ހަބަރު

ސާވޭ: މަސްވެރިކަމާއި ދަނޑުވެރިކަމަށް ޝައުގެއް ނެތް

ގްރޭޑް 10 އެއް ނިންމާ ދަރިވަރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުން ނުވާ ކަމަށް ހަޔާ އެޑިއުކޭޝަނުގެ ސާވޭ އަކުން ދައްކައިފި އެވެ.

ސްކޫލް ނިންމާ ދަރިވަރުން ކުރިއަށް ދާނެ ދާއިރާތަކާއި އެކަމަށް މެދުވެރިވާ ސަބަބުތައް ހޯދަން އެ މިނިސްޓްރީ އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރި ސާވޭއިން ދައްކާގޮތުން އެންމެ ގިނަ ދަރިވަރުން ކުރިއަށް ދާން ބޭނުން ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިންނެވެ. އެ ދާއިރާއަށް ސާވޭގެ 21 ޕަސެންޓު ހިއްސާ ކުރި އެވެ. މީގެ އިތުރުން ސިއްހީ އަދި އެކައުންޓިން އާއި ފައިނޭންސް ދާއިރާ އަށްވެސް ދަރިވަރުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެއްވެސް ދަރިވަރަކު ނިންމާފައި ވާކަމަށް ސާވޭގެ ނަންބަރުތަކުން ނުދައްކަ އެވެ. އަދި ސޯޝަލް ވޯކް އާއި ހިއުމަން ރިސޯސްގެ އިތުރުން ކަސްޓަމާ ސާވިސް ދާއިރާ އަށްވެސް ދަރިވަރުންގެ ޝައުގު މަދު ކަމަށް ސާވޭގައި ދައްކަ އެވެ.

ހާހަކަށްވުރެ ގިނަ ދަރިވަރުން ބައިވެރިކޮށް ކުރިއަށްގެން ދިޔަ މި ސާވޭ އިން ދައްކާ ގޮތުން 56 ޕަސެންޓް ކުދިން ކުރިއަށް ދާނެ ދާއިރާއެއް ނިންމަނީ އެ މަސައްކަތަށް ހުންނަ ޝައުގުވެރިކަމަށް ބަލާފަ އެވެ. އަދި، 14 ޕަސެންޓް ކުދިން ކުރިއަށް ދާނެ ދާއިރާ ހިޔާރުކުރަނީ އެ ދާއިރާއަކުން ލިބެންހުރި ވަޒީފާގެ ފުރުސަތުތަަށް ބަލައިގެންނެވެ.

މީގެ އިތުރުން، ސާވޭގެ 10 ޕަސެންޓު ކުދިން ލިބެންހުރި މަތީ ތައުލީމާ ތަމްރީނުގެ ފުރުސަތުތަކަށް ބަލައިގެން ދާއިރާ ހިޔާރުކުރާއިރު އަށް ޕަސެންޓު ކުދިން ބަލާފައި ވަނީ ލިބޭނެ މާލީ އެހީ އަށެވެ. އަދި އާއިލާ އާއި އެކުވެރިންގެ ނުފޫޒުގެ ސަބަބުންވެސް ކުރިއަށް ދާނެ ދާއިރާ ނިންމާ ކުދިން ތިބި ކަމަށް ސާވޭގައި ދައްކަ އެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ، ކުރިއަށް ހުރި ޕްރޮގްރާމްތައް ރޭވުމުގައި މި ދިރާސާ އިން ހޯދި ހޯދުންތަކަށް ބަލާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަކީ މިހާރު އެންމެ ގިނަ ބަޔަކު މަސައްކަތް ކުރާ ދާއިރާ އެވެ. ހާއްސަކޮށް އަތޮޅު ތެރޭގައި މި ދާއިރާގައި މަސައްކަތް ކުރާ މީހުން ގިނަ އެވެ.