ރައީސް މުހައްމަދު ނަޝީދު

ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމް: ނަޝީދު

ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިންގެ މި ބައްދަލްވުމަކީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އިންޓަނޭޝަންލް ޑިމޮކްރެޓިކް ޔުނިއަންގައި އެމްޑީޕީން އެދުނުކަން ހާމަކުރުމަށް ބޭއްވި ބައްދަލްވުމެއްކެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަކުރު އޮޅުންފިލީއްސުރެ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

"އަޅުގަނޑަށް އަކުރު އޮޅުންފިލީއްސުރެ، އަޅުގަނޑުގެ ދެކޭގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު،"

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަށް ސަރުކާރުގައި އެމަނިކުފާނު ވަރަށް ބޮޑަށް ދަނީ އެދެމުންނެވެ. ނަމަވެސް ސަރުކާރުން އެކަމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ މަޝްވަރާތަކަކަށްފަހު، ގާނޫނު އަސާސީ އެކުލަވާލީ، ވެރިކަން ކުރާ ނިޒާމަކާމެދު ސީދާ ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް ކަމަށެވެ. އަދި އެ ނިޒާމު ބަދަލުކުރަން ވިސްނުމުގެ ކުރިން، އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.