ދުނިޔެ

އެމެރިކާގައި ވެސް ޓިކްޓޮކް މަނާ ކުރަން ނިންމައިފި

Aug 1, 2020

ވޮޝިންގްޓަން (އޯގަސްޓް 1) - އެމެރިކާގައި ވެސް ޗައިނާގެ މަޝްހޫރު އެޕެއް ކަމަށްވާ "ޓިކްޓޮކް" މަނާ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.

އެގޮތުން، އެ އެޕް މަނާކުރާ ގަރާރުގައި މިއަދުގެ ވަގުތެއްގައި ސޮއި ކުރައްވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ނޫސްވެރިންނަށް ދެއްވައިފަ އެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސް އިން އުފައްދާފައިވާ އެޕް މެދުވެރިކޮށް، ޗައިނާ ސަރުކާރުން އެމެރިކާ ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދުމުގެ ފުރުސަތުއޮތްކަމަށް ބުނެ، އެމެރިކާ ސަރުކާރުގެ ކަމާބެހޭ އޮފިޝަލުން ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ޓިކްޓޮކް، އެމެރިކާގައި ވެސް 80 މިލިއަނެއްހާ މީހުން ބޭނުންކުރެ އެވެ.

ޗައިނާގެ ކުންފުނިތަކުގެ ކަސްޓަމަރުންގެ މައުލޫމާތު އިންޓެލިޖެންސްގެ ބޭނުންތަކަށް ޗައިނާ ސަރުކާރާއެކު ހިއްސާ ކުރަން ލާޒިމުކުރާ ގާނޫނާމެދު އެމެރިކާގެ ސިޔާސީ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ ގިނަ މޯބައިލް އެޕްތައް އިންޑިއާ ސަރުކާރުން ވެސް ވަނީ ދާދި ފަހުން މަނާކޮށްފައި އެވެ.

އިންޑިއާގެ ސަލާމަތާއި މިނިވަން ކަމަށް ނުރައްކާވާ ކަމަށް ބުނެ މިދިއަ ހޯމަ ދުވަހުން ފެށިގެން އިންޑިއާ ގައި ޗައިނާއަށް ނިސްބަތްވާ 59 އެޕް ވަނީ މަނާ ކޮށްފަ އެވެ.

އިންޑިއާ ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ޗައިނާ އާ ގުޅޭ ބޯޑަރު ސަރަހައްދުގައި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާމެދު ބޮޑު ކުރިމަތިލުމެއް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް، އެޕް ބޭނުން ކުރާ މީހުންގެ މައުލޫމާތު ޗައިނާ ސަރުކާރާ ހިއްސާ ކުރާ ކަމަށް އަމާޒުވެފައިވާ ތުހުމަތުތައް ޓިކްޓޮކް އާއެކު ގިނަ ކުންފުނިތަކުން ވަނީ ދޮގު ކޮށްފަ އެވެ.

އެކަމަށް ބާރު ދެމުން ޗައިނާ ސަރުކާރުން ބުނީ، އެ ގައުމުގެ ހުރިހާ ކުންފުނިތައްވެސް ހިނގާނީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާއި ހަމަތަކުގެ މަތީން ކަމަށެވެ. އެގޮތުން، އެއްވެސް ކުންފުންޏެއްގެ ވިޔަފާރީގެ ތެރެއަށްވަދެ، އެފަދަ މައުލޫމާތެއް ހޯދަން މަސައްކަތް ނުކުރާކަމުގެ ޔަގީންކަން ވެސް ޗައިނާ ސަރުކާރުން ވަނީ ދީފަ އެވެ.