ރާއްޖެ ކުޅިވަރު

ސޮބާގެ ކޮންމެ ކާމިޔާބީއަކުން އަޅުގަނޑަށް ބައި އެޅޭނެ: ސުޒޭން

Oct 6, 2015

ނިއުގެ ކޯޗު ސޮބާހު މުހައްމަދު ހޯދާ ކޮންމެ ކާމިޔާބަކުން ވެސް އޭނާ އަށް ބައެއް އެޅޭނެ ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

"ފުޓްބޯޅައިގައި ސޮބާ ހޯދާ ކޮންމެ ކާމިޔާބީއެއްގައި އަޅުގަނޑަށް ބައި އެޅިގެންދާނެ. އެހެންވީމަ އަބަދުވެސް އަޅުގަނޑުގެ ހެޔޮއެދުންތައް އޮންނާނެ ސޮބާ އަށް. އޭނާ ފެންވަރު ހުރިކަން ފެނިގެން ހިނގައްޖެ،" އައްޑޫ ސިޓީގައި އިއްޔެ ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށްފަހު ސުޒޭން ބުންޏެވެ.

ވިކްޓަރީގައި ސޮބާގެ ކޯޗެއްގެ ގޮތުން މަސައްކަތްކުރި ސުޒޭން އަދި ބުނީ  ސޮބާ އަކީ މިހާރު ރާއްޖޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ ކުރިމަގު އުޖާލާ ކޯޗުވެސްމެ ކަމަށެވެ.

"ސޮބާ އަކީ ފިއުޗާ އަށް ފެންނަން އޮތް އެންމެ މޮޅު ކޯޗު. ދިވެއްސަކަށް ފަސޭހަ ޓީމެއްނޫން މިއީ މިފެންވަރަށް ތަރައްގީކޮށްފައި އޮތް ޓީމެއް ގެންގުޅުމަކީ. އެކަމަކު އޭނާގެ ތަޖުރިބާ އާއި އެހުރިހާ ކަމެއް އެބައޮތް. އޭނާ ސާބިތުކޮށްދީފި ދިވެއްސަކަށް ވެސް މިކަން ކުރެވޭނެކަން،" ސުޒޭން ބުންޏެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ސޮބާހުރިއިރު އޭނާއާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކުރި އެއް ކޯޗަކީ ސުޒޭނެވެ. ހާއްސަކޮށް 2010 ވަނަ އަހަރު ސުޒޭންގެ ކޯޗުކަމުގައި ވިކްޓަރީ އެފްއޭކަޕް ކާމިޔާބުކުރި އިރު ކެޕްޓަނަކީ ސޮބާ އެވެ. މީގެ އިތުރުން ވެސް ވިކްޓަރީގައި މިދެމީހުން ހޯދި ކާމިޔާބީތައްގިނަ އެވެ.