ރާއްޖޭގެ ފަސް ލައްކަ މީހުންގެ އާބާދީގެ ފްރީ ޓްރޭޑްގެ ތެރެއިން ސްރީލަންކާއަށް ލިބޭ ޖާގައިގެ ބޭނުން އެ ގައުމުން ފުރިހަމައަށް ހިފާއިރު ދިވެހި ރާއްޖޭން ސްރީލަންކާގެ ފްރީ ޓްރޭގެ ތެރެއިން ޖާގަ ހޯދައި ވިޔަފާރި ފުޅާ ނުކުރަނީ އިގްތިސޯދެއް ކުރިއެރުވުމުގައި ދިވެހިންނަށް މާ ފުދޭ ހިސާބަކަށް ދެވުނީތޯ ވިޔަފާރި ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ސުވާލު ކުރައްވައިފި އެވެ.
ޖާބިރު މިވަގުތު ހުންނެވީ ވެސް ސްރީލަންކާގަ އެވެ. އޭނާ މި މޭރުމުން ވާހަަކަފުޅު ދެއްކެވީ ފޯނު ކުރައްވައިގެނެވެ. އޭގެ ކުރިން އޭނާ ވަނީ ސްރީލަންކާގެ ޓީވީ ޗެނަލެއްގައި ވެސް އެ ވާހަކަތައް އިއްޔެ ދައްކަވާ ސުވާލުތައް ކުރައްވާފަ އެވެ.
ޖާބިރު ވިދާޅުވީ ރައީސުލްޖުމްހޫއްރިއްުޔާއަކު ހުންނަވައިގެން ވިޔަސް އަދި ބޮޑު ވަޒީރަކު ހުންނަވައިގެން ވިޔަސް ސަރުކާރެއް ހިނގާ ކަމުގެ އިހުސާސެއް ރައްޔިތަކަށް ވާނީ އިގްތިސޯދީ ބެލްޓެއްގެ މަތީގައި ގައުމު ހިނގުމާއެކު އިގްތިސޯދު ދިރުވަން މަސައްކަތް ކުރާ ނަމަ ކަމަށެވެ. އެކަން ނުވާނަމަ ސަރުކާރެއް ވެސް އަދި ބޮޑު ވަޒީރެއް ރައީސެއްގެ ބޭނުން ވެސް ރައްޔިތަކަށް ނެތް ކަމަށެވެ. އެފަދަ އިހުސާސް ވެސް ނުކުރެވޭނެ ކަމަށެވެ.
ދިވެހިންގެ ތިބި ފަސްލައްކައެއްހާ މީހުންގެ އާބާދީގެ މައި ވިޔަފާރިތައް ކަމަށްވާ ޓޫރިޒަމާއި ކޮންސްޓްރަކްޝަނާއި މަސްވެރި ކަމާއި ދަނޑުވެރި ކަމާއި އެހެން ވެސް އެކި ފަންތީގެ ވިޔަފާރިތަކުގައި ސްރީލަންކާގެ ވިޔަފާރިވެރިން އިންވެސްޓްކޮށް ނަފާ ހޯދައިގެން ސްރީލަންކާގެ އިގްތިސޯދު ދިރުވައިދޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހުރިހާ ރޭޓިންއެއްގައި ކުރި ހޯދައިގެން ތިބި ދިވެހިންގެ ވިޔަފާރިތައް ސްރީ ލަންކާގެ 21.8 މިލިއަން އާބާދީގެ ތެރެއަށް ގެންގޮސް ދުނިޔެއާ ކަނެޓް ކޮށްލައިގެން ކުރާ ވިޔަފާރިއެއް ތަރައްގީކޮށް އިގްތިސޯދު ވަރުގަދަ ކުރާނެ ވިސްނުން ދިވެހި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ އިންޑިސްޓްރީއެއްގައި ލަންކާއިން ވިޔަފާރި ކުރޭ. ދެން ކީއްވެގެންތޯ އަޅުގަނޑުމެނަށް ނުވާންވީ؟ ދެ ގައުމުގެ ގުޅުން ރަނގަޅު އަޅުގަނޑުމެންގެ ބޮޑު އާބާދީއެއް ލަންކާގައި އެބައޮތް... ގުޅުން ރަނގަޅު ނޫނީއްޔާ އެކަން ވެސް ކުރައްވާނީ... އެންމެ ކުޑަމިނުން ސަރުކާރު ފިހާރަ [އެސްޓީއޯ] ނަމަވެސް ކީއްވެގެންތޯ ލަންކާއަށް ނުގެންދެވެންވީ،" ޖާބިރު ވިދާޅުވި އެވެ. "މި ލަންކާގެ ހަމިީދިއްޔާ ވެސް މާލޭގައި ހުރޭ. ކީއްވެގެންތޯ ނޫރީ ޓެއިލަރަށް ނާދެވެންވީ. ޕިލާވޫސް އާއި ޑައިންމޯ ވެސް ހުރޭ ނޫންތޯ؟ ކީއްވެގެންތޯ މާލޭގައި ބޭންކް އޮފް ސިލޯނު ހުރެފައި ލަންކާގައި ބީއެމްއެލް އޮޕަރޭޓް ނުވާންވީ. މާލޭގައި ސިލިންކޯ ހުންނަންޏާ ކީއްވެ ލަންކާގައި އެލައިޑް ނުހުންނަންވީ؟"
ޖާބިރު ވިދާޅުވީ އެހެންވެފައި ވަނީ ކީއްވެގެންކަން އެނގި ވަޑައިގަންނަވާ ކަމަށާއި އެއީ ސަރުކާރުގެ އިގްތިސޯދީ ވިސްނުން ފުޅާ ނުވާތީ ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ އިގްތިސޯދު ބެލްޓު މަތީން ކައްސާލައިގެން އުޅޭ އިރު ދިވެހި ރާއްޖޭގެ މަޖިލީސް އެއްވެ ބަހުސް ކުރަންވީ ވެރިކަމުގެ ނިޒާމްތަކާ ގުޅޭ ގޮތުން ނޫން ކަމަށާއި ރާއްޖެ މަޖިލީހުގައި ބަހުސަކަށް ދާންވީ ދިވެހި ރާއްޖޭގެ އިގްތިސޯދު ދިރުވަން ކުރަންޖެހޭ ކަންކަން ކުރަން ކަމަށެވެ. ބޭންކުތައް ދިރިގެން އަންނާނެ ގޮތަކާމެދުގައި ކަމަށެވެ.
ޖާބިރު ވިދާޅުވީ އޭނާ ވެސް ބޮޑު ވަޒީރު ކަން ބޭންފުޅުވާ ކަމަށާއި އެކަމަކު ނިޒާމުގެ ވާހަކަ އާއި ބޮޑު ވަޒީރުގެ ވާހަކަ ދޫކޮށްލައި އަދި އިންޑިއާ އާއި ޗާއިނާގެ ވާހަކަ އެއް ފަރާތްތަކޮށްލާފައި ލަންކާއިން ރާއްޖޭގެ އިގްތިސޯދަށް ނެގެން އޮތް ހުރިހާ ފައިދާއެއް ނަގަން މަސައްކަތެއް ފަށަން ޖެހޭ ކަމަށެވެ.
"ހުއްޓާނުލާ މިކޮޅުގައި [ ލަންކާގައި] ވެސް މި ވާހަކަތައް އަޅުގަނޑު މިދަނީ ދިމާވާހާ މީހެއްގެ ގާތުގައި ދައްކަމުން. ޓީވީތަކަށް ޑެއިލީ މިރާއަށް، އައިލެންޑް ނޫހަށާއި ސަންޑޭ ޓައިމަށް އިންޓަވިއު ދެމުން މިދަނީ،"