ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދެ ހަފުތާއަށް ސްކޫލްތައް ބަންދުކޮށްފި

އެޗްޕީއޭގެ ލަފަޔަށް ބެލުމަށް ފަހު މާލޭ ސަރަހައްދު ސްކޫލްތައް ދެ ހަފުތާއަށް ބަންދު ކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލާފައި ވަނީ މިދިޔަ މަހުން ފެށިގެނެވެ. މާލޭ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ވަނީ ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާފަ އެވެ. މާލެ ސިޓީގައިި ކިޔަވައި ދިނީ ގްރޭޑް 9 އިން 12 އަށެވެ. އަދި މި މަހު 16 ގައި ގްރޭޑް 7 އާއި 8 އްގެ ކިޔެވުން ފަށަން ވެސް ނިންމާފައި ވެއެވެ.

އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އޭގައި ބުނަނީ އީދު ބަންދާއި މިޑް ޓާމް ބަންދަށް ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވަން ހަމަޖައްސާފައި އޮތް ތާރީހަކީ މި މަހު ނުވަ ވަނަ ދުވަސް ކަމަށާއި ނަމަވެސް، ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް ދެ ހަފުތާއަށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

"... ކުރިއަށް އޮތް ދެ ހަފްތާ އަށް މާލެ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި، ސްކޫލަށް ހާޒިރު ނުވިޔަސް އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްގެންދާނެ،" އެ ބަޔާނުގައި ވެ އެވެ.

ބަންދު ދެ ހަފުތާ އަށްފަހު ބަލި ފެތުރޭ ގޮތް ބަލައި އެ ނިންމުން އަލުން މުރާޖާ ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.