ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކާ ގުޅޭ ދިރާސާއެއް ކުރަނީ

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަތީ ތައުލީމުގެ ދާއިރާތަކާ ގުޅޭ ދިރާސާ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވޯލްޑް ބޭންކްގެ އެހީއާ އެކު "ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑް އެނާލިސިސް"ގެ ނަމުގައި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މަތީ ތައުލީމުގެ ދާއިރާތަކާ ގުޅޭ ދިރާސާ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ.

އެގޮތުން މިނިސްޓްރީން ވަނީ ކަމާބެހޭ ފަރާތްތަކަށް ދިރާސާ ރިޕޯޓުގެ ޑްރާފްޓެއްވެސް ހުށަހަޅާފަ އެވެ. އަދި ރިޕޯޓާ ގުޅޭ ވެލިޑޭޝަން ވޯކްޝޮޕެއް ވެސް ވަނީ ބާއްވާފަ އެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސެސް (ސެއިލްސް) ޕްރޮޖެކްޓް މެދުވެރިކޮށެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ދިރާސާ ރިޕޯޓަކީ ރާއްޖޭގައި އެންމެ ބޭނުންތެރި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަމާޒުކޮށްގެން އެކުލަވާލާ ރިޕޯޓެއް ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ ދާއިރާތަކާ ގުޅޭ މައުލޫމާތު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރުގެ އެންމެހާ އިދާރާތަކާއި، ކުންފުނިތަކާއި ލޯކަލް ކައުންސިލްތަކާވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިހާރު ކުރަމުންދަނީ ރިޕޯޓާ ގުޅޭ މައުލޫމާތު ނުލިބި ހުރި ފަރާތްތަކުން މައުލޫމާތު ހޯދުމުގެ މަސައްކަަތާއި، ލިބިފައިވާ މައުލޫމާތު ތަރުތީބުކުރުމުގެ މަސައްކަތެވެ.