ހަބަރު

މާޕްގެ އެގްޒެވެޓިވް ކޮމެޓީއަށް މެމްބަރުން ހޮވައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން މި އަހަރުގެ އެނުއަލް ޖެނެރަލް މީޓިން ބާއްވައި ދެވަނަ އެގްޒެކެޓިވް ކޮމެޓީއަށް މެމްބަރުން އައްޔަން ކޮށްފި އެވެ.

މާޕް އިން ބުނީ ވާޗުއަލްކޮށް މިމަހުގެ 29 ވަނަ ދުވަހު ބޭއްވުނު މިމީޓިންގައި މާޕްގެ 70 މެމްބަރުން ބައިވެރވެފައިވާ ކަމަށެވެ. ދެ އަހަރުގެ މުއްދަތަށް ހޮވި ދެވަނަ އެގްޒެވެޓިވް ކޮމެޓީގެ 11 މަގާމަކަށް 22 ފަރާތަކުން ވަނީ ކުރިމަތިލި ކަމަށެވެ.

މާޕްގެ ރައީސްކަމަށް ހޮވިފައިވަނީ ނިމިދިޔަ ދައުރުގެ ވެސް ރައީސް އަދި މާޕްގެ އެއް ކޯފައުންޑާ ހުސައިން އަފީފެވެ. މީގެ އިތުރުން މާޕްގެ އަނެއް ދެ ކޯފައުންޑަރުން ކަމުގައިވާ އަހުމަދު އިބްރާހިމް އަދި އަލީ އާދަމް ވަނީ ކުރިންވެސް ތިއްބެވި މަގާމު ކަމުގައިވާ ނައިބު ރައީސް އަދި ޖެނެރަލް ސެކެޓްރީގެ މަގާމަށް ހޮވިފައި ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. ނައިބު ރައީސްކަމުގެ ދެވަނަ މަގާމަށް ހޮވިފައިވަނީ ކެރިއާ ވިޓަމިންގެ ސީއީއޯ ހައްވާ ޝާހީނާ އެވެ. ސެކެޓްރީގެ މަގާމަށް ފާތިމަތު ހަބީބާ ހޮވިފައިވާއިރު ޓްރެޝަރާގެ މަގާމަށް ހޮވިފައިވަނީ އިބްރާހިމް ނިޝާން އެވެ. އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ހޮވިފައިވަނީ އާމިނަތު އަދާލާ ރަޝީދު، އާމިނަތު ސުދާ، އާއިޝަތު ހުސައިން މުހައްމަދު، ޒަކަރިއްޔާ އީސާ އަދި ހަސަން ޝިފާއު ކަމަށް މާޕް އިން ވަނީ ބުނެފަ އެވެ.

މާޕްގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ހޮވިފައިވާ، އަދި ލަކްސް ރިސޯޓުގެ ރީޖަނަލް ޑައިރެކްޓާ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް މަގާމުވެސް އަދާކުރައްވަމުންގެންދަވާ ހުސައިން އަފީފު ވިދާޅުވީ ވޭތުވެދިޔަ ދައުރަކީ ވަރަށްވެސް ކާމިޔާބު ދައުރެއްކަމަށާއި ތަފާތު އެތަށް ހަރަކާތެއް ބޭއްވިގެން ގޮސްފައިވާއިރު އާންމުންގެ މެދުގައި މާޕް އާއި މެދު ބޮޑު އިތުބާރެއް ގާއިމް ކުރެވިފައިވާ ކަމަށެވެ.