ވާހަކަ

ލޯބިން ބުނެލަން

(2 އޯގަސްޓް 2020 އާ ގުޅޭ)

ދެއަތުގައި މިފްރާހު ހިފެހެއްޓިއިރު އެ ދެއަތަށް އިޙްސާސް ކުރެވުނުގެ ބާރުގެ ނުރައްކާތެރިކަން ކެންޒާގެ ހިތަށް ބިރުވެރިކަން ވެރިކުރުވައިފިއެވެ. މީ ކުރިން ނުކެރެވޭ އައު އިޚްސާސެކެވެ. ލައިތުއާ އެވާހަކަތައް ޚިއްޞާކުރާނޭ ގޮތެއް ކެންޒާގެ ހިތާއި ސިކުނޑިއަކަށް ނޭނގުނެވެ. ކެންޒާ އެދެނީ ހަލަބޮލި ދިރިއުޅުމެއްނޫނެވެ. ލައިތުއާއި މިފްރާހު، އެކަކުއަނެކަކާ ބައްދަލުވާކަށް ކެންޒާ ނޭދެއެވެ. އެންމެ ފުރަތަމަ ބައްދަލުވުމުން ވެސް ލައިތުގެ ފުށުން ކެންޒާ ބިރުގަންނަންޖެހޭ ފަދަ ނުރައްކާތެރިކަމެއް އިޙްސާސެއްނުވެއެވެ. އެކަމަކު މިފްރާހު އެއާ ޚިލާފެވެ. މިފްރާހުގެ ވައްޓަފާޅިއާއި އޭނާ އުޅޭ މާޙައުލު ދެނެގަތުން ކެންޒާއަށް އުނދަގުލެއްނޫނެވެ. ބައްޕަގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިޔައިރު، އެކަމުގެ ވޭން އޭނާ އުފުލިއެވެ. ގައިގަ ހުރި ކޮންމެ ލަކުނެއް އެކަމަށް ހެކިވާނޭކަން ގައިމެވެ.

ލައިތުގެ ކާރު ނުލިބޭތީވެ، އިމާރާތުގެ ތިރިން ކެންޒާއަށް ޓެކްސީއެއް ލައިތު ހުއްޓުވިއެވެ. ޓެކްސީގައި ވިޔަސް ކެންޒާއާއެކު ލައިތު ދާން ގަސްދުކުރިއެވެ. އޭނާ ހުއްޓުވަން ކެންޒާ ވާހަކަދެއްކި ނަމަވެސް އެކަންވީ ބޭކާރު ކަމަކަށެވެ. ލައިތު ނިންމައިފި ގޮތެއް އޭނާ ދޫކޮށެއްނުލައެވެ. ބައެއްފަހަރު އޭނާގެ އެ ސިފަ ކެންޒާއަށް ކަމުދިޔަ ނަމަވެސް އަނެއްބައިފަހަރު އެކަމުގެ ސަބަބުން އުނދަގޫވާ ހިސާބަށް ކަންތައް ދެއެވެ. ގޮތްދޫކުރީ ކެންޒާއެވެ. ލައިތުއާއެކު ޓެކްސީގެ ފަހަތު ސީޓަށް އޭނާ އެރީއެވެ.

* * * * *

ހިތްފުރެން ދެން ރޯލެވުމުން ލައިރާ ހުރީ ހަމައަކަށް އެޅިފައެވެ. ޒުބިންއާމެދު ހިތުގައި ނުރުހުމުގެ ޒައްރެއްހާ މިންވަރު ވެސް ނެތެވެ. އެއަށްވުރެ އެހިތުގައި ޒުބިންއަށް ޓަކައި އޮތް ލޯބި ވަރުގަދައެވެ. އޭނާއަށް ޒުބިންގެ ފުށުން ލިބިފައިވާ އޯގާތެރިކަން ބޮޑެވެ. އެ ދެމެދުގައި އޮތީ ދުވަހަކުވެސް ކަނޑައިގެން ނުދާނޭ ވަރުގެ ވަރުގަދަ ގުޅުމެކެވެ. ދެރައީ އެ ގުޅުމަށް "ރަޙުމަތްތެރި" ކަމުގެ ނަން ޒުބިން ދީފައި ވާތީއެވެ. ހަމައެއާއެކު ޒުބިން ބޭނުންވިޔަސް ދުރުވެވޭކަށް ނެތްކަން ދެނަހުރީ ލައިރާއެވެ. ހަޤީޤަތް ފޮރުވިފައި ވިޔަސް ޒުބިންއަކީ އޭނާ ހަވާލުވެއްޖެ ޒިންމާއެއް ފުރިހަމައަށް އަދާކުރާނޭ ޒުވާނެއްކަން ޔަގީންކުރަން ލައިރާއަށް ކެރޭނެއެވެ. އޭނާ ދުށީ އެފަދަ ހަރުދަނާކަމެއް ލިބިފައިވާ ޒުބިންއެކެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނޭ ބުނެއެވެ. އެކަމަކު ލައިރާއަށް ވަނީ އެހެނެއްނޫނެވެ. ލައިރާއަށް ޒުބިން ކަމުދިޔައީ އޭނާގެ ފުށުން ފެނުނު ޢަމަލުތަކުންނެވެ. ނުރުހުންވިޔަސް ދުވަހަކުވެސް ބާރަށް ވާހަކަދެއްކުމަކީ ޒުބިން ކުރިކަމެއްނޫނެވެ. އޭނާހާ ކެތްތެރި މީހަކާ ލައިރާއާ ބައްދަލެއްނުވެއެވެ. އަނެކުންނަން އިޚްތިރާމްކޮށް ޤަދަރުކުރެއެވެ. އަމިއްލަ އެދުން ބޮޑުވެގެން އުޅޭ މީހަކު ފަދައިން ނޫޅެއެވެ. އަހަރުތަކެއް އެކުގައި ހޭދަވީއިރު، އިނދެގެން އުޅޭތީއޭ ކިޔާފައިވެސް ލައިރާގެ ހަށިގަނޑުގައި ބީހެން އޭނާ މަސައްކަތްކޮށްފައެއް ނުވެއެވެ. އެ ފުރުޞަތު ލައިރާ ހުށަހެޅުމުން ޒުބިން މަނާވެގަތީ އެ ހިތުގައި އެހެން އަންހެނަކަށް ޚާއްޞަ މަޤާމެއް ދެވިފައިވާތީއެވެ. އެކަމަކު އެފަދަ އިޚްތިރާމެއް ލައިރާއަށް ޙައްޤުކަމަކަށް ޚުދު އޭނާ ޤަބޫލެއްނުކުރެއެވެ.

"އަހަންނަށް ވީ ވަޢުދުގައި މިހާ ދުވަހު މަޑުކުރަމުން އައީ، އެކަމަކު ދެން ހެޔޮ، އަހަރެން ކެތްކުރާނަން... ޒުބިންއަށް ވެސް އުފާވެރިކަން ހައްޤުކަން، އެ އަންހެންކުއްޖާއާ ބައްދަލުވިޔަ ނުދޭން އަހަރެން ވަރަށް މަސައްކަތްކުރިން. އެކަމަކު ތި ހިތުން އެ ލޯބި ފުހެވިގެނެއްނުދިޔަ. ޒުބިންގެ ތި އެދުން އަހަރެން ހާސިލުކޮށްދޭނަން، އަހަންނާއި އިލީގެ އެއްވެސް ކަމެއް ނުޖައްސާނަން. އަހަރެމެން ޒުބިންގެ ދިރިއުޅުމާ ދުރަށް ދާނަން. ވަރަށް ދުރަށް... އެހެންވިޔަސް މިހިތުގައި ޒުބިންނޫން މީހަކު ނުވާނެ. އަހަރެން ބޭނުންވެގެން ކޮންމެ ދުވަހަކުން އަޔަސް ޤަބޫލުވާނަން. ތިހިތުން ކިތަންމެ ކުޑަކުޑަ ޖާގައެއް ލިބުނަސް އަހަރެން ހުންނާނީ ރުހިގެން. ކިތަންމެ ބައިވަރު އަންހެނުންނެއް ތި ހަޔާތުގައި ވީ ނަމަވެސް..."

އެނދުމަތީ ދެފައި ކުރުކޮށްލައިގެން ހެޑްބޯޑުގައި ލެނގިލައިގެން އިން ލައިރާގެ ސަމާލުކަން ހޯދީ ކޮޓަރީ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ފުންނޭވާއެއް ދޫކޮށްލައި ލައިރާ އެނދުން ފައިބަން އުޅެނިކޮށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ދޮރުމަތީ ހުރީ އަސަދެވެ. އެތެރެއަށް ވަނުމުގެ ހުއްދައަށް އަސަދު އަހާލުމާއެކު ނިކަން އަވަހަށް ލައިރާ ބޯޖަހާލިއެވެ.

"އިލީ ނިދީތަ؟." އަސަދު އަހާލިއެވެ. ދެން ވެސް ލައިރާ ބޯޖަހާލީއެވެ.

"މަންމަ ބުނީމަކަން އެނގޭ ބައްޕަ ތިއައީ." ލައިރާ އިހު އިންހެން އެނދުގައި އިށީނުމުން އޭނާގެ މަގަތުން އަސަދު އިށީނެވެ. އާނއެކޭ ބުނަމުން އަސަދު ދަރިފުޅަށް ބަލާލިއެވެ.

"އަޅުގަނޑު މިހާރު އޯކޭ." ނިކަން އަވަހަށް ލައިރާ ބުންޏެވެ.

"ވަރިވާން ތިއުޅެނީ ކީއްވެތޯ ބައްޕައަށް އަހާލެވިދާނެތަ؟." ދަރިފުޅުގެ ރަތްކަން އެކުލެވިފައިވާ ދެ ލޮލަށް ބަލަން އިރުކޮޅަކު އިނދެފައި އަސަދު އަހާލިއެވެ.

"އެރޭންޖްޑް މެރިޖޭއެއްމީ... މަންމައާއި ބައްޕަގެ މެރިއޭޖް ވޯކް ކުރިޔަސް ހުރިހާ މެރިއޭޖެއް ވޯކެއްނުކުރާނެއެއްނު." ލައިރާ ހަމަޖެހިފައިކަން އިނީ ދެއްކުމަށް ލުއި ހިނިތުންވުމެއް އަސަދާ ބަދަލުކޮށްލިއެވެ.

"ދެކުދީންގެ ރުހުމުގައި ކުރެވުނު ކައިވެންޏެއްމީ. ޒުބިންއާ މެދު ބައްޕަ އުންމީދުކުރި ގޮތެއްނޫން މީ. ދަރިއަކުވެސް އެބަހުރި. އެކުއްޖާއާ މެދު ވެސް ވިސްނަންޖެހޭނެ." އަސަދުގެ ވާހަކަ ލައިރާ ހުއްޓުވިއެވެ. ބައްޕަގެ މުލައްދަނޑީގައި ލައިރާ ހިފާލިއެވެ.

"ޒުބިން ގޯހެއްނޫނޭ ބައްޕާ. ކައިވެނި ހަމަޖެހިގެން ޒުބިން އަޅުގަނޑާ ބައްދަލުކުރި ދުވަހު ވެސް ބުނި ކައިވެނި ކުރަން ބޭނުންނުވާ ވާހަކަ. އެކަމަކު އަޅުގަނޑު މިކައިވެންޏާމެދު އުފަލުން ހުރީތީ ހުށަހެޅީ ކައިވެނިކުރަން. މައިންބަފައިން ރުއްސުމަށް. އުންމީދުކުރީ ކައިވެނި ކުރީމަ ދެމެދުގައި އޮތް ގުޅުން ރަނގަޅުވާނޭކަމަށް. އެކަމަކު ޒުބިންގެ ހިތެއް ބަދަލެއްނުވި. އެ ހިތުގައިވަނީ އަޅުގަނޑެއްނޫން. ބައްޕާ... ޕްލީޒް... ޒުބިން ދާން ދޫކޮށްލާ... އަޅުގަނޑާއި އިލީއާ މެދު ނުވިސްނާ. ބައްޕަގެ މި ދަރިފުޅަކީ ސްޓްރޯންގް ކުއްޖެއް. ޒުބިންއަށް އުފާވެރިކަން ހައްޤު. އޭނާ އަޅުގަނޑުމެންނަށް ޓަކައި ވަރަށް ދުވަހު ކެތްކޮށްފި. މިފަހަރު އޭނާ ހުއްޓުވާކަށް އަޅުގަނޑު ބޭނުމެއްނޫން." ލައިރާ އެދޭގޮތް ބައްޕަ ގާތު ހާމަކުރިއެވެ. އެ ދެބަފައިންގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނީ ސަރަފީނާ އެކޮޓަރިއަށް ވަނުމުންނެވެ.

"ވަރިވާން ޒުބިން ބޭނުންވަނީ އެހެން އަންހެނަކާ ހެދިތަ؟." ސަރަފީނާ ލިބިފައިވާ ސިހުން އެ މޫނުން ފާޅުވެއެވެ. އަސަދު ވަގުތުން ތެދުވެގެން އައިސް ސަރަފީނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އަނބިމީހާ ގެނެސް ލައިރާގެ އެނދުގައި ބޭންދިއެވެ.

"މަންމާ... ތި ހީކުރާ ކަހަލަ ގޮތަކަށްނޫނޭ." ލައިރާ ކަންބޮޑުވިއެވެ.

ސަރަފީނާގެ ކުދިކުދިވަމުން އައި ކަހަލައެވެ. އޭނާއަށް ކުރިމަތިލާން ޖެހުނު ދަތިދުވަސްތަކުގެ ޚިޔާލުތައް ހިތާއި ސިކުނޑީގައި ތާޒާވެގެން އައެވެ. ފަސޭހަވެފައިވި ހިތުގެ ޒަޚަމްތައް އަލުން ފާރަށްވެ ތަދުވާން ފެށި ކަހަލައެވެ. އަނބިމީހާގެ ހިމޭންކަން އަސަދަށް ވިސްނުނެވެ.

"ސަރާ... ދެރަގޮތެއްނުވާނެ." އަސަދު ނިކަން އަވަސްއަވަހަށް ބުނެލިއެވެ.

"އަޅުގަނޑު ވެސް ބޭނުންވަނީ ޒުބިން ބޭނުންވާ ގޮތް ހަދައިދޭން. މިކަން ނިމުމަކަށް ގެންނަން... މަންމާ، ދެން އަހަރެން ގުޅުނަސް ގުޅޭނީ ދެމީހުން ރުހިގެން... ޢާއިލާގެ ނުފޫޒެއްނެތި. ޒުބިން އެނބުރި އަންނަން ބޭނުންނުވިޔަސް އެގޮތް ވެސް އެންމެ ރަނގަޅު... އެކަމަކު މި ޢާއިލާގެ ހިތްވަރު އަޅުގަނޑު ބޭނުންވާނެ. މަންމައާއި ބައްޕަގެ އެހީތެރިކަން އަބަދުވެސް ބޭނުންވާނެ. މިފަހަރު މިހެން ވިޔަސް ކުރިއަށް ވާނޭ ގޮތެއް ކިހިނެއް އެނގެނީ. ފަހަރެއްގައި އަޅުގަނޑާއި އިލީ ބަލައިގަނެ އުފާވެރި ދިރިއުޅުމެއް ދޭނޭ މީހަކު އަޅުގަނޑުގެ ދިރިއުޅުމެއް އަތުވެދާނެ. އުންމީދުކުރަނީ އެހެން... ޒުބިން ދިއުމަކުން އަޅުގަނޑަށް އެއްވެސް ކަމެއް އުންޏެއްނުވާނެ. މަންމަ ދެރަނުވޭ. އައި ވިލް ބީ އޯލްރައިޓް. ބަލާބަލަ... މިހާރު ނުވެސް ރޮން. މިހެންވާނޭކަން އަޅުގަނޑަށް އޮތީ އެނގިފަ. ޒުބިން އަޅުގަނޑަށް ދޮގުހަދާ އޮޅުވައެއްނުލާ... އޭނާގެ ކުށެއްނޫން ކައިވެނީގެ ކުރިން އެހެން ކުއްޖަކު ކަމުދިއުން." މަންމަގެ ގައިގާ ލައިރާ ބައްދާލިއެވެ.

ލައިރާ ނުބުނި ކަމުގައި ވިޔަސް އެހިތް ސަރަފީނާއަށް ފެނެއެވެ. އެހިތުގައި އަޅާވޭން ރަނގަޅަށް ސަރަފީނާ ދެނެހުއްޓެވެ. މިއަދު އެ ދަރިފުޅު ދުވަހަކުވެސް ކަމަކަށް ކެތްތެރިނުވާވަރަށް ކެތްތެރިވާން ޖެހޭނެކަން ސަރަފީނާއަށް އެނގެއެވެ. އޭނާ ވެސް ކެތްތެރިކަން ޚިޔާރުކުރި ފަދައިންނެވެ.

"ޒުބިންއަށް އަދި ވިސްނޭނެ." ހިތްވަރާއެކު ދަރިފުޅަށް ޓަކައި ސަރަފީނާގެ ދޫ ހަރަކާތްކުރިއެވެ.

ފިރިމީހާ އެހެން އަންހެނަކަށް ބޭނުންވުމަކީ ކިހާ ހިތްދަތި އިޙްސާސެއްކަން ސަރަފީނާއަށް މީހަކު ބުނެދޭކަށް ނުޖެހޭނެއެވެ. އޭނާގެ ގާތުގައި ހިތްވަރުދީ ހާލު އޮޅުންފިލުވާނޭ މީހަކު އެ ދުވަހު ނެތެވެ. އެ ހިތްދަތިކަމުގެ ކަނޑުގައި ފަތަފަތާ ވަރުބަލިވެ ގެނބިގެން ދާއިރު އެތަން ދުށް މީހަކު ނެތެވެ. ކޮންމެ ދުވަހަކު އެތައް މަރަކުން މަރުވެ އަލުން ދިރިދެއެވެ. އަމިއްލަ އެދުމާއިގެން ފޯވެފައިވާ ހަރު ހިތްތަކެއްގެ ތެރޭ އޭނާ ހުރީ ހައްޔަރުވެފައެވެ. ބޭރުފުށުން ޖިސްމާނީ އަނިޔާއެއް ނުލިބުނު ކަމުގައި ވިޔަސް ސަރަފީނާ ތަޙައްމުލުކުރި ނަފްސާނީ އަނިޔާތަކުން ވޭން ގަދަވެ ކުރާ އަސަރު ބޮޑެވެ. އެދުވަސްތައް މަތިން ހަނދާންނުނެތުނު ނަމަވެސް އޭނާ އެ މާޒީއާ ސުލްހަވެއްޖެއެވެ. ހާލަތު ބަދަލުވީއެވެ. ޚިއްޞާކުރުމަކުން ބައެއް އުނިވެގެން ނުދާނޭކަން ވިސްނި ހުރެއެވެ. އެހެންވިޔަސް ލައިރާއަށް އެފަދަ ހިތްދަތިކަމެއް އެންމެ ހިނދުކޮޅަކަށް ތަޙައްމުލުކުރަން ޖެހުމަކީ މައެއްގެ ނަޒަރުން ސަރަފީނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.

"އަހަރެން ޔުމްނާއާ ބައްދަލުކުރާނަން. މާދަމާ އެންމެ ފުރަތަމަ ކުރާނެކަމަކީ އެއީ." ސަރަފީނާ އެނދުން ތެދުވިއެވެ. ލައިރާގެ މޫނުން މާޔޫސްކަން ފާޅުވިއެވެ. މަންމަގެ ސަބަބުން ޒުބިންއަށް ނުތަނަވަސްކަން ލިބޭނެކަން ލައިރާއަށް އެނގޭތީއެވެ.

"ނޫން މަންމާ. މައްސަލަ ބޮޑުނުކޮށް ރީތިގޮތުގައި ވަރިވާން އަޅުގަނޑު ބޭނުމީ." ނިކަން ހަލުވިކޮށް އެނދުން ފައިބައިގެން އައިސް މަންމަގެ ކުރިމަތީ ލައިރާ ހުއްޓުނެވެ.

"އޭނާ އެހެން އަންހެނަކު ބޭނުންވާއިރު ދަރިފުޅާ ކައިވެނިކުރީ ކީއްވެ. ދަރިއަކު ހޯދީ ކީއްވެ؟." ސަރަފީނާއަށް ބުނެވުނެވެ.

"މަންމާ، އިލީ..." ލައިރާ ބުނަން އުޅުނު އެއްޗެއް ސަރަފީނާ ހުއްޓުވިއެވެ.

"ދެޓްސް އިނަފް ލައިރާ، އިލީއަކީ ޒުބިންގެ ދަރިއެކޭ ނުބުނާތި، މަންމަ ޤަބޫލެއްނުކުރާނަން. ޒުބިންއާއި ލައި ބޮޑުވީ މަންމަގެ ކުރިމަތީ، ތި ދެކުދީންގެ ސިފަތައް މަންމައަށް ނޭނގި ހުންނާނެތަ؟. އިލީގެ އަރިކަށީގަ ހުރި ލަފު މަންމަވެސް ދުށީން. އެ ލަފު ޒުބީންގެ ގައިން ދުށީން. ޒުބީންގެ ކުރީން ބޮޑުބޭބެ ހާރޫންގެ ގައިން ދުށީން... އެ ޢާއިލާގަ ކޮންމެވެސް ކުއްޖެއްގެ ގައިގާ އެ ލަފު ނެތިއެއްނުދޭ." ސަރަފީނާ ބުންޏެވެ. އޭނާގެ އަޑު ހަރުކަށިވުމުން އަސަދު އައިސް އަނބިމީހާގެ ކޮނޑުގައި އަތްޖައްސާލިއެވެ.

"ސަރާ، އަހަންނަށް އެނގޭ ލައިއާ މެދު ސަރާ ވަރަށް ދެރަވެ ކަންބޮޑުވެފައިކަން ތިހުރީ، މީ އަހަރެމެން ބޭނުންވެ ކުރުވި ކައިވެންޏެއް، އިތުރަށް އެދެމެދަށް ވަދެ އަހަރެމެން ބޭނުންވާގޮތް ހުށަހެޅުމަށްވުރެ އަހަންނަށް ފެންނަނީ އެ ދެކުދީން އަމިއްލައަށް ނިންމާގޮތެއް އަހަރެމެން ވެސް ޤަބޫލުކުރަން. އެކުގައި އުޅެން ބޭނުންވެގެން ނޫނީ ކައިވެންޏެއް ދެމިއެއްނޯންނާނެ." ސަރަފީނާގެ ކޮނޑުގައި ހިފައި އަސަދާ ދިމާއަށް އަނބުރާލައި އިއްވާލި ފަހު ބަސްތަކުން އަސަދު ދޭން ބޭނުންވި މެސެޖު ސަރަފީނާއަށް ނަގައިގަނެވުނެވެ. އޭނާ ހީމެންވީ އެހެންވެއެވެ.

"ޒުބިންގެ މައިންބަފައިންނާ އޭނާ ކުރިމަތިލާނެ. އެމީހުން މިގެއަށް ގެނެސް މިކަން ބޮޑު ހަމަނުޖެހުމަކަށްވާކަށް އަޅުގަނޑު ބޭނުމެއްނޫން." ލައިރާ ބަލާލީ ބައްޕައަށެވެ. އޭނާ އެދޭގޮތް އެ ބައްޕައަށް ވިސްނިއްޖެކަން ދޭހަވީ އަސަދު ބޯޖަހާލީމައެވެ.

"އެކަމަކު މިކަން ކުޅޭ ކުޅިވަރަކަށް ވެގެން ނުވާނެ. ޒުބިން ވަކިވަންޏާ ވަކިވާންޖެހޭނީ އެނބުރި ނާންނަގޮތަށް." ސަރަފީނާ ބުންޏެވެ. މަންމައާ އެއްބަސްވާން ލައިރާގެ ހިތެއް ނޭދެއެވެ. އޭނާ އެހުރީ ޒުބިން ކޮންމެ ދުވަހަކުން އައި ނަމަވެސް އޭނާ ޒުބިން ޤަބޫލުކުރާނޭ ގޮތަށެވެ. ހިތުގައި އޮތް ލޯބި އެދެނީ އެގޮތެވެ.

ސަރަފީނާ ގޮވައިގެން ދަރިފުޅުގެ ކޮޓަރިން އަސަދު ނުކުތެވެ. އޭނާ ބޭނުންވި ގޮތަށް ލައިރާއާ ވާހަކައެއް ނުދެއްކުނެވެ. ދައްކަން އޮތް މައުޟޫޢަކީ ސަރަފީނާގެ ޖަޒުބާތުތައް ހިފަހައްޓަން އުނދަގޫވާނެ ދާއިރާއެކެވެ.

* * * * *

ލައިތުއާއި ސެހްރާނު ގެއަށް ވަންނަން އައި ވަގުތު ޖެހިގެން ހުރި އިމާރާތުން ޔާދިން ނުކުންނާތީ ފެނުނެވެ. ހަމަފެނުމާއެކު އޭނާއަށް ސެހްރާނު ގޮވާލައިފިއެވެ. ޔާދިންގެ ނަޒަރު ފުރަތަމަ ވެސް ހުއްޓުނީ ލައިތަށެވެ. ސެހްރާނު ސުވާލުކަމީ ލައިތަށް ޔަގީންވާކަމެކެވެ. އެތެރެއަށް ވަދެގެން ނުގޮސް ލައިތު މަޑުކޮށްލީ އެ ސުވާލުތަކަށް ޔާދިން ދޭ ޖަވާބެއް އަޑުއަހާލުމަށެވެ.

"ބްރޯ، އެއްކަލަ ދުވަހު އައި ބިޓައްތަ އެޕާޓްމެންޓް ހޯދީ." ޔާދިން އައިސް ހަމަވުމާއެކު ސެހްރާނު އަހާލިއެވެ. އޭނާ އިސްއުފުލައި އިމާރަތަށް ބަލާ ވެސް ލިއެވެ.

"ސެހެރްއާ ބެހޭކަމެއްނޫން." ޔާދިން އަވަސްވެލީ ގޭތެރެއަށް ވަންނާށެވެ. ސެހްރާނު ހިނގައިގަތުމުން އޭނާއާއެކު ލައިތު ވެސް އެތެރެއަށް ވަންނަން އައެވެ.

"ޔާދު، ފްރެންޑެއްތަ އެއީ؟. އެހެންވެއްޖެއްޔާ އަހަންނާ ފްރެންޑްކޮށްދޭންވީނު." ސެހްރާނު ބުންޏެވެ. ޔާދިން ފަސްއެނބުރިބަލާލިއެވެ. އެ ދެލޮލުގައިވީ ނުރައްކާތެރި ބެލުމެކެވެ.

"ސީ ދެޓް، އަހަންނަށް އޭރު ވެސް އެނގުނޭ އެއީ ބިޓެއްކަން." ފާޑަކަށް ހިނިއައިސްފައި ސެހްރާނު ވާހަކަދެއްކީ ލައިތާއެވެ.

"ސެހެރް ދުށީންތަ؟." ލައިތު އަހާލިއެވެ.

"ޔާ!... ސީ އިޒް ސަމްތިންގ އެލްސް... އަހަރެންގެ ދެ ލޯ ވެސް ކިރިޔާ ނުވެއްޓުނީ. ޔާދުއަށް އެކަހަލަ އަންހެންކުއްޖަކު ކަމުދާނެ ކަމަށް ހިޔެއްނުކުރަން." ސެހްރާނުގެ ޚިޔާލުތަކުގެ ތެރޭ ފިޒާނާގެ ސޫރަ ކުރަހާލިއެވެ.

"ހީ ހޭޒް އަ ތިންގް ފޯ ޗީޕް ބިޗަސް" އެލެވޭޓާ ތެރެއަށް އަރަމުން ލައިތު ބުނެލީ ގަސްދުގައެވެ. ސެހްރާނުގެ އުޅަންބޮށިން ދިން ހަމަލާ އެރީ ލައިތުގެ ބަނޑަށެވެ. އެލެވޭޓާ ތެރޭ ހުރި ޔާދިންއަށް ހަރަކާތެއްކޮށްލެވުމުގެ ކުރިން ސެހްރާނު އެކަން ކުރީއެވެ.

"އެންޑް ސަމްވަން އިޒް އަ ޗަބީ މޭނިއެކް." ޔާދިން ބުނެލިއެވެ.

"ދޮންއަށް ކަމެއްވެގެން އުޅޭކަން އެނގޭތަ" ސެހްރާނު ކުއްލިއަކަށް ސީރިއަށް ވެލިއެވެ. އެލެވޭޓާގެ ތެރޭގައި ހުރި ޔާދިންއާއި ލައިތުގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

"ތި މީހުން އޮފީހުން ނާންނަނީސް ޒުބިން ފޮށިތައް ހިފައިގެން މިގެއިން ނުކުމެގެން ދިޔަތަން އަހަރެން ދުށީން. އަހަރެން ދިޔައީ ދޮން ވާހަކައެއްނުދެއްކި. ބޮލުގަ ރިއްސަނީއޭ ކިޔާ އަހަރެން ފޮނުވާލީ... ޝީ ވޯޒް ކްރައިން... އެކަމަކު އެއްބަހެއްނުވި. ލޯ ރަތްވެ ދުޅަވެފައި ހުރީ." ސެހްރާނުގެ ވާހަކަ ހުއްޓުނީ އެލެވޭޓާ ހުއްޓުމުންނެވެ. އޭނާ ނުވަނަ ފަންގިފިލާއަށް ދާން އޮބާލިއެވެ. އަދި ދޮރު ލެއްޕުނަ ނުދީ ހިފެހެއްޓީ ޔާދިންއާއި ލައިތަށް ބަލާލަމުންނެވެ. ދެމީހުން ކުރެ އެކަކު ވެސް ނުކުނަން ބޭނުންނުވިކަން އެނގުމުން އެލެވޭޓާގެ ދޮރު ސެހްރާނު ލެއްޕިއެވެ.

"ޒުބިން..." ލައިތަށް މަޑުމަޑުން ކިޔާލެވުނެވެ.

ހުޅުވުނު އެލެވޭޓާއިން ލައިތުއާއި ޔާދިން އެކަކަށްވުރެ އަނެކަކު ކުރިން ނުކުންނަން ހިފާލިއެވެ. ލައިތުގެ ޓީޝާޓުގައި ސެހްރާނު އެލިގަތުމާއެކު ކުއްލިއެއް ޖެހިހެން ލައިތު ފަހަތަށް ދިޔައެވެ. ތިންމީހުންނަށް ވެސް ހުއްޓުން އެރީ ސަރަފީނާ ގާތްކޮށްލައިގެން އެ ދިމާއަށް އައި އަސަދު ފެނިފައެވެ. ސަރަފީނާގެ ތެމިފައިވި ދެ ލޯ އޭނާ ނިކަން އަވަހަށް ފުހެލިއެވެ. ކުދީންގެ ކުރިމަތީ އޭނާ ރޮއެ ނުހަދައެވެ. ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް އެކަން ކުދީންނަކަށް ނޭނގޭނެއެވެ. އަސަދުގެ ގާތުން ދުރަށް ސަރަފީނާ ޖެހިލިއެވެ.

"ކޮންތާކުން ތިއައީ؟." ތިން ކުދީންނަށް ބަލާލަމުން އަސަދު ވާހަކަދެއްކިއެވެ.

"ކޮފީއަކުން." ސެހްރާނު ޖަވާބުދިނެވެ.

އެލެވޭޓާގެ ތެރެއަށް އަސަދާއި ސަރަފީނާ ވަދެ ދޮރުލެއްޕެން ދެން ތިން ޒުވާނުން ބަލަން ތިއްބެވެ. ދެން ތިންމީހުންގެ ފިޔަވަޅު ވެސް އަވަސްވެލީ ލައިރާގެ އެޕާޓްމެންޓަށް ވަނުމަށެވެ. ދޮރުގައި ސެހްރާނު ހިފާލިއިރު ހުރީ ހުޅުވާފައެވެ. އެތެރެއަށް ވަދެގެން އައިސް ލައިރާގެ ކޮޓަރީ ދޮރުގައި ސެހްރާނު ޓަކި ދިނެވެ.

ފިކުރުތަކަށް ގެއްލިފައި އިން ލައިރާ އައިސް ދޮރުހުޅުވިއެވެ. ކުރިއަށް ހުރި ސެހްރާނާއި އޭނާގެ ފަހަތުގައި ތިބި ލައިތާއި ޔާދިން ފެނުމުން ލައިރާ ހައިރާންވިއެވެ. ވަންނާށޭ ބުނުމަކާނުލާ ސެހްރާނު އެތެރެއަށް ވަނެވެ. ދޮރުމަތީ މަޑުކޮށްލައިގެން ލައިތު ހުރީއެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ޔާދިން ހުއްޓެވެ.

"ޒުބިން ނުކުމެގެން ދިޔައީ ކީއްވެ؟." ޔާދިން ސުވާލުކުރިއެވެ.

"ސެހެރް ކީކޭކީ؟." ލައިރާ ސުވާލުކުރީ ސެހްރާނާއެވެ.

"ދޮން އަބަދު ކޮޓަރީގަ، ތި ދެ ލޯ ބަލާފަ އެނގޭ ރޮނީކަން. މިކޮޅުގަ ދޮންގެ ހުރި ހަމައެކަނި ފްރެންޑަކި ކެން، އޭނާ ވެސް ބުނި ތި ދެމީހުން އެކުގައި ބޭރަށް ނުދާތާ ވަރަށް ދުވަސްވެއްޖޭ... ކަމެއްނުވެ ދޮން ތިގޮތަށް މިތާ ބަންދުވެގެން ނޫޅޭނެ، ތީ ދޮންގެ ގޮތެއް ވެސް ނޫން... ނައު ސްޕިލް... އެނގޭ ބޮޑުކަމެއްވެއްޖެކަން..." ސެހްރާނު އައިސް ލައިރާގެ އެނދުގައި ހަމަޖެހިލިއެވެ.

"ވީ ގެޓިން ޑިވޯސް" އެނދުގައި އިށީނދެ އިރުކޮޅަކު މަޑުކޮށްގެން އިނުމަށްފަހު ލައިރާ ބުންޏެވެ. އެ ޚަބަރުން އެންމެ ބޮޑު ސިހުމެއް ލިބުނީ ލައިތަށެވެ. އެހެންނަމަވެސް އެއްވެސް އަސަރެއް ފާޅުނުވީ އޭނާގެ މޫނުންނެވެ.

"ޒުބިން ބޭނުންވެގެންތަ؟. ކޮބާ ރީޒަންއަކީ؟." ޔާދިން ސުވާލުކުރިއެވެ.

"އިޓްސް ނޮޓް އިމްޕޯޓެންޓް." ލައިރާ މަޑުމަޑުން ބުނެލިއެވެ. ދެއަތްއުރާލައިގެން ހުރި ލައިތަށް ދަތްކުނޑިވިކާލެވުނެވެ. އޭނާ އެއްވެސް ޝުޢޫރެއް ފާޅުނުކުރި ނަމަވެސް ލައިރާއާ މެދު ހަމްދަރުދީ ވެވުނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތަކުގެ ސަބަބުން ނިންމުން އައީ ޒުބިންގެ ފަރާތުންކަން ބުނަން ލައިތަށް އެނގުނެވެ. އޭނާ މާޔޫސްވީ ކުރެވޭ ޚިޔާލުތައް ތެދަކަށް ވެދާނޭ ހީވާތީއެވެ.

"ބޭބީއަށް އެނގޭތަ؟." އިލިއާނާއަށް އެނގޭތޯ ލައިތު އަހާލިއެވެ. ލައިރާ ދެފަރާތަށް ބޯހޫރާލިއެވެ.

"މަންމަމެންނަށް އެނގޭ ދޯ." ސަރަފީނާގެ މޫނުގައިވި އަސަރުތަކުން އުފެދުނު ސުވާލަށް، ލައިރާ ނުބުންޏަސް ޔާދިންއަށް ޖަވާބު އެނގިއްޖެއެވެ.

"މީ އަހަރެމެން ދެމީހުން ވާހަކަދައްކާފައި ނިންމި ނިންމުމެއް. ޔާދު... ތިތަނުން އެކަކުވެސް އެކައްޗެއް ވެސް ޒުބިންއަށް ބުނެގެންނުވާނެ. ޕްރޮމިސް ކުރޭ..." ލައިރާއަށް އޭނާގެ ގާތުގައި ތިބީ ކޮންބައެއްކަން އެނގޭތީ ބުނެލިއެވެ. އޭނާއަށް ޓަކައި އެމީހުން ޒުބިންއާ ކުރިމަތިލާނޭކަން ޔަގީންކުރެވެއެވެ.

"އެކަމަކު ކީއްވެ؟." ސެހްރާނަށް ބުނެވުނެވެ.

"އޭނާއަށް ކަމުދާ އެހެން އަންހެނަކު ފެނުނީތަ؟." ޔާދިން ބުނެލީ ކަންއޮތްގޮތް އެނގިގެނެއްނޫނެވެ. އެހެންވިޔަސް އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ލައިތުގެ ދެބުމަ ކައިރިވެލިއިރު ލައިރާއަށް ސެހްރާނު ބަލާލީ އެއީ ތެދެއްހޭ އަހާ އުސޫލުންނެވެ.

(ނުނިމޭ)