ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ވިޔަފާރިއެއް ފަށަން 46 ޒުވާނަކަށް އެހީ

އާ ވިޔަފާރިއެއް ފަށަން 46 ޒުވާނުންނަށް 12 މިލިއަން ރުފިޔާގެ އެހީ ހަވާލު ކޮށްފި އެވެ.

މިއީ ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދުންތެރި ހިޔާލު ހުށަހަޅައި އެ ހިޔާލުގައި ކާމިޔާބު ވިޔަފާރިއެއްގެ ސިފަ ޖެއްސުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އަދި ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދިޔަ "ޕިޗް އަޕް ޔޫތު އޮންޓްރޮނަޝިޕް ޗެލެންޖް" ކާމިޔާބުކުރި ފަރާތްތަކަށް ދިން އެހީ ތަކެކެވެ.

މި ޗެލެންޖް ކާމިޔާބުކުރި ފަރާތްތަކަށް އެހީ ހަވާލުކުރީ މިއަދު މެންދުރު ހެންވޭރު މީރުމާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެގޮތުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ 46 ޒުވާނުން ޝާމިލްވާ 23 އާ ވިޔަފާރިއަކަށް ޖުމްލަ 12.4 މިލިއަން ރުފިޔާގެ އެހީގެ ގްރާންޓް މިއަދު ވަނީ އެވޯޑްކޮށްފަ އެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއިން ހަ ވިޔަފާރިއަކާއި ފަތުރުވެރިކަމާއި ގުޅުންހުރި އުމްރާނީ މަސައްކަތުގެ ދާއިރާއިން އެއް ވިޔަފާރިއަކާއި އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީގެ ދާއިރާއަކުން ފަސް ވިޔަފާރިއަކާއި އަދި ދަނޑުވެރިކަމުގެ ދާއިރާއިން 11 ވިޔަފާރި އެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ "ޕިޗް އަޕް ޔޫތު އޮންޓްރޮނަޝިޕް ޗެލެންޖް"ގެ ދަށުން 192 ވިޔަފާރީގެ ހިޔާލު ހުށަހެޅި ކަމަށެވެ. އަދި ފަހުން އެ ހިޔާލުތައް ޝޯޓްލިސްޓްކޮށް ޖުމްލަ 73 ފަރާތަކަށް ތަފްސީލީ ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތުދިން ކަމަށެވެ.