ވާހަކަ

ލޯބިން ބުނެލަން

(28 ޖުލައި 2020 އާ ގުޅޭ)

"އިލީ... އިލީ އެއީ... ޒުބިންގެއެއްނޫން..." މޫނުގައި ދެއަތް އެޅުމާއެކު ގިސްލެވިފައި އިން ލައިރާ ބުންޏެވެ.

ދަރިފުޅާ ދިމާއަށް އެނބުރިލުމާއެކު ލައިރާއަށް ބަލަން އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. އިލިއާނާއަކީ ޒުބިންގެ ކުއްޖަކަށް ނުވާނޭ ބުންޏަސް އެ ދަރިފުޅާއެކު ޒުބިން ހުންނައިރު، ފެންނަ ވައްތަރުކަން ލައިރާގެ އެ ވާހަކަ ދޮގުކުރާނޭކަން ގައިމެވެ. އެހެންވިޔަސް ބައްޕަ ކަށަވަރުކޮށްދެވޭނީ މަންމައަށެވެ. އިލިޔާނާގެ ބައްޕައަކީ ޒުބިންއަށް ނުވަންޏާ ދެން އެކުއްޖާގެ ބައްޕައަކީ ކާކު ހެއްޔެވެ. ސަރަފީނާއަށް މޭގައި އަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ.

"ލައި!... ތިބުނެވުނީ ކީކޭކަން އެނގޭތަ؟. ދަރިފުޅު ބުންޏަސް އެހެންވާނީ ކިހިނެއް؟. އިލިއާނާގެ ބައްޕައަކީ ޒުބިންކަން އެކުއްޖާގެ އުފަން ދުވަހުގެ ސެޓްފިކެޓްގަ ވެސް އެބައޮތް. ޒުބިންގެ ދަރިއަކަށް ނުވަންޏާ ކީއްވެ އޭނާ އެއްބަސްވާންވީ. މަންމަގެ ލޮލަށް ފެންނަ ގޮތް ހަމަގައިމު ވެސް ދޮގެއްނުކުރެވޭނެ. އިލީއަކީ އަންހެންކުއްޖަކަށް ވިޔަސް އެކުއްޖާ ވައްތަރީ ޒުބިންއާ." ސަރަފީނާގެ ހިތަށް ކުޅަދާނައެއްނުވިއެވެ.

"އެކަން ޒުބިންއަށް ފާހަގައެއްނުވެޔޭ މަންމާ." ކޮޅަށް ތެދުވިގޮތަށް ސަރަފީނާއާ ކުރިމަތިލައިގެން ހުރެ ލައިރާ ބުންޏެވެ.

"ލައިރާ، އިލިއާނާގެ ބައްޕައަކީ ކާކު؟. ޒުބިންތަ؟. އޭނާ ހަވާލުވާން ދެކޮޅު ހަދާނަމަ މިހާ ދުވަހު އެކުއްޖާގެ ބައްޕައަށް ވެގެންނެއްނޫޅޭނެ. އެހެންވީމަ ބުނޭ ލައިރާ، ކިހިނެއްވެގެން މިއުޅެނީ؟. ވަރިވަނީ އިލިއާނާ ހެދިތަ؟. އެއްވެސް ކަމެއް މަންމައަކަށް އަދި އޮޅުމެއްނުފިލާ." ކުރިމަތީގައި ހުރި ލައިރާގެ ދެއަތްތިލައިގަ ސަރަފީނާ ހިފާލައި ބާރުކޮށްލިއެވެ. ދަރިފުޅަށް ނުބުނެވިގެން އެ އުޅެނީ ކިހާވަރެއްގެ ވާހަކައެއްކަން ނޭނގޭތީވެ، އިންތިހާއަށް ސަރަފީނާގެ ހިތް އަވަސްވެ ބިރުގަނެފައިވިއެވެ.

ސަރަފީނާގެ ފައިބުޑަށް ލައިރާ ތިރިވިއެވެ. ދެފަރާތަށް އޭނާ ބޯހޫރާލުމާއެކު މަންމައަށް ބަލާލިއެވެ. ދެން ވެސް ހުރިހާކަމެއް ހަޤީޤަތަށް ކިޔާދޭކަށް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އޭގެ ކުރިން އޭނާއަށް ވިސްނެންފެށީ ހަޤީޤަތް އެނގުމުން އެ މަންމަ ހީކުރާނޭ އެއްޗިއްސާ މެދުއެވެ. އެ ދަރިފުޅަކީ ހާދަ ވިޔާނުދާ އުޅުމެއްނެތް ކުއްޖެކޭ މަންމަ ބުނާނޭކަން ޔަގީނެވެ. އޭނާގެ މޫނުގައި މަންމަގެ އޯގާތެރި ދެއަތުން ހިފާލީ ޚިޔާލުތަކުގައި ގަބުވެފައި މީހާ އިންދައެވެ.

"ލައި ކިޔާނުދެންޏާ މަންމައަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ، މަންމަގެ ހިތެއް ނުބުނޭ ޒުބިންގެ ގާތުން ވަރިވާން ލައި ބޭނުންވެޔޭ. މަންމަ ކޮށްދޭންވީ ކޮންކަމެއް؟. ޒުބިންއާ ވާހަކަދައްކަންތަ؟. ވަރިވާން އުޅޭ ސަބަބު މަންމަމެންނަށް ވެސް އެނގެންވާނެ. ހާރޫންބެއާއި ޔުމްނާއާ މަންމަ ވާހަކަދައްކަންތަ؟. އެމީހުންނަށް އެނގޭތަ؟." ސަރަފީނާ ވާހަކަދެއްކިއެވެ.

"ޒުބިން މިއަދު ގެއަށް ބަދަލުވާނެ. ދެން މިގެއަށް ދުވަހަކުވެސް ނާންނާނެ." ލައިރާއަށް ކޮށްފައިވާ ފުން އަސަރުގައި ހުއްޓުމެއްނެތް ކަރުނަ ބައިވެރިވަމުންދިޔައެވެ. ކިތަންމެ ވަރަކަށް ފުހުނަސް ދެ ކޯތާފަތުގަވީ ތެތްކަން ނުހިކުނެވެ. އެ ހިތާމަތައް އޭނާގެ ހިތުގައި ފޮރުވައިގެން ވަރަށް ދުވަހު ހުރެވިއްޖެއެވެ. މިއަދު އެފަދައިން ކަންތައް ކުރާނޭ ހިތްވަރެއް ލައިރާގެ ނެތެވެ. ޒުބިންގެ ހަޔާތުން ދުރަށްދާންވީ ވަގުތު އައުމުން އެކަންވީ ކެތްކުރަން ދަތިވި ހިތްދަތިކަމަކަށެވެ.

"ތިޔަހެންވީރު ޔުމްނާމެންނަށް އެނގިފަ ތިއޮތީ. އޭނާ ޒުބިންއަށް ވިސްނައިނުދެނީތަ؟." ސަރަފީނާއަށް ސިކުނޑީގައި ހިނގައި ގަތް ޝުޢޫރުތައް ދުލުން ބޭރުކޮށްލެވުނެވެ.

ލައިރާ އިތުރު އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ސަރަފީނާ ބޭނުންވިޔަސް ލައިރާއާއި ޒުބިންގެ ދެމެދުގައި ހިނގައިގެން އުޅޭ އަސްލު މައްސަލައެއް ދެނެނުގަނެވުނެވެ. ދަރިފުޅު ގެނެސް އެނދުގައި ބޭންދުމާއެކު އެ ދަރިފުޅުގެ ގައިގާ ބައްދާލައިގެން ސަރަފީނާއިނެވެ. އޯގާތެރިކަމާއެކު އެއްވަރަކަށް ދަރިފުޅުގެ ބުރަކަށީގައި ސަރަފީނާ ފިރުމަމުން ދިޔައެވެ.

* * * * *

މެންދުރުވާން އުޅެނިކޮށް ދޮރޯށި ކައިރިން ސަލާމް ގޮވާލި އަޑު އިވި ކައިފް ނުކުތެވެ. މަސައްކަތްތައް ނިންމާލާފައި ފެންވަރާލައިގެން ނުކުތް މިންނާ ހުރީ ކެންޒާގެ ކޮޓަރީގައެވެ. އޭނާއަށް ވެސް ޒުވާނަކު ސަލާމް ގޮވިއަޑު އިވުނެވެ. ދިގު އިސްތަށިގަނޑުގެ އެއްބައިގަ ތުވާލި އޮޅާލައިގެން މިންނާ ނިކަން އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު ކައިފް ވެސް އެ ދިމާއަށް އަންނަނީއެވެ.

"ހަމީމު..." މިންނާއަށް ބުނެވުނެވެ.

ދޮރުމަތީ ހުރީ ކެންޒާ ހޯދަން އައި ޒުވާނާއެވެ. މިފަހަރު ތަފާތަކަށްވީ އޭނާ އަތުލަފިކޮށްގެން ގޭތެރެއަށް ވެއްދި ހަމީމު ފެނިފައެވެ. ހަމީމުގެ ބޯފަޅައިގެން ގޮސް ބޮލުގައި ބޭސްގަނޑެއް އަޅާފައި ވެއެވެ. ހަމީމުގެ ގައިގާ ހިފަހައްޓަން މިންނާ އަވަސްވެލިއެވެ.

"މަންމައަކަށް ނުހިފެހެއްޓޭނެ، އަހަރެން ގެންގޮސްދޭނަން." މިފްރާހު ބުނެލިއެވެ. ލިބުނު ހައިރާންކަން ނިކަން އަވަހަށް މިންނާ ފިލުވާލައިފިއެވެ. އަދި ސޯފާގައި ބޭންދުމަށް އިޝާރާތްކުރިއެވެ.

"ކޮންތާކުން މީނާ ތިގެނައީ؟." މިންނާ އަހާލިއެވެ.

"ތަޅައިގަތީ. އެތަނުން ނަގައިގަނެގެން ހޮސްޕިޓަލަށް ގެންގޮސް ބޭސްއަޅައިގެން މިގެނައީ." މިފްރާހު ހާމަކުރީ ކަންހިނގި ގޮތުގެ ވަރަށް ކުޑަ މިންވަރެކެވެ.

"މިފްރާހު ދޯ ކިޔަނީ." މިންނާ އަހާލިއެވެ. އެއާއެކު މިފްރާހު ބޯޖަހާލިއެވެ.

"ހަމީމު ދަންނަންތަ؟." މިންނާ ސުވާލުކުރިއެވެ.

"އަހަރެމެން ގޭ ހިސާބުގަ ހަމްބެ ވަރަށް ގިނައިން އުޅޭނެ." މިފްރާހު ބުންޏެވެ.

ކައިފް ކުރިއަށް ޖެހިލައި ޝުކުރު އަދާކުރި ގޮތުން ހީވީ މިފްރާހު އެނގެން ފޮނުވާލަން ބޭނުންވެފައި ހުރިހެންނެވެ. ނަމަވެސް މިންނާ ހުރީ މިފްރާހަށް ޝައުގުވެރިވެފައެވެ. ހަމީމު އެނގިފައި ކެންޒާ ވެސް ދަންނަ ޒުވާނަކަށްވާއިރު އިތުރަށް މިފްރާހުގެ ކިބައިން ކަންކަން އޮޅުންފިލުވާލަން މިންނާ ގަސްދުކުރިއެވެ. މިފްރާހު ގޭތެރެއަށް ނަޒަރު ހިންލާފައި ކެންޒާ ނާދޭ ދޯ އޭ މިންނާގެ ގާތުން އަހާލިއެވެ.

"ތަނަކަށް ދާން ނެތިއްޔާ، މެންދުރު ކައިގެން ދާން މަޑުކޮށްލަންވީނު." މިންނާ ދަޢުވަތު ދިނެވެ. ހިނިތުންވުމަކާއެކު މިފްރާހު ބޯޖަހާލިއެވެ. ހަމީމު އިނީ ހަމަހޭގައިކަން މިންނާއަށް އެނގެއެވެ. އެހެންވިޔަސް އޭނާ އަނގައިން ނުބުނެ އިންނާތީ ހައިރާންވެއްޖެއެވެ. މިންނާއާއި ކައިފްއަށް އޭނާގެ ނަޒަރު ހިންގާލާފައި ވެސް ހިމޭނުން އިނީއެވެ.

"ބޭހެއް ދިންތަ؟. ކައިގެން ބޭސްކާނީ ދޯ. ކޮޓަރީގައި އޮށޯވެލަންވީނު... އިރުކޮޅެއްވާނެ ކާން ހަދަން." މިންނާ ވާހަކަދެއްކީ ހަމީމާއެވެ.

"އެހާ ބޮޑަކަށް ނޫން ފަޅައިގެންދިޔައީ، މިކޮތަޅުގައި މިހުރީ ދިން ބޭހަކީ. މާބޮޑަށް ތަދުވަންޏާ ކާ ބޭހަކާއި ފާރުހިއްކާ ބޭހޭ ޑަކްޓަރު ބުނީ." މިފްރާހު ގެންގުޅުނު ކޮތަޅު މިންނާއަށް ދިއްކޮށްލިއެވެ.

"އޮށޯވެލަން ބޭނުންތަ؟." ހަމީމުގެ މޫނުން ވޭންއަޅާކަމުގެ އަސަރުތައް ފާޅުވާތީ މިންނާ އަނެއްކާ ވެސް އެދުނެވެ.

"ކައިގެން ދާނީ. މަޑުކޮށްލަފާނަން." ހަމީމު ބުންޏެވެ. އެއަޑުގައި ހުރި މަޑުމައިތިރިކަން އިވިފައި މިންނާ ބަސް ހުއްޓުނެވެ. އަނގަހުޅުވިފައި ހުރީ ބުނަން އުޅުނު އެއްޗެއް ހަނދާންނެތިގެންނެވެ. ހަމީމުގެ ފުށުން މަޑުމައިތިރިކަން ފެނުނު ދުވަހެއް މިންނާ ހަނދާނެއްނެތެވެ.

"މިއަންނަނީ ރީތިވެލައިގެން." އިސްތަށިގަނޑުން ތުވާލި ނައްޓާލަމުން މިންނާ ގޮސް ކެންޒާ އުޅޭ ކޮޓަރިއަށް ވަނެވެ.

މިފްރާހުގެ ނަޒަރު ހުރީ ކެންޒާއަށް ހުއްޓިފައެވެ. އޭނާއަށް ފާހަގަވީ މިންނާގެ އިސްތަށިގަނޑެވެ. އެ ރީތި އިސްތަށިގަނޑު ކެންޒާއަށް ވާރުތަކުރީ ކާކުގެ ފަރާތުންކަން މިފްރާހަށް ޔަގީންކަން ކުރަން އެނގިއްޖެއެވެ. ކުއްލިއަކަށް ކެންޒާގެ ޚިޔާލުތައް އޭނާގެ ހިތުގައި ގަދަވެގަތެވެ. އެ އަންހެންކުއްޖާއާ ބައްދަލުކުރާ ހިތުން އޭނާ އޭނީ ކެތްތެރިކަން ކުޑަވެފައެވެ.

"ކިހިނެއް ބައްޕައާ ދިމާވީ؟." ކައިފް ސުވާލުކުރިއެވެ. މިންނާ ދިޔައިރު ވެސް އެތަނުގައި ކައިފް ހުރިކަން މިފްރާހަށް ރެއަކާލީ ދެނެވެ. އޭނާ ހޫން ލައްވާލި ގޮތުން ކައިފް ބުނި އެއްޗެއް ސާފުނުވީއޭ ހީވިއެވެ. އެހެންވެ ދެވަނަ ފަހަރަށް ކައިފްގެ ސުވާލު ތަކުރާރުކޮށްލިއެވެ.

"ރައްޓެއްސެއްގެ ފަރާތުން." މިފްރާހު ބުންޏެވެ.

"މިފްރާހުގެ ބޭނުމަކީ ކޮބާ؟." ކައިފް ސުވާލުކުރިއެވެ.

"ކެންޒާ، އަހަރެންގެ މީހަކަށް ހެދުން." ބާރުވެރިގޮތަކަށް ބުނެލި އަޑު އިވުނެވެ. ނަމަވެސް އެއަޑު ބޭރެއްނުވެއެވެ. އެއީ މިފްރާހުގެ ނަފްސުގެ އެތެރޭގެ އަޑެކެވެ. އޭނާ ހިނިތުންވެލުމާއެކު ކައިފްއަށް ބަލަން އިނީ މާނަވީ ގޮތަކަށެވެ.

"މިފްރާހު މިގެއަށް ވަނީ ބައްޕައާއެކު ކަން ކެން އޮތީ ބުނެފަ." މިފްރާހު އަނގައިން ނުބުނުމުން ކައިފް ބުނެލިއެވެ.

"ކައިފް..." ހަމީމުގެ އަޑު އިވުނެވެ.

"ހަމްބެ..." ހަމީމާ އެއްވަރަށް މިފްރާހު ގޮވާލިއެވެ. އެހިނދު ހަމީމު ހިމޭންވެއްޖެއެވެ.

ދުރުގައި ހުއްޓިލައިގެން ހުރި ކައިފްއަށް ކެންޒާ ދެއްކި ވާހަކައިގެ ތެދުކަން ޔަގީންކުރެވުނެވެ. ބިރެއްފިކުރެއް ނުހުންނަ ހަރުކަށި ބައްޕަ ކިޔަމަންވާތީ ފެނުނީ އެ ބައްޕަގެ ދަރި އުމުރުގެ ޒުވާނަކު ގޮވާލި ގޮވާލުމުންނެވެ. އެއީ ހަމަ އޭނާގެ ބައްޕަބާއޭ ވެސް ކައިފް ހިތަށް އެރިއެވެ. މިފްރާހަކީ އާދައިގެ ޒުވާނެއްނޫންކަން ކައިފްއަށް ބުނެދިނީ ބައްޕަގެ ހިމޭންކަމެވެ.

"ތީ ކެންގެ ބޭބެތަ؟. ކޮންނަމެއް ކިޔަނީ؟." މިފްރާހު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ކައިފްގެ ފުށުން ފެންނަ ބީރައްޓެހިކަމާއި ހަރުކަށިކަމަށް އޭނާގެ ފަރުވާލެއްނެތެވެ.

"ކައިފް ކިޔަނީ، ރަނގަޅަށް ތިހީވީ، މީ ކެންޒާގެ ބޭބެ. ތީ ކާކުކަން އެނގޭ." ކައިފް އެއްގޮތަކަށް ވެސް މިފްރާހާ ގަޔާނުވަނީއެވެ. ލުއި ހީނލުމަކުން މިފްރާހު ހީނލިއަޑު އިވުނެވެ.

"މީ ކާކުތަ؟... އަހަންނާ ބެހޭ ގޮތުން ކޯއްޗެއް އެނގުނީ؟." މަޖާވެފައި އިން ފަދައަކުން މިފްރާހު އިނީ ހެވި ދިލިފައެވެ.

"ކެން ބޭނުމެއްނޫން މިފްރާހާ ވާހަކަދައްކާކަށް." ކައިފް ނިކަން އަވަހަށް ބުނެލިއެވެ. ކުރިއަށްވުރެ ބާރަށް މިފްރާހު ހީނލިއެވެ.

"ޔޫ ނޯ ވަޓް... ތި ދެމީހުން ހާދަ ވައްތަރޭ. ކެން ވާހަކަދައްކާ ގޮތަށް ކައިފް ވެސް ތި ވާހަކަދައްކަނީ. އައި ލައިކް ޔޫ ބްރޯ." ހިނިއައިސްފައި މިފްރާހު ވާހަކަދެއްކިއެވެ. ކައިފް ހުރީ ހައިރާންވެފައެވެ.

* * * * *

ސިޔާދަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. ބައްދަލުވުމެއްގައި ދުވަހަކު ވެސް ޔާދިންގެ ފޯނުން އަޑެއް ނީވޭނެއެވެ. އެކަމަކު މިއަދު ހަތަރު ފަހަރަށް އެ ފޯނަށް ނޮޓިފިކޭޝަން އައި އަޑު އިވިއްޖެއެވެ. ފޯނު ސައިލެންޓު ކުރުމާއެކު ޔާދިން އަވަސް އަވަހަށް ޖީބަށް ފޯނު ކޮށްޕާލިއެވެ. އެ ބައްދަލުވުމުގައި އިން ލައިތުގެ ނަޒަރު ވެސް ހުރީ ޔާދިންއަށް ހުއްޓިފައެވެ. އެންމެންނަށް ވެސް ވީ އާކަމަކަށެވެ. އޭރު ބައްދަލުވުން ނިމުމަކަށް އަތުވެއްޖެއެވެ.

ބައްދަލުވުން އޮތް ކޮޓަރިން އެންމެ ފުރަތަމަ ވެސް ނުކުތީ ޔާދިންއެވެ. އޭނާގެ ފަހަތުން ފައިލާއި ޓެބްލެޓާއި ދެން ވެސް ގެންދަން ހުރި އެއްޗެއް ހިފައިގެން ސިޔާދު އައީ ދުވެލާފައެވެ.

"ފަހުން... އަހަރެން މުހިންމު ކޯލެއް ކުރަން މިއުޅެނީ" ފަހަތުން އައިސް ކެބިންގެ ތެރެއަށް ވަންނަން އުޅުނު ސިޔާދަށް ޔާދިން ބުނެލިއެވެ. އެއާއެކު ބޯޖަހާލާފައި ސިޔާދު ހިނގައިގަތީ އޭނާގެ މޭޒު ކައިރިއަށެވެ.

މޭޒާ ކައިރިއަށް ފިޔަވަޅު އަޅަމުން ޔާދިން ފޯނަށް ބަލާލިއެވެ. ވައިބަރ މެދުވެރިކޮށް އައިސްފައިވާ މެސެޖު ހުޅުވާލުމާއެކު ޔާދިންގެ އަތުން ފޯނު ދޫވިއެވެ. އެގޮތް މިގޮތަށް އޭނާ އަތް ހޫރުވާލީ ނުހަނު އަވަހަށެވެ. ނަމަވެސް އަތުގައި ފޯނު ލައްވާނުލައި ލަކުޑި ތަޅުމުގެ މައްޗަށް ވެއްޓުނީއެވެ.

"ވަޓް ދި..." ޔާދިންއަށް ޤަބޫލުކުރަން ދަތިވެފައި ހުރި ކަހަލައެވެ. ވެއްޓުނު ފޯނު ނެގުމާއެކު ފޯނަށް ކަމެއްވެފައި ހުރިތޯ ބަލާލިއެވެ. އެއާއެކު އަނެއްކާ ވެސް ފޯނަށް ބަލާލިއެވެ. ފިޒާނާގެ ނަން އޭނާ ކިޔާލުމާއެކު ދެފަރާތަށް ޔާދިން ބޯހޫރާލިއެވެ. ވަގުތުން ފިޒާނާގެ ނަންބަރަށް އޭނާ ގުޅައިފިއެވެ.

"ހޭއި ހެންޑްސަމް." ފިޒާނާގެ އަޑު އިވުނެވެ.

"ކޮންކަހަލަ ފޮޓޯއެއް ތިފޮނުވީ" ޔާދިން ބުންޏެވެ.

"ލައިކް ނުވީތަ؟" ފިޒާނާ އަހާލިއެވެ.

"ދެން ނުފޮނުވައްޗޭ." ޔާދިން ބުނެލިއެވެ.

"ލައިކް ނުވީ ދޯ. އަނެއްކާ އަހަރެމެން ދެމީހުންނަށް މިއުޅެވެނީ ރައްޓެހިނުވެތަ؟. އަހަރެން ހީކޮށްގެން މިހުންނަނީ ތީ މިހާރު އަހަރެންގެ ބޯއިފްރެންޑްކަމަށް. ހެނދުނު ވެސް އެގޮތަށް ވާހަކަ އެހެންވެ. ސޮރީ ވަރަށް ބޮޑަށް." ފިޒާނާ އަޑު ބަދަލުވިކަން ޔާދިންއަށް ފާހަގަވިއެވެ.

"ރައްޓެހިވެގެން އުޅުނަސް އެކަހަލަ ފޮޓޯ ފޮނުވުމަކީ ރަނގަޅުކަމެއްނޫން." ޔާދިން ބުންޏެވެ.

"ގެޓުވެއްޖޭ... ސޮރީ އޭ މިބުނީނު، ޔާދު މިސްވެގެން ކޮށްލެވުނު ކަމެއް އެއީ... ދެން ނުފޮނުވާނަން. ނުވެސް ގުޅާނަން. އޯކޭއެއްނު. ބޭއްވީ..." ފިޒާނާ ކޯލު ކަނޑާލީއެވެ. އިރުކޮޅަކު ހަރަކާތެއްނުކޮށް ދެބުމަ ހިއްލާލައިގެން ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރިގޮތަށް ޔާދިންއަށް ހުރެވުނެވެ. ދެން ފުންނޭވާއެއް އޭނާ ލިއެވެ.

"އަހަންނަށް މިބުނެވުނީ ގޯސް އެއްޗެއްތަ؟." އަމިއްލަ ނަފްސާ ސުވާލު ކުރާ ފަދައިން ޔާދިންއަށް އަހާލެވުނެވެ. އިތުރު މެސެޖެއް އައީ އެވަގުތެވެ. ފިޒާނާގެ ކަމަކަށް ހީކޮށް ޔާދިން ބަލާލީ ނިކަން އަވަހަށެވެ.

"ކެންޒާ..." މަޑުމަޑުން ޔާދިންއަށް ކިޔާލެވުނެވެ.

"ކިހިނެއްތަ؟. ނުވެސް ފެނޭ. ގުޅާ ވެސް ނުލާ... އައި ދެކެ ރުޅިއައިސްފަތަ؟." ކެންޒާ މެސެޖުގައި ލިޔެފައި އޮތެވެ. ޔާދިންއަށް ނިތްކުރީގައި ހިފަހައްޓާލެވުނެވެ.

"ފިޒާއަށް އިހަށް ގުޅަންވީ، ރުޅިއައިސްގެން އެ ބޭއްވީ... ފަހުން ކެންޒާއަށް ޖަވާބު ދޭނީ." މޭޒުދޮށުގައި އިށީންނަމުން ޔާދިންގެ ހިތާ ވާހަކަދެއްކިއެވެ.

* * * * *

ކޮނޑުކެނޑިއެއް ފާޑުގެ ޓީޝާޓެއް ލައިގެން ފިޒާނާ އޮތީ ސޯފާގައެވެ. އެއްފައި އަނެއްފައިގަ އަޅުވާލައިގެން އޮތްއިރު ދެފައިތިލައަށް އިސްޓާކީނެއް ލައްވާލާފައި ވެއެވެ. ޓީޝާޓުން އޭނާގެ ބުޑު ނިވާވަނީ ކިރިޔާއެވެ. އޮށޯވެގެން އޮތްއިރު އޭނާ ލައިގެން އޮތް ދަނބުކުލައިގެ "ބޯއިޝޯޓްސް" އޮތީ ފެންނާށެވެ. ބަނޑުމަތީގައި ބަހައްޓާލެވިފައިވާ ސްޓޯބެރީ ތަށިން ސްޓޯބެރީއެއް ނަގައި އަނގަޔަށް ލައިގެން އޭނާ އޮތީ އެއްއަތުން ފޯނަށް ބަލާށެވެ. ޔާދިން ގުޅީ އެހެންއޮއްވައެވެ. ލާނެތް ހިންޏެއް ފިޒާނާގެ ތުންފަތުގައި ދުވެލިއެވެ. އެހެންނަމަވެސް އޭނާ ކޯލަށް ޖަވާބެއް ނުދިނެވެ. ކޯލު ކަނޑާލާއިރަށް ޔާދިން އަލުން ގުޅައެވެ. ފިޒާނާއަށްވީ މަޖާކަމަކަށެވެ. އޭނާ ކޯލު ނުނެގުމުން ޔާދިން މަޢާފަށް އެދި މެސެޖުކުރިއެވެ. ދެން ވެސް ފިޒާނާ އަޅައެއް ނުލިއެވެ.

"ކީއްވެ ހުއްޓާލީ..." ފިޒާނާ ވާހަކަދެއްކީ ފޯނަށް ބަލަން އޮވެއެވެ. ޔާދިންގެ ޚަބަރެއް ނުވީއެވެ.

ބަނޑުމަތިން ތަށި ނެގުމާއެކު ސޯފާގައި ފިޒާނާ އިށީނެވެ. ކައިރީގަ ހުރި ކޮފީ މޭޒުމަތީ ސްޓޯބެރީ ތަށި ބަހައްޓާފައި ފޯނަށް އޭނާގެ ސަމާލުކަން ހުއްޓާލިއެވެ. ދެޚިޔާލެއްގައި އޭނާ އިނީ ޔާދިންއަށް ގުޅުމާމެދުގައެވެ. އެކަމަކު އޭނާ ހަދާގޮތެއް ބަލާލަން އަދިވެސް މަޑުކޮށްލަން ފިޒާނާ ހިތަށްއެރިއެވެ. ފިޒާނާގެ މަޤްޞަދަކަށް މިވަގުތުވީ އޭނާއާ ހެދި ޔާދިން އުޅޭވަރެއް ބަލާލުމެވެ.

ދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. އެޕާޓްމެންޓަށް ޔާދިން އައިސް ވަދެއްޖެއެވެ. އެ މޫނުން ފެންނަނީ ހާސްކަމެވެ. އޮފީހުގެ ރަސްމީ ހެދުމުގައި ހުރުމުން އެއީ އޮފީހުންކަން ޔަގީންވެއެވެ. ފިޒާނާ ފެނުމުން ޔާދިންއަށް މަޑުޖެހިލެވުނެވެ. އެ އަންހެންކުއްޖާ އަޅައިގެން ހުރި ހެދުމަކީ ހަށިގަނޑު ނިވާކުރުމަށް ލައިގެން ހުރި ހެދުމެއްނޫނޭ ޔާދިންގެ ހިތަށް އެރިއެވެ. އެފަދަ ގޮތަކަށް ފިޒާނާ ފެންނައިރު އޭނާއަކީ ވެސް ހުރިހާ ޚިއްސެއް ސަލާމަތުން ހުރި ފިރިހެނެއްކަން ފިޒާނާ ވިސްނާނުލާބާއޭ ޔާދިންގެ ހިތަށް އެރިއެވެ.

"ފިޒާ..." ޔާދިން ގޮވާލިއެވެ.

"ފޮޓޯ ޑިލީޓްކޮށްފީމޭ..." ޔާދިންއަށް ބަލާލުމެއްނެތި ފިޒާނާ ބުންޏެވެ.

ކަރުގައި އޮތް ޓައީ ދޫކޮށްލަމުން ޔާދިން އައިސް ފިޒާނާގެ ގާތުގައި ސޯފާގައި އިށީނެވެ. ފިޒާނާގެ އަތުގައި ހިފާލަމުން އެ މޫނު ޔާދިންއާ ދިމާއަށް އަނބުރާލިއެވެ. ފިޒާނާގެ ފެންކަޅިވެފައިވާ ދެ ލޯ ފެނުމުން ޔާދިން ހާސްވިއެވެ.

"އެހެން ބުނީ ފިޒާ ދެރަކުރާކަށްނޫނޭ. ޕްލީޒް... މަޢާފުކޮށްބަލަ." ޔާދިން އާދޭސް ކޮށްލިއެވެ.

"ޔާދު ލައިކެއްނުވޭ އަހަރެންދެކެ." ފިޒާނާގެ ހުނަރު އޮސްކާއެއް ދޭހާ މޮޅެވެ.

"އަހަރެން ފިޒާދެކެ ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ." ޔާދިން ބުންޏެވެ.

"ސީރިއަސްކޮށްތަ؟" ފިޒާނާ އަހާލިއެވެ.

"ވަރަށް ސީރިއަސް." ޔާދިން ބުންޏެވެ. ހިނިތުންވެލަމުން ފިޒާނާގެ ދެއަތް ޔާދިންގެ ކޮނޑުމަތިން ކަނދުރާގައި އަޅުވާލައި ފުންމައިގަތެވެ. އެހިނދު ފަހަތަށް ދިޔަ ޔާދިން ވެއްޓުނީ ސޯފާ މައްޗަށެވެ. ފިޒާނާގެ ދަލުގައި ޔާދިން ޖެހި ފިތިފައި އޮތެވެ. ޔާދިންގެ ދެތުންފަތް ފިޒާނާ ތެތްމާލަދިނެވެ. އެ ޢަމަލުގައި ޔާދިން ބައިވެރިވީ ޖެހިލުންވެފައި ހުރެއެވެ.

* * * * *

ކެންޒާ އައިސް ގެއަށް ވަންއިރު ސޯފާގެ ދިގަށް އޮށޯވެލައިގެން އޮތް ހަމީމު ފެނުނެވެ. ބޮލުގައި ބެންޑޭޖުކޮށްފައި އޮތްތަން ފެނުނެވެ. އެހެންވިޔަސް ބައްޕަގެ ހާލު ބަލާކަށް އޭނާ ނޫޅެއެވެ. ހަލުވިކޮށް ބަދިގެއާ ދިމާއަށް އޭނާ އައީ މަންމަ ހޯދުމަށެވެ. ބަދިގެ ފަރާތުގައި އޮންނަ ހުސްތަނުގައި ޕްލާސްޓިކު ގޮނޑިއެއްގަ އިށީނދެގެން އިނީ މިފްރާހެވެ. ބަދިގެ ތެރޭ ކައިފް އިނެވެ. މަންމަ ހުރީ ނިކަން ހިނިއައިސްފައެވެ. ކެންޒާއަށް ހިންދިރުވާލެވުނީ ބޭއިޚްތިޔާރުގައެވެ.

"މިހިރަ އައީނު..." މިންނާއަށް ކެންޒާ ފެނުމާއެކު ބުނެލިއެވެ. މިފްރާހުގެ ނަޒަރު ވަގުތުން ކެންޒާ ހޯދާލިއެވެ. ހިނިތުންވުން ފުޅާވެލީ ދަތްތައް ފެންނަވަރަށެވެ. އެ ދެ ލޮލުގައި އިހުނެތް ވިދުމެއް ފާޅުވެލިއެވެ.

"ކިޓީ..." ހިތާހިތުން މިފްރާހަށް ބުނެލެވުނެވެ.

ކެންޒާ އެނބުރި ގޭތެރެއަށް ވަދެގެން ދިޔައީ ނުހަނު އަވަހަށެވެ. އަނގައިން ބުނުމެއްނެތިއެވެ. މިފްރާހުއަށް ގޮނޑިން ތެދުވެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ކެންޒާގެ ފަހަތުން ދުވެފައި ދާން އޭނާ ބޭނުންވިއެވެ. އެ ދެއަތުގެ ތެރެއަށް ކެންޒާ ލުމާއެކު ލޯބިން ބޮސްދޭން މިފްރާހު ބޭނުންވެއެވެ.

"އެ ދިޔައީ ޔުނީފޯމް ބާލަން. މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެފަ." މިންނާ ބުންޏެވެ.

(ނުނިމޭ)