މިނިސްޓްރީ އޮފް ހެލްތު

މާސްކު އެޅުން މަޖުބޫރު ކުރުމާމެދު ވިސްނަނީ

ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކުރުމާމެދު ވިސްނަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި މީގެ ކުރިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވަކި ވަގުތުތަކެއް ކާފިއު ހިންގާފައިވެއެވެ. އަދި އޭގެ ފަހުން މާލެ ސިޓީ ލޮކްޑައުން ކޮށް ބޭރަށް ނިކުމެ އުޅުން މަނާކުރިއެވެ.

ނަމަވެސް ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވަމުންދިއުމާއެކު މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފިޔަވަހިތަކަށް ބަހާލައިގެން ލޮކްޑައުންގެ ހާލަތަށް ވަނީ ލުއިދޭން ފަށާފައެވެ. ނަމަވެސް މިފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ މިންވަރު އިތުރުވެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުގެ އެންގުންތަކާއި އެއްގޮތަށް އަމަލުނުކުރާ މީހުން ގިނަވަމުންދާ ކަމަށެވެ. ހާއްސަކޮށް މާސްކު ނާޅާ އުޅުން އާންމުވަމުންދާތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތު މިއީ މާސްކު އަޅަން މަޖުބޫރުކުރަން ޖެހޭ ހާލަތެއް ކަމަށެވެ. އަދި އެކަމާމެދު ވިސްނަމުންދާ ކަމަށް ވިދާޅުވިއެވެ.

"މާސްކް އެޅުން މަޖުބޫރު ކުރަން ނުޖެހޭ ސަބަބެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެންވީމަ މާސްކް އެޅުން މަޖުބޫރުކުރުމާމެދު އަޅުގަނޑުމެން ވިސްނާނަން. މާސްކް އެޅުން މަޖުބޫރުވެސް ކުރެވިދާނެ. މާސްކް އެޅުން މަޖުބޫރު ކުރުމާއި މިހާރު އަޅުގަނޑުމެން ނެރެފައިވާ އުސޫލުތަކާއި މާބޮޑު ތަފާތެއް ނެތް،"

މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން އިތުރުވަމުންދާއިރު އެއްވުންތަކާއި މުޒާހަރާތައް އިތުރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މިއީ ބަލި އިތުރަށް ފެތުރުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމުން އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

އަމީން ވިދާޅުވީ މަޖުބޫރު ކުރަންވީ ހަމައެކަނި މާސްކް އެޅުން ނޫން ކަމަށާ އެ ނޫން ކަންކަންވެސް މަޖުބޫރު ކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް މިހާރު ބާއްވަމުންދާ އެކިއެކި އެއްވުންތައް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި މާސްކް އެޅުން މަޖުބޫރު ކުރުމެއް ނޫން އިނގޭތޯ. އެ ނޫން އެހެން ކަންކަންވެސް މަޖުބޫރުކުރަން ޖެހިއްޖެނަމަ ކުރާނަން. އަޅުގަނޑު ދެކޭގޮތުގައި މިހާރު ހުރިހާ އެންމެންވެސް މާސްކު އަޅަންޖެހޭނެ އިނގޭތޯ" އަމީން ވިދާޅުވިއެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަމުންދާ މިންވަރު އިތުރުވަމުންދާއިރު މާސްކް އެޅުން މަޖުބޫރުކޮށް ފިޔަވަޅުތައް ހަރުކަށި ކުރުމަށް ބައެއް ފަރާތްތަކުން ގެންދަނީ ގޮވާލަމުންނެވެ.