ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފިއްލަދޫ ބޯޓުން ތިނެއް، އިހަވަންދޫ ބޯޓުން ދެ މީހުން ޕޮޒިޓިވް

ހއ. ފިއްލަދޫ ބީއެމްއެމްއޭ އެކްޕްރެސް ބޯޓުން ދަތުރުކުރި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވެއްޖެ އެވެ.

މި މީހުންނަކީ ހއ ކެލާގައި ދުއްވާ ސަވާރީ ބޯޓުން އެންމެ ފަހުން ކެލައަށް ދިޔަ މީހުންނާ ކޮންޓެކްޓްވި ބައެކެވެ. ސަވާރީ ބޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓްގެ ކެޕްޓަނެވެ. އެއީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު މީހުންގެ ސާމްޕަލް ނަގާ ދަނީ ޓެސްޓް ކުރަމުންނެވެ.

އޭގެ ފަހުން އިތުރު ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ ހއ. ފިއްލަދޫ ބީއެމްއެމްއޭ އެކްޕްރެސް ބޯޓުން ދަތުރުކުރި އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. މި މީހުންނަކީ ސަވާރީ ބޯޓުން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު ބައެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އިހަވަންދޫ ބޯޓުންވެސް ދެ ކޭސް

އެޗްޕީއޭއިން މިރޭ ބުނީ އިހަވަންދޫގައި ދުއްވާ "ތަހުތު ބޯޓް" ގައި މަސައްކަތް ކުރާ ދެ ބިދޭސީންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ އިތުރުން އިހަވަންދޫ އާއި މާލެ އާއި ދެމެދު ދަތުރުކުރާ "242" ބޯޓްގެ ކޭޝިއަރުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭނާ ވަނީ އެރަށު ގިނަ މީހުންނާއި ބައްދަލުވެފަ އެވެ. އެ ކޭސްއާ ގުޅިގެންވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން ބަލި މީހުން ދަނީ ފެންނަމުންނެވެ. އެގޮތުން ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރ. އަތޮޅު ހުޅުދުއްފާރުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހދ. ނާވައިދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކުވެސް މިރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.