ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ޕާކަށް ދެވޭނެ، ކުޅޭ އެއްޗެހި ބޭނުމެއް ނުކުރެވޭނެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުތަކުގެ ޕާކުތައް ބަންދު ކުރި ކުރުން ނިމުމަކަށް ގެނެސް މާދަމާ ޕާކުތައް ހުޅުވާލި ނަމަވެސް ކުޑަކުދިން ކުޅެން ބަހައްޓާފައިވާ ތަކެތި ބޭނުން ކުރުން މަނާވާނެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ވަރުގަދަކުރި ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލުއި ދޭން ނިންމާފައިވާއިރު ލުއިތައް އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު އިއުލާނު ކޮށްދެއްވި ލުއިތަކާއި އެހެން ބައެއް ލުއިތަކާއެކު އެޗްޕީއޭއިން ވަނީ ލުއިތަކުގެ ތަފްސީލު އާންމު ކޮށްފަ އެވެ.

އެ ގޮތުން މާދަމާއިން ފެށިގެން ލިބޭ ލުއިތަކުގެ ތެރޭގައި ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަން އަދި ދުވާ ޓްރެކްތައް ހުޅުވާލުން ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ. އެ ތަންތަން ހުޅުވާލާނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށެވެ. ޕާކްތައް ހުޅުވާލި ނަމަވެސް ކުޑަކުދިން ކުޅެން ބަހައްޓާފައިވާ ތަކެތީގެ ބޭނުން ކުރުން މަނާވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އަދި ބެލެނިވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އެޖެންސީން އެދެ އެވެ.

ކާފިއު ވަގުތު ރޭގަނޑު 8:00 އިން ފަތިހު 4:00 ކުރުކުރަން ވަނީ ނިންމާފަ އެވެ. ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅެން ފުލުހުން ދޫކޮށްފައިވާ ހާއްސަ ހުއްދަ އުވާލާ ހުއްދައާ ނުލައި އެ ގަޑިތަކުގައި ބޭރުގައި އުޅުމުގެ ހުއްދަ ދޭނެ އެވެ.

އަދި މިރޭގެ ފަތިސް ނަމާދުން ފެށިގެން ނަމާދުގެ ޖަމާއަތް ފަށާނެ އެވެ. ނަމަވެސް އަދި ޖަމާއަތް ކުރިއަށް ގެންދާނީ ގައިދުރު ކަމާއެކުގައެވެ. މީގެ އިތުރުން ކާފިއު ނޫން ވަގުތު ހުރިހާ ވިޔަފާރިތަކެއް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެ ގޮތުން ކާފިއު ނޫން ވަގުތުތަކުގައި ޑައިނިންގެ ހިދުމަތް ދެވޭނެ އެވެ.

ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭ ގޮތަށް ވެސް ވަނީ ހަމަޖައްސައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް އަލުން ޓޫރިސްޓް ވިސާ ދޭން ވެސް ވަނީ ނިންމާފަ އެވެ.

އިންޑިއާގައި ކޮވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުން ދިޔަ ވަގުތެއްގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ވިސާ ދޫކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.