މުހައްމަދު ނާޒިމް

ނާޒިމްގެ ފަރާތުން ދާއިރާއަށް 14،000 މާސްކު

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، އެ ދާއިރާގެ ރަށްތަކަށް 14،000 މާސްކު ހަދިޔާ ކުރައްވައިފި އެވެ.

ކުރިން ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި މެންބަރު ނާޒިމް މިއަދު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭނާ ތަމްސީލުކުރާ ދަނގެތި ދާއިރާގެ ސުކޫލު ދަރިވަރުންނާއި ރައްޔިތުންނަށް މާސްކު ހަދިޔާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން 14،000 ފޭސް މާސްކު ހަދިޔާކުރައްވާފައިވެއެވެ.

ދާއިރާގެ ރައްޔިތުންނާއި ގާތްގުޅުމެއް ބާއްވަވާ މެންބަރު ނާޒިމް ވަނީ މިދިޔަ ރޯދަ މަދުވެސް ދާއިރާގެ ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ފޮނުއްވާފައެވެ.

މީގެ އިތުރުން ދެ ފަހަރެއްގެ މަތިން ނާޒިމްގެ އެދިވަޑައިގަތުމަކަށް މެލޭޝިޔާގެ ވިޔަފާރިވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުން ރާއްޖެއަށް ވަނީ އެހީތެރިވެދެއްވާފައެވެ. އެ ދެ ފަހަރު 1،000 ޕީޕީއީ ކިޓް އަދި 60،000 ސާޖިކަލް މާސްކް ވަނީ ހަދިޔާ ކުރައްވާފައިވެއެވެ.

މީގެ އިތުުރުން ނާޒިމްއަފާ ފައުންޑޭޝަނުން ދިވެހި ޑްރައިވަރުންނަށްވެސް ވަނީ ޕީޕީއީ ހަދިޔާކުރައްވާފައިވެއެވެ.

ނާޒިމްގެ ދެކަނބަލުން ހިންގަވާ ފައުންޑޭޝަނުން ޑްރައިވަރުންނަށް 6،000 ޕީޕީއީ ހަދިޔާކުރައްވާފައިވެއެވެ.