ވާހަކަ

ލޯބިން ބުނެލަން

(31 ޖުލައި 2020 އާ ގުޅޭ)

ކެންޒާ އެނބުރި ގޭތެރެއަށް ވަދެގެން ދިޔައީ ނުހަނު އަވަހަށެވެ. އަނގައިން ބުނުމެއްނެތިއެވެ. މިފްރާހުއަށް ގޮނޑިން ތެދުވެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ކެންޒާގެ ފަހަތުން ދުވެފައި ދާން އޭނާ ބޭނުންވިއެވެ. އެ ދެއަތުގެ ތެރެއަށް ކެންޒާ ލުމާއެކު ލޯބިން ބޮސްދޭން މިފްރާހު ބޭނުންވެއެވެ.

"އެ ދިޔައީ ޔުނީފޯމް ބާލަން. މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެފަ." މިންނާ ބުންޏެވެ.

"މަންމަމެން ނެތި މިކޮޅުގައި އުޅެން ދައްޗެއްނޫންތަ؟." މިންނާގެ ވާހަކަ އަލުން މިފްރާހާ އަމާޒުކޮށްލިއެވެ.

"އުނދަގޫ. މަންމަ ކޮށްދޭ ގޮތަށް ކަންތައްތައް ކޮށްދޭނެ މީހަކު ނުހުރޭ. އެންމެ ދަތިވަނީ ކާގަޑިތަކުގައި. މަންމަގެ ކެން ހާދަ މީރުކޮށް ކައްކައޭ. އެކަމަކު ވަރަށް އާދޭސްކޮށް އަނގައިގަ ރަހަލާވަރުވަނީ." މިފްރާހު ހީނލިއެވެ.

"ދެން ތިބުނީ މި މަންމަގެ ކެއްކުން ނުބައޭތަ؟." މިންނާ ސަމާސާކޮށްލިއެވެ. އޭނާއަށް މިފްރާހުގެ މިޒާޖު ވަރަށް ކަމުދިޔައެވެ. އަދި މިފްރާހު ނުބުންޏަސް އޭނާ ކެންޒާއަށް ޝައުގުވެރިވާކަން މިންނާއަށް ދެނެގަންނަން އުނދަގުލެއްނުވިއެވެ.

"އެއްގޮތަކަށް އެހެނެއްނޫން." މިފްރާހު ނިކަން އަވަހަށް ބުންޏެވެ. މިންނާގެ ހިނިތުންވުން ފުޅާވެލިއެވެ.

"ތިހެން މާލެތެރޭގައި އުޅެނީތަ؟. ވަޒީފާއަކަށް ދާން ގަސްދެއް ނުކުރަންތަ؟. މިހާރު ވަރަށް ގިނައިން މަންމައަށް ފެންނަ މަންޒަރެއް، ޢާއިލާގެ ތަނަވަސްކަމުގައި ގިނަ ޒުވާނުން ދިރިއުޅެނީ އަތުންފައިން މަސައްކަތެއްނުކޮށް. އަނެއްކާ މިފްރާހުގެ ވިސްނުން ހުރީ އެހެންތަ؟. ހަރުދަނާ ޒިންމާދާރު ޒުވާނަކަށްވުމުގެ ވިސްނުން އެބަހުރިތަ؟." މިންނާގެ ވާހަކައަށް ޖަވާބެއް ދިނުމުގެ ކުރިން މިފްރާހު ވިސްނާލިއެވެ.

"މީހަކާ އިނދެ ދިރިއުޅުމެއް ފެށުމުގެ ވިސްނުން ހުރީ." އިރުކޮޅަކު އިނދެފައި މިފްރާހު ބުންޏެވެ.

"ތީ ރަނގަޅު ވިސްނުމެއް... އެކަމަކު، މަންމައަށް ފެންނަ ގޮތެއް ބުނަންތަ؟." މިންނާ ހީވީ މިފްރާހުގެ ގާތުން ހުއްދައަށް އަހާލީ ހެންނެވެ. ދެމީހުންގެ ނަޒަރު ސީދާވެލިއެވެ. ބުނާށޭ ބުނާފަދައިން މިފްރާހު ބޯޖަހާލިއެވެ.

"ކައިވެންޏެއް ކުރުމުގެ ކުރިން ފުރަތަމަ އަމިއްލަ ފައިމައްޗަށް ތިމާ ތެދުވަންވީ، މަސައްކަތެއްކުރަންވީ، ރަނގަޅު ވަޒީފާއަކަށް ދާންވީ، ކައިވެންޏަށްފަހު އަނބިމީހާއެއްނޫން ފިރިމީހާ ބަލަހައްޓާނީ، އެއީ ފިރިހެންމީހާގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް. މައިންބަފައިންގެ މުއްސަނދިކަމަކީ އެމީހުންގެ މިންނަތް މަސައްކަތް، އެމީހުން ވެސް ހިތްހަމަޖެހި އުފާވާނެ ދަރީންގެ ފުށުން އެފަދަ ހަރުދަނާކަމެއް ފެންނަން ފެށުމުން. އަނތްބަކަށް ފިރިމީހާގެ މައްޗަށް އޮންނަ ޔަގީންކަން އިތުރުވާނެ. ފިރިމީހާ ރަނގަޅު މަގުން ހިނގާނަމަ އަނބިމީހާއަށް މަގު އޮޅި ގޮތްހުސްވުމުގެ ފުރުޞަތެއް ނޯންނާނެ." މިންނާގެ ވާހަކަތަކަށް އެއްބަސްވާކަން އަންގަމުން މިފްރާހު ދިޔައީ މަޑުމަޑުން ބޯޖަހަމުންނެވެ.

"މަންމައަށް ހީވޭތަ އަހަރެން އެފަދަ ގޮތަކަށް ބަދަލުވެއްޖެނަމަ ކައިވެންޏަކާ ހަމައަށް ދެވިދާނެހެން." މިފްރާހު އަހާލިއެވެ.

"ހޫމް..." މިންނާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމާއެކު އޭނާ ބޯޖަހާލިއެވެ.

"ވަޒީފާއެއް ހޯދަން މިފަށަނީ." ހަށިގަނޑު ތެދުކޮށްލުމާއެކު މިފްރާހު ނިކަން އަވަހަށް ބުނެލިއެވެ. މިންނާއަށް ހީނލެވުނެވެ. އޭނާ ދެއްކި ވާހަކަ އެހާ އަވަހަށް މިފްރާހު ޤަބޫލުކުރާނޭ ހިޔެއްނުކުރެއެވެ.

"ތި ބޯކޮށާލަކަށް ނުވިސްނަންތަ؟. މިހާރު ހުތުރީކީނޫން، މަންމައަށް ހީވަނީ ކުރުކޮށްލިޔަސް މިފްރާހާ ވަރަށް ގުޅޭނެހެން. އޭރުން ޔަގީނުން ވެސް ފުރަތަމަ ފެނިލުމުން މީހުންނަށް ނުބައި މާނައެއް ނުނެގޭނެ، މީހާގެ ސިފައަށް ބަލާފައި ގޮތް ނިންމާ މީހުން އަދިވެސް ގިނައީ." މިންނާ ބުނެލިއެވެ. މިފްރާހު ނަޒަރު އަމާޒުވެލީ ކައިފްއަށެވެ.

"މަންމަގެ ޚިޔާލު ކަމުނުދިޔައީ ދޯ." މިފްރާހު ޖަވާބެއް ނުދީ ގިނައިރުވުމުން މިންނާއަށް ބުނެވުނެވެ.

"ނޫން... ވިސްނާނަން ތިކަމާ. މަންމަގެ ކެން ހާދަ އިރެއް އެވަނީ" މިފްރާހުގެ ނަޒަރު ގޭތެރެއަށް އަމާޒުވެލިއެވެ.

"އަންނާނަން ބަލާލާފައި. ކެންއާ ބައްދަލުނުކޮށް ނުދާންކަން އެނގޭ ތިއިންނަނީ." މިންނާ ހީނލިއެވެ. ރަކިވެގެން އިސްޖަހާލާ ފަދައިން މިފްރާހު އިސް އޮބާލިއެވެ. މިންނާ ގޮސް ގޭތެރެއަށް ވަނެވެ.

ކޮޓަރީގައި ޓަކި ދިނުމުން ކެންޒާ އައިސް ދޮރު ހުޅުވާލިއެވެ. ހެދުން ބަދަލުކޮށްގެން އެނދުގައި އޮށޯވެލައިގެން ކެންޒާ އޮތީ މިފްރާހާ ބައްދަލުކުރަން ބޭނުންނުވެފައެވެ. ކޮޓަރީގެ ދޮރުމަތީ ހުރީ މަންމަކަން އެނގުމުން ފުރަތަމަ ވެސް ކެންޒާއަށް އަހާލެވުނީ މިފްރާހު ދިޔައީތޯއެވެ.

"އޭނާ ދަރިފުޅާ ބައްދަލުކޮށްފައި ނޫނީ ނުދާން އެއިންނަނީ، ކީއްވެތަ ނުނިކުންނަން ތިހުރީ." މިންނާ އަހާލިއެވެ.

"ބައްދަލުކުރާހިތެއްނުވޭ." ކެންޒާ ބުންޏެވެ.

"ކީއްވެ؟." މިންނާ ކުރި ސުވާލާއެކު ކެންޒާއަށް މަންމައާ ދިމާއަށް ބަލަން ހުރެވުނީއެވެ.

"އޭނާ ނުޖަހާ ގޯސްކުއްޖެއް ވައްތަރެއް. ބައްޕައާ ރައްޓެހިކަން އޮންނާތީތަ ކެން ހިތްހަމަނުޖެހިފަ ތިހުންނަނީ. މިފްރާހު ބުންޏޭ މަންމަ ގާތު. ދެން އާދޭ... އެންމެންނަކީ ކެންޒާގެ ބައްޕައަކަށް ނުވާނެ. ދަރިފުޅަކީ ވިސްނޭކުއްޖެއް، އޭނާ އެހެން އައީމަ ވާހަކަނުދައްކާ ފޮނުވާލާކަށްނުވާނެ." ކެންޒާގެ ކޮނޑާ ދިމާލުން ވައަތުގައި މިންނާ ފިރުމާލިއެވެ. މަންމަ އެދުނީތީ ނުގޮސް ހުންނާކަށް ކެންޒާއަށް ނުކެރުނެވެ.

މިންނާއާއެކު ކެންޒާ ފެނުމުން މިފްރާހުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކެންޒާ އައިސް ވަނީ ބަދިގެއަށެވެ. މިފްރާހަށް ގޮވާ ނުލުމުން އޭނާގެ ހިތްވަރަކަށް ބަދަލެއްނާދެއެވެ. އެ އަންހެންކުއްޖާ ގާތުގައި ފެންނަން ހުރުމަކީ ވެސް މިފްރާހަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިފްރާހުގެ ނަޒަރު ކެންޒާއާ ވަކިނުވާކަން މިންނާއަށް ފާހަގަވެ ހީނލެވުނެވެ. އޭނާގެ ހަޔާތުގައި ވެސް އެފަދަ ދުވަސްތަކެއް އައިކަން ގައިމެވެ. ނަމަވެސް އެ ދުވަސްތައް ކުލަރީތި ހުވަފެނަކަށް ބަދަލުވީ ދާދި އަވަހަށެވެ. އެފަދަ ބަދަލަކަށް މިންނާގެ ނަފްސު ތައްޔާރު ނުވަނީހެވެ. ނޭނގި ހުއްޓައެވެ. ދިރިއުޅުމުގައި ތިމާ ކުރި ހަނގުރާމަ، އޭނާގެ ދަރިއަކު ކުރާން އެއްވެސް މަޔަކު ނޭދޭނެއެވެ. މިފްރާހުގެ ޝައުގުވެރިކަމަކީ އެކަމާ މެދު މިންނާއަށް ހުރަސް އެޅޭނޭ ކަމެއްނޫނެވެ. މިފްރާހުގެ ވަނަވަރު ހޯދުމަށް އޭނާ ގަސްދުކުރީ އެހެންވެއެވެ. މިފްރާހު އައީ ރަނގަޅު ޢާއިލާއަކުންނެވެ. ކެންޒާގެ ހަޔާތަށް ރަނގަޅު ބައިވެރިއަކު އައުމަކީ މިންނާ ފުރިހަމަވާން އެދޭ ހުވަފެނެވެ. އެ ދަރިފުޅު ދިރިއުޅުމެއް ފަށައި އުފާވެރި ހަޔާތެއް ވޭތުކުރާތަން ދުށުމަށް މިންނާގެ ނަފްސު ކެތްތެރިކަން ކުޑަވެފައިވެއެވެ.

ފެންފޮދެއް ބޯލަން ބޭނުންވާކަން ބުނެ މިފްރާހު ތެދުވެ ބަދިގެއާ ދިމާއަށް ދިޔައެވެ. މިންނާގެ ސިކުނޑި މާ ހުސިޔާރެވެ. މިފްރާހު އެދޭ ފުރުޞަތު ދިނުމަށް އޭނާ ގަސްދުކުރިއެވެ. އެހެންވެ ބަދިގެ ތެރޭގައި އިން ކައިފްއަށް ގޮވާލައި ނެރުނެވެ. ފިރިހެން ދަރިފުޅު ގޮވައިގެން މިންނާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. ކައިފް ނުދާން އުޅުމުން އޭނާގެ އަތުގައި މިންނާ ހިފާލީއެވެ. އެހިސާބުން ކައިފްއަށް ވެސް މަޖުބޫރުވީ މަންމަގެ އެދުމާ އެއްގޮތަށް ޢަމަލުކުރާށެވެ.

"މަންމާ... އެ ދެމީހުން ގުޅެންތަ މަންމަ ބޭނުންވަނީ؟." ކައިފް ޖެހިލުމެއްނެތި ސުވާލު ކުރިއެވެ.

"ފުރުޞަތު ދިނުން ގޯހެއްނޫން. ވަގުތާއި ހާލަތު މީހާގެ ގޮތް އަނެކާއަށް ބުނެދޭނެ. ކައިފްގެ ކޮއްކޮގެ ކައިވެނި ކުރުވާކަށްނޫން މަންމަ މިއުޅެނީ. ދަރިފުޅު ތިހާ ހިތްހަމަނުޖެހޭންވީ ކަމެއް މަންމަ ނުކުރަން. ކައިފް، ކެންއަކީ އަންހެންކުއްޖެއް... މަންމަ ބޭނުމީ އޭނާ ރަނގަޅު ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފަށަން. ކެންގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދޭނޭވަރުގެ ރަނގަޅު ފިރިއަކު އެކުއްޖާއަށް ލިބެން. މަންމަ ވެސް ވިސްނާފައި މިކަހަލަ ނިންމުން މިނިންމަނީ." މިންނާ ބުންޏެވެ. މަންމައާ ދެކޮޅުވެ ޖަދަލުކުރުމަކީ ކައިފްއަށް ވާނޭ ކަމެއްނޫނެވެ. އެ މަންމައަށް ޓަކައި އޭނާވަނީ ދަރަނިވެރިވެފައެވެ. އެއީ ދުވަހަކުވެސް އަދާކުރެވޭނޭ ދަރަންޏެއްނޫނެވެ. އަނެއްކޮޅުން ކޮއްކޮގެ ސިއްރުތައް ހާމަކޮށްފިނަމަ އެކޮއްކޮ އިތުބާރު ކުރަން ދެން ހުންނާނީ ކާކު ހެއްޔެވެ. އެހެންވެ މަންމައަށް ކެންގެ ހަޔާތަށް ބައިވެރި އަތުވެއްޖެކަން ހާމަކުރަން ބޭނުންވިޔަސް ކައިފްއަށް އެކަމެއްނުވިއެވެ.

"ވާހަކައެއް ނުދައްކާނަންތަ؟. އަހަރެންގެ ހާލު ވެސް އަހާނުލާނަންތަ؟." މޭޒުކައިރީ އިން ކެންޒާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ އިން މިފްރާހު ވާހަކަދެއްކިއެވެ. އެ ހިސާބުގައި މިންނާއާއި ކައިފް ނެތުންވީ މިފްރާހަށް ލިބުނު ރަނުގެ ފުރުޞަތަކަށެވެ.

"ކިޓީ... ޕްލީޒް... އެއްޗެކޭ ބުނެބަލަ. އައި މިސްޑް ޔޫ." މިފްރާހު ކައިރިއަށް ޖެހިލިއެވެ. އޭނާގެ އަޑު މަޑެވެ.

"ކީއްކުރަންތަ ތިއަންނަނީ." ކެންޒާގެ އަޑުގައިވީ ފޫހިކަމެވެ.

"ތިހެން ވާހަކަނުދައްކަބަލަ." މިފްރާހު ބުންޏެވެ.

"ދެންމެ ބުނީ އެއްޗެކޭ ބުނެބަލާށޭ..." ކެންޒާ ބުންޏެވެ.

"ރުޅިނާދެބަލަ." މިފްރާހު އެދުނެވެ.

"ތިހާ ކައިރިނުވެ ދުރުގަ ހުރެބަލަ." ކެންޒާ ލޯ އަޅާލިއެވެ. މިފްރާހު ގާތްވެލާފައި ވެސް ދުރަށް ޖެހިލިއެވެ. މޭޒުގައި އޮތް އަތް ކުރުކޮށްލައި ބޮލުގައި ޖައްސާލިއެވެ. އަދި ބޯއަރިކޮށްލައިގެން މިފްރާހު ބަލަން އިނީ ހިނިތުންވުމަކާއެކުއެވެ.

"އައި ލަވް ޔޫ..." އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިފްރާހު ބުނެލިއެވެ. ކެންޒާގެ ދެބުމަ ގޮށްޖެހުނު ކަހަލައެވެ. އެއާއެކު މިފްރާހު ލޯބިވާކަން ތަކުރާރުކޮށްލިއެވެ.

"އަހަރެން ނުވޭ." ކެންޒާ ބުނެލީ ނިކަން އަވަހަށެވެ.

"އަދިވާނެ..." މިފްރާހު މިހެން ބުނުމުން ކެންޒާ ބަލާލީ ޤަބޫލުނުކުރެވިފައި އިން ކަހަލަ ގޮތަކަށެވެ.

"އެހެން އެންމެނާ މާ ތަފާތު... މީ އަހަރެން ޕްލޭންކުރި ގޮތެއްނޫން. ބްލީވް މީ ކިޓީ، އަހަރެން ކޮންމެ ކަމެއް ވެސް ކޮށްފާނަން... ތީ އަހަރެންގެ މީހެއް، ކިޓީ ކޮންމެ ކަމަކަށް އަހަރެންނަށް ކެތްކުރެވޭނެ، އެކަމަކު... ހަނދާންނައްތާނުލާތި ތީ އަހަރެންގެ މީހެއްކަން. ވަރަށް އަވަހަށް ތީ އަހަރެންގެ އަނތްބަކަށް ހަދާނަން. އޭރުން ދެން ނުފިލޭނެ. ޑެސްޓިނީ އަހަންނަށް ކިޓީ ދެއްކީ، އެ ދުވަހަށްފަހު އަހަރެންގެ ހިތަކީ އަހަރެންގެ އެއްޗެއްކަމުގައި ނުވޭ." މިފްރާހުގެ ވައަތްތިލައިން ކެންޒާގެ އިސްތަށިގަނޑުގައި އަތްލިއެވެ. އެހާމެ އަވަހަށް ކެންޒާ އެ އަތް ފޮޅުވާލިއެވެ.

"ތިއިން އެއްވެސް ކަމެއް ނުވާނެ. ދުވަހަކުވެސް އަހަރެން މިފްރާހުގެ މީހަކަށްނުވާނެ. އަހަންނަށް އެއްގޮތަކަށް ވެސް މިފްރާހު ކަމަކުނުދޭ. ލޯބިނުވާއިރު އަދި އަނތްބަކަށް ވެގެން އުޅޭނީ ކިހިނެއް؟. އެއީ އަދި މާ ދުރުގައި އޮތްކަމެއް. އަހަރެންގެ މަންމައާއި ބައްޕަގެ ބޮލަށް ކިތަންމެ ވަރަކަށް އެރުނަސް އަހަރެން ބޭނުންނުވާހާ ހިނދަކު އެއްކަމެއް ވެސް ނުވާނެ." ކެންޒާ ބުންޏެވެ.

ރައްދު ދިނުމުގެ ވިސްނުމެއް މިފްރާހުގެ ނެތެވެ. އޭނާ ބޭނުންވި އެއްޗެއް ހޯދޭނެކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް އޮތެވެ. މިހާތަނަށް އޭނާގެ ހިތާ ގުޅިފައިވާ ނިންމުމެއް ނިންމާކަށް ނުޖެހެއެވެ. ދުވަހަކު ވެސް ކަމެއް ޚާއްޞަ ނުވާ ވަރަށް އޭނާއަށް ކެންޒާ ކަމުގޮސްފިއެވެ. ވީއިރު ކޮންމެ ގޮތަކުން ވިޔަސް އޭނާގެ މިލްކަކަށް ކެންޒާ ހަދާފައި ނޫނީ އޭނާ ހިންދެމިނުލާނެއެވެ. އޭނާގެ އަނތްބަކަށްވުމަށްފަހު ކެންޒާއަށް ލޯތްބަކީ ކޮބާކަން އެނގޭނެޔޭ މިފްރާހުގެ ވިސްނުމުގައި ވިއެވެ. އޭރުން މިފްރާހުގެ ފުށުން ލިބޭ ލޯތްބާއި އަޅާލުމުން ކެންޒާގެ ހިތް އިސާހިތަކު ބަދަލުވެދާނެއެވެ.

މިފްރާހު ފެނުމުން ކެންޒާ ކާހިތް ވެސް ކެނޑުނީއެވެ. މަންމަގެ ބުނުމަށް އައީތީ އޭނާ ބަދިގެއަށް ވަދެ ޖޫސްތަށްޓެއް އަޅައިގެން އިނީއެވެ. އެ ޖޫސްތަށި ހުސްވުމުން އެތަނުގައި އިނުމުގެ ބޭނުން ކެނޑިއްޖެކަމުގައި ކެންޒާ ދުށްޓެވެ. ތަށި ހިފައިގެން ތެދުވީ މިފްރާހުގެ ކުރިމަތިން ދިއުމުގެ ފުރުޞަތު ހޯދާށެވެ. ނަމަވެސް އޭނާ ތެދުވެގެން ދެފިޔަވަޅު އަޅާލެވެން ވީއިރު މިފްރާހު އިން ގޮނޑި ތަޅުމުގައި ހޭކިލި އަޑު އިވުނެވެ. ދެން ފެނުނީ އައިސް ކެންޒާގެ ނުހަނު ގާތުގައި މަޑުކޮށްލިތަނެވެ.

* * * * *

"ކިހިނެއްވީ؟. ރޮނީތަ؟." އަނބިމީހާ ފެނުނު ހިނދު އަސަދަށް ބަޔާންކުރަން ނޭނގޭ ހާސްކަމެއް ވެރިވެއްޖެއެވެ. ބެލްކަންޏަށް އޭނާ ނުކުތީ ސަރަފީނާ ނުފެނިގެންނެވެ. ފިކުރުބޮޑުވެއްޖެނަމަ ކަންކަމަކާ ވިސްނަން ސަރަފީނާ އެތަނުގައި އެކަނި އިންނަކަން އަސަދަށް އެނގެއެވެ. އަނބިމީހާއަށް ކަމެއްވެއްޖެއޭ ހިތްބުނީ އެހެންވެއެވެ. ނަމަވެސް އެ ދެ ލޮލުން ކަރުނައިގެ އަސަރު ފެނިދާނޭ އެއްފަހަރު ވެސް އަސަދުގެ ހިތަކަށް ނާރައެވެ. އޭނާހާ ގިނައިން އެ ދެ ލޯ ރޮއްވި ދެވަނަ އިންސާނަކު ނުހުންނާނެއެވެ. އެކަމަކު އެ ހާލަތު ބަދަލުވިތާ އެތައް އަހަރެއް ވެއްޖެއެވެ. އޭގެ ފަހުން އެ ދެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނޫނި ހިލުނަކަށް ނުދެއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އެ އަނބިމީހާގެ އުނގަށް ޖަމާކޮށްދެވޭތޯ އަސަދު ބެލިއެވެ.

"ރޫމާން..." ގާތުގައި ހުއްޓިލި އަސަދުގެ ބަނޑާ ދިމާލުން ސަރަފީނާ މޫނުޖައްސާ ފޮރުވާލިއެވެ.

"ސަރާ، އަހަންނަށް ކަމެއްކުރެވުނީތަ؟." ހާސްވެފައި އަސަދު އަހާލިއެވެ.

"ޒުބިން އުޅެނީ ލައިރާ ވަރިކުރަން." މޫނު ފޮރުވާލައިގެން އިންގޮތަށް އިނދެ ސަރަފީނާ ވާހަކަދެއްކިއެވެ. ހިނދުކޮޅެއްގެ ހިމޭންކަމެއް ވެރިވީ އަސަދަށް އިވުނު ޚަބަރު ޔަގީންކުރުމަށް އޭނާގެ ނަފްސު ވަގުތު ބޭނުންވުމުންނެވެ. ވަގުތުން އަނބިމީހާ ގަޔާ ދުރުކޮށްލަމުން މޭޒުގެ އަނެއްކޮޅުގައި ހުރި ގޮނޑި ދަމާލާފައި ގެނެސް ސަރަފީނާއާ ކުރިމަތިވާނޭހެން ބަހައްޓައި އަސަދު އިށީނދެއްޖެއެވެ.

"ކީއްވެ؟. ލައިރާތަ ބުނީ... އެހެންވެތަ ޒުބިން މިގޭތެރެއިން ނުފެންނަނީ." އަސަދަށް އަހާލެވުނެވެ. ސަރަފީނާ ބޯޖަހާލިއެވެ.

"ޔުމްނާއާ ވާހަކަދައްކަން އަހަރެން ބޭނުން. އަހަރެން ބޭނުމެއްނޫން އެ ދެކުދީން ވަކިވާކަށް. އަހަންނަށް ޔަގީން ހާރުންބެއާއި ޔުމްނާ ވެސް އެގޮތް ނޭދޭނެކަން." ސަރަފީނާގެ ވާހަކަދެއްކުމުގައި ހިތްއަވަސްކަން އެކުލެވިފައި ވިއެވެ. އޭނާ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އެ ދެކުދީންގެ ދެމެދުގައި ހިނގައިގެން އުޅޭ މައްސަލަ ދެނެގަނެ ހައްލުކޮށްދިނުމެވެ.

"ޒުބިން... ތީ ހާދަ ބޮޑު ނިންމުމެކޭ. ދަރިފުޅާ މެދު ވެސް ޒުބިން ނުވިސްނީތަ؟. ޖެހުނު މައްސަލައަކީ ކޮބާކަން ލައި ބުނިތަ؟. ކަމެއްނުވެ ޒުބިން ތިވަރުގެ ނިންމުމެއް ނިންމާނޭ ހާދަ ހީނުވެޔޭ. ޒުބިންއަކީ ވިސްނާނުލާ ކަންކަން ކުރާނޭ ކުއްޖެއްނޫން. އަހަރެން ވެސް އެ ދެކުދީން ވަކިވާކަށް އެއްގޮތަކަށް ވެސް ނޭދެން. ވީގޮތެއް ބަލާފަނޫނީ އަހަރެމެން ވެސް ގޮތެއް ނިންމައިގެން ނުވާނެ." އަސަދަށް ވެސް ވީ ސަރަފީނާއަށް ވީވަރެވެ. ޒުބިން ވަރި ފަދަ ނިންމުމެއް ޚިޔާރުކޮށްފާނޭ އެއްގޮތަކަށް ވެސް އެމީހުން ހިޔެއްނުކުރެއެވެ. މިހާ ދުވަހު އެ ދެކުދީންގެ ދިރިއުޅުމުން ވެސް މައްސަލައެއް ޖެހިގެން އުޅޭކަމުގެ އެއްވެސް އަލާމާތެއް ފެނިފައެއްނުވެއެވެ. އެކަން ސަރަފީނާގެ ދުލުން ހާމަކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"އަހަރެމެން ނޭނގި އޮވެދާނެ... އެކުދީން މިހާ ދުވަހު އުޅުނީ އަހަރެމެންގެ ކުރިމަތީގައެއްނޫން. ރާއްޖޭން ބޭރުގައި ތިއްބާ އިލީ ވެސް ލިބިފަ އެހުރީ." އަސަދު ވާހަކަދެއްކީ ސަރަފީނާ ހާމަކުރި ޚިޔާލަށެވެ.

"ލައި ހާދަވަރަކަށް ރުޔޭ. އޭނާ އެއްގޮތަކަށް ވެސް ވަރިވާން ބޭނުންނުވާކަން ޔަގީން. ރޫމާން... ޒުބިންއާ ވާހަކަދައްކަބަލަ. އޭނާ ކުރަން އުޅޭކަންތައް ހުއްޓުވާ. އެކުއްޖާއަށް ވިސްނައިދީބަލަ." ސަރަފީނާއަށް އާދޭހާއެކު ހިފާލެވުނީ އަސަދުގެ އަތުގައެވެ.

"އަހަރެން ލައިއާ ވާހަކަދައްކާނަން. މަންމައަށް އެނގޭތަ؟." އަސަދަށް އަހާލެވުނެވެ.

"ނޭނގޭނެ. އިހަށް މިކަން ހައްލުވޭތޯ ބަލަންވީ." ސަރަފީނާ ޖަވާބު ދިނީ ނިކަން އަވަހަށެވެ.

* * * * *

"ކީއްވެ މޫޑީވެގެން ތިއުޅެނީ؟. ޕެންޑާގެ ޝަކުވާއެއްހާ ހިސާބު ވެސް މިރޭ އަޑެއް ނީވޭ." ކަސްރަތުކޮށް ނިމިގެން ފެންވަރައި ރީތިވެގެން ކޮޓަރިން ނުކުމެގެން އައި ކެންޒާއަށް ލައިތު ބުންޏެވެ.

"ކަމެއްނުވޭ... އަހަރެން ނިމުނީ. ހިނގާ ގެއަށް ލައިދޭން." ކެންޒާ ބުންޏެވެ.

"އިހަށް އާދެބަލަ އިށީންނަން." އިށީނދެ އިން ސޯފާއަށް ލައިތުގެ ބޮލުން އިޝާރާތްކޮށްލިއެވެ. ކެންޒާ މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ.

"ހާދަ ދުރުގައި... މިކޮޅަށް އާދެބަލަ." ލައިތު ބުންޏެވެ.

"މިތަން އޯކޭއޭ." ކެންޒާ ބުންޏެވެ. އެއާއެކު ލައިތު ތެދުވެގެން އައިސް ކެންޒާގެ ގައިގާ ޖެހިގަނެގެން އިށީނދެއްޖެއެވެ. އަދި ކެންޒާގެ ފުރަގަހުން ސޯފާގެ ދިގަށް އަތްދަމާލައި އޭނާގެ ނިތްކުރިން ކެންޒާގެ މޫނުގައި ޖައްސާލިއެވެ.

"ކައިރިނުވާންވީތަ؟." ލައިތު އަހާލިއެވެ. އެއާއެކު ދެފަރާތަށް ކެންޒާ ބޯހޫރާލިއެވެ.

"ޕީރިއަޑްވީތަ؟." ދެވަނަ ސުވާލު ލައިތު ކޮށްލިއެވެ. ކެންޒާއަށް ކަމެއްވެއްޖެކަން އޭނާއަށް ޔަގީންވެއެވެ.

"ދެން ކިހިނެއްވެފަ ތިހުންނަނީ؟. އަހަންނަށް ކަމެއްކުރެވުނީތަ؟. މާ މަޑުމަޑުން ތިއިންނަނީ... އަހަރެންގެ ޕެންޑާ ކޮބާތަ؟. އައި ވޯންޓް ހާ ބެކް... ގިވް މީ މައި ޕެންޑާ..." ލައިތުގެ ސަކަރާތްބޮޑުވިއެވެ. ކެންޒާގެ ބޮޑު ކޮލުގައި އޭނާ ދަތްއެޅިއެވެ. ކެންޒާގެ ބަނޑުގައި ކޮއްޓަންފެށިއެވެ. ހީނނުލައި އިނުން ކެންޒާއަށް އުނދަގޫވިއެވެ. ސިކުނޑީގައިވި މިފްރާހުގެ ސޫރައާއި އޭނާގެ ހިންގި ޢަމަލުގެ އަސަރު ފުހެލަން ކެންޒާ ނުހަނު ބޭނުންވިއެވެ.

"ލައިތު... ކީއްވެ އެހާ ދުރުން މިހާރު އުޅެނީ." ކެންޒާ އަހާލިއެވެ. ލައިތުގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. ފަރުވާތެރިކަމާއެކު ކެންޒާއަށް ލައިތު ބަލާލިއެވެ.

"ކަމެއްނުވޭ." ލައިތުގެ އަޑުގައި ކުރިން ހުރި މަޖާގޮތް ކެނޑި ހިމޭންވެލިއެވެ.

"ލައިކްނުވީތަ؟." ކެންޒާއަށް ބުނެވުނެވެ.

"މިހާ ލޯބިވާނެ މީހަކު އަހަރެންގެ ނެތް. މިހަށިގަނޑުގައި އަހަރެން ލައިކްނުވާ އެންމެ ތަންފުކެއް ވެސް ނެތް." ކެންޒާގެ ކޮނޑުގައި ލައިތު ބޮސްދިނެވެ.

"ޔޫ ޔޫސްޑް ޓު ކިސް މީ އަލޮޓް. އެއްކަލަ ރެއަށްފަހު ލައިތު ޗޭންޖުވެއްޖެ. އަހަންނާ އެހާ ކްލާޒްވާން ބޭނުމެއްނުވޭ. ކަމެއްވީމައެއްނު އެހެންވާނީ. އަހަންނަށް އެނގޭ ހުރިހާކަމެއް..." ކެންޒާ ބުންޏެވެ.

"ނޯ ޔޫ ޑޯންޓް... ކެންއަށް އެނގޭތަ އަހަރެން ބޭނުންވާވަރު، ދެވަނަ ފަހަރަށް އެހާ ގާތްވެއްޖެނަމަ އަހަންނަށް ހުއްޓާލާފަ ދުރަކަށް ނުދެވޭނެ. އެޔެއްނޫން އަހަރެން ބޭނުންވާގޮތަކީ. އަހަންނަށް ކޮންޓްރޯލުނުކުރެވޭނެތީ ލިމިޓް ކަނޑައެޅީ. އެހާ ލޯބިވާއިރު ދުރުގައި ހުރުމަކީ ފަސޭހަކަމެއްހެން ކެންއަށް ހީވޭތަ." ލައިތުގެ އަޑުގައި ކެންޒާގެ ނަފްސަށް އަސަރުފޯރުވާފަދަ ގޮތެއް ހުއްޓެވެ. އޭނާ ލައިތާ ނަޒަރު ސީދާކޮށްލިއެވެ. ލައިތުގެ ދަތްދޮޅި ފޮރުވޭ ގޮތަށް ސްޓައިލްކޮށްފައިވާ ތުނބުޅީގައި ކެންޒާ ފިރުމާލިއެވެ. އެއަތުގައި ހިފަހައްޓާލުމާއެކު ގެނެސް ލައިތުގެ ތުންފަތުގައި ޖައްސާލިއެވެ.

"ކިސް މީ... ޕްލީޒް..." ކެންޒާގެ އަޑު މަޑުކަމުން ހީވީ ސިއްރެއް ބުނެލިހެންނެވެ. ލައިތަށް ކުރިއަށް ޖެހިލެވުނީ ކެންޒާގެ އެދުމާ ދެކޮޅު ހެދުމުގެ ބާރުނެތިފައިވާ މީހަކު ފަދައިންނެވެ.

"ޖަސްޓް އަ ކިސް." ކެންޒާގެ ލޮލުގެ ތެރެއަށް ގެނބިގެން ދިއުމުގެ ކުރިން ލައިތު ބުނެލިއެވެ.
ގުޅިފައިވި ނޭވާ ވަކިވި ހިނދު ކެންޒާގެ މެރިފައިވާ ދެ ލޯ ހުޅުވާލިއެވެ. މަޑުމަޑުން ލައިތު ދުރަށް ޖެހިލައި ސޯފާގައި އިށީނެވެ. ސޯފާގެ އަތްގަނޑާ ދިމާގައި އޮވެވުނު ކެންޒާ ތެދުވެ އިށީނެވެ. ލައިތަށް ބަލާލި ހިނދު އޭނާ ވާހަކަދެއްކިއެވެ.

"އައި ލަވް ޔޫ." ލައިތު ބުންޏެވެ. ހަމައެފަދަ ފުރިހަމަ ޖަވާބެއް ކެންޒާ ލައިތަށް ދިނެވެ.
މަޑުމަޑުން އަމިއްލަ ތުންފަތުގައި ކަނާއަތުގެ އިނގިލިތައް ކެންޒާއަށް ޖައްސާލެވުނެވެ. އެތުންފަތުގައި ބީހެން ކެންޒާ އެދޭ ހަމައެކަނި މީހަކީ ލައިތެވެ. ގަދަވެގަތުމާއި ބާރުދެއްކުމެއް ލައިތުގެ ނެތެވެ. ކެންޒާ އެދޭގޮތް ލައިތަށް އެނގޭ ކަހަލައެވެ.

"ޔޫ ވޯންޓް މޯ..." ކެންޒާ އަދިވެސް ކަމަކާ ވިސްނަނީއޭ ހީވެ ލައިތު އަހާލިއެވެ. އެ ސުވާލު ކެންޒާގެ ސަމާލުކަން ހޯދިއެވެ. ލުއި ހިނިތުންވުމަކާއެކު ލައިތަށް ބަލަން ކެންޒާ އިނެވެ.

"ޓޭކް މީ ހޯމް..." ކެންޒާ ބުނެލިއެވެ. އޭނާގެ ޠަބީޢަތަށް ބަދަލު ގެނުވި މީހަކީ މިފްރާހެވެ. އޭނާގެ ރުހުންނެތި އެތުންފަތުގައި ބީހުނު ވަގުތުން ފެށިގެންނެވެ. ދުވަހަކުވެސް ޖެހިލުންނުވާވަރަށް ކެންޒާ ޖެހިލުންކުރުވައިފިއެވެ. ދެއަތުގައި މިފްރާހު ހިފެހެއްޓިއިރު އެ ދެއަތަށް އިޙްސާސް ކުރެވުނުގެ ބާރުގެ ނުރައްކާތެރިކަން ކެންޒާގެ ހިތަށް ބިރުވެރިކަން ވެރިކުރުވައިފިއެވެ. މީ ކުރިން ނުކެރެވޭ އައު އިޚްސާސެކެވެ. ލައިތުއާ އެވާހަކަތައް ޚިއްޞާކުރާނޭ ގޮތެއް ކެންޒާގެ ހިތާއި ސިކުނޑިއަކަށް ނޭނގުނެވެ.

(ނުނިމޭ)