ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސަވާރީ ބޯޓް ކޭސް: އިތުރު ނުވަ މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ކެލައަށް ދަތުރުކުރާ ސަވާރީ ބޯޓުން ދަތުރުކުރި އިތުރު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވެއްޖެ އެވެ.

ސަވާރީ ބޯޓްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ވަނީ ހަދާފައެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސަވާރީ ބޯޓް ކޭސްއާއި ގުޅުންހުރި އިތުރު ނުވަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެން ކަމުން އެ ބޯޓްގެ ކެޕްޓަންއާއެކު ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 10 އަށް އަރާފައެވެ.

"މި ބޯޓް ހއ. ކެލާއަށް ގޮސްފައިވަނީ މާލޭގައި ދެ ހަފްތާގައި ތިބުމަށްފަހު މިމަހުގެ 24 ވަނަ ދުވަހު. ބޯޓުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ބޯޓްގެ ކެޕްޓަން،" ނަޒްލާ ވިދާޅުވިއެވެ.

މި ކޭސްތަކާއި ގުޅިގެން އިތުރު މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ބ. ކަމަދޫގައި ކަރަންޓީންގައި ހުރި މީހަކު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓް ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދުވެސް ކޮވިޑަށް ރެކޯޑް އަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް 153 މީހަކު ޕޮޒިޓިވްވެފައިވެއެވެ.