ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ އުސޫލުތަކަށް ނުފެތޭ 27 ތަނެއް ބަންދުކޮށްފި އެވެ.
އެޗްޕީއޭއިން މީގެ ކުރިން ވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ހަދާފައިވާ އުސޫލުތަކާއި އެއްގޮތަށް ހިދުމަތްދޭ ތަންތަނުގައި ކަންކަން އިންތިޒާމް ކޮށްފައިވޭތޯ ޔަގީން ކުރަން ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އިންސްޕެކްޝަންގައި އުސޫލުތަކާއި އެއްގޮތަށް ހިދުމަތް ދެމުން ނުދާ ތަންތަނަށް ފިޔަވަޅު އަޅާފައެއް ނުވެއެވެ.
ނަމަވެސް މިއަދު ކުރިއަށް ގެންދާ ދެވަނަ އިންސްޕެކްޝަންގަައި އުސޫލަށް ނުފެތޭ ތަންތަން ވަގުތުން ދަނީ ބަންދުކުރަމުންނެވެ.
މިރޭ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިއަދު ކުރިއަށް ގެންދާ އިންސްޕެކްޝަންގައި މިހާތަނަށް 52 ތަނެއް ބަލާފައިވާ ކަމަށެވެ. އޭގެ ތެރެއިން 27 ތަނެއް އުސޫލުތަކަށް ނުފެތޭތީ ބަންދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"މިހާތަނަށް 52 ތަނެއް އިންސްޕެކްޓްކުރަން ޖެހުނު. އޭގެ ތެރެއިން 27 ތަނެއް ބަންދުކުރަން ޖެހުނު. 27 ތަނަކުން އުސޫލުތަކަށް ތަބައެއް ނުވޭ. އެހެންވީމަ މިގޮތަށް ކަންކަން ހުންނަ ނަމަ އަޅުގަނޑުމެންނަށް މި ބަލިން ސަލާމަތްވުމަށް ހުރި ފުރުސަތުތައް ބަންދުވާނެ. މިއީ ނުރައްކާތެރި ބައެއް،" އަމީން ވިދާޅުވިއެވެ.
އެޗްޕީއޭގެ އިންސްޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ދަނީ ބަލަމުންނެވެ. އަދި ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެ ޓީމުތައް ވަންނާނެ އެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހު އެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކާއި ހިލާފަށް ދަނީ ހިދުމަތް ދެއެވެ.