ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކާފިއު ގަޑިތަކުގައި ނޫސްވެރިން ބޭރަށް ނުކުތުމަށް ވަކި ހާއްސަ ފާހެއް ބޭނުމެއް ނުވާނެ

މާލެ ސަރަޙައްދުގައި ބޭރަށް ނުކުމެއުޅުން މަނާ ވަގުތުތަކުގައިވެސް ނޫސްވެރިންނަށް، އެނޫސްވެރިޔަކު ނިސްބަތްވާ މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވެވޭނެ ކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން އަލަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެޜޭގައި ރޭގަނޑު 22:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުން މަނާކޮށްފައިވީނަމަވެސް ނޫސްވެރިން މައުލޫމާތު ހޯދައި ލިބިގަތުމަށް މިވަގުތު ތަކުގައިވެސް އެ ނޫސްވެރިއަކު ނިސްބަތްވާ މީޑިއާއެއްގެ ފާސް އަޅާއިގެން ބޭރުގައި އުޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފުލުހުން އެކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މިހާރު ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން އަލަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި 22:00އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް ބޭރަށް ނިކުމެ އުޅުން މިވަނީ މަނާކޮށްފަ އެވެ. އަދި އެ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށްވެސް އެސެންޓަރުން ވަނީ އަންގަވާފަ އެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައިވެސް ބޭރަށް ނުކުމެ އުޅޭނަމަ މާސްކް އަޅައިގެން އުޅުމަށް އެންމެހައި ރައްޔިތުންނަށް އެސެންޓަރުންވަނީ އިލްތިމާސްކުރައްވާފަ އެވެ.

މި ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންނަކީ ގައުމަށް ދިމާވާ މިފަދަ ކޮންމެ ހާލަތެއްގައިވެސް އެންމެ އިސްސަފުގައި ހަބަރާއި މައުލޫމާތު ހޯދައި އާއްމުންނަށް ފޯރުކޮށްދިނުމުގައި މަސައްކަތްކުރަންޖެހޭ ބަޔަކަށްވާތީ، ނޫސްވެރިން މިހާލަތުގައިވެސް މަގުމަތީގައްޔާއި އާއްމު ތަންތާގައި ހަރަކާތްތެރިވާން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ކަމާގުޅުންހުރި އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހުރިހާ ނޫސްވެރިންނަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެހެންނަމަވެސް މިހާލަތުގައި ނޫސްވެރިން މަސައްކަތް ކުރާއިރު، އެންމެ އިސްކަމަކަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކުރާ ކަމަށާއި އަދި ގޮތުން ބޭރުގައި އުޅޭއިރު އަބަދުވެސް މާސްކު އެޅުމަށާއި، އަތް ސާފުކޮށް ސެނިޓައިޒްކުރުމަށްވެސް އެކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ފާހުގެ އަގު ހިފެހެއްޓުމަށާއި، އެފާސް ނަހަމަގޮތުގައި ބޭނުން ނުކުރުމަށްވެސް އިލްތިމާސްކޮށްފައިވާއިރު މި ބަލިމަޑުކަމާއި ގުޅޭ ހޔހަބަރާއި މައުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިސްކުރުމާއި، ވީހާވެސްބޮޑަށް މައުލޫމާތު ކަށަވަރުކުރުމަށްފަހު ގައުމީ މަސްލަހަތު އިސްކޮށް ސައްހަ މައުލޫމާތު ފެތުރުމަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.