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި 61 ރަށް ހިމެނެ އެވެ.