ހަބަރު

ދިވެހިން ތަމްރީނުކުރާ ޕްރޮގްރާމުގެ އިންޓާންޝިޕް ފަށައިފި

ސަރުކާރުން ކުރިއަށްގެންދާ، "ސްކިލްސް ފޮ އަ ރިޒިލިއަންޓް ވޯކްފޯސް" ޕްރޮގްރާމުގެ ދަށުން ހިންގި ހޮސްޕިޓާލިޓީ ކޯސްތަކުގެ ދަރިވަރުންގެ އިންޓާންޝިޕް ފަށައިފި އެވެ.

"ސްކިލްސް ފޮ އަ ރިޒިލިއަންޓް ވޯކްފޯސް" އަކީ ކޮވިޑް-19ގެ ދަތި ހާލަތުން ރާއްޖެ އަރައިގަނެ، އިގްތިސާދީ މަސައްކަތްތައް އަލުން ފަށާއިރު ބިދޭސީން މަސައްކަތް ކުރާ އެކި ދާއިރާތަކަށް ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ދާއިރާގެ ބައެއް ކޯސްތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 16 ދަރިވަރަކު ކޯހުގެ ހުރިހާ ބައިތައް ފުރިހަމަކޮށް މި ނޮވެންބަރު މަހުގެ ހަ ވަނަ ދުވަހު އިންޓާންޝިޕް ފަށައިފައިވާ ކަމަށެވެ. އިންޓާންޝިޕްގައި ބައިވެރިވީ، ސެޓްފިކެޓް ލެވެލް ތިނެއް ގެ ފްރޮންޓް އޮފީސް ސާވިސް ކޯހާއި ބޭކަރީ އެންޑް ޕޭސްޓްރީ ކޯހާއި ފުޑް ޕްރޮޑަކްޝަން ކޯހުގެ ދަރިވަރުންނެވެ.

މި ދަރިވަރުން ހަތަރު މަސްދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކުރާނީ އެކި ރިސޯޓު ތަކާ ގުޅިގެންނެވެ. އެގޮތުން، އަދާރަން ކްލަބް ރަންނާޅި އާއި ހެރިޓަންސް އާރަށާއި ސަން ޝިޔާމްގެ އޮޅުވެލި، ވިލުރީފް، އިރުފުށި، އަދި ބުރުޒު ކޭޓަރިންވެސް ހިމެނެ އެވެ.

މި ޕްރޮގްރާމަކީ ޓޫރިޒަމާއި، ޔޫތު އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.