ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ނަތީޖާތައް ނެގެޓިވް ވުމުން އުނގޫފާރު އާއްމު ހާލަތަށް

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި ހުރިހާ ސާމްޕަލްތައް ނެގެޓިވް ވުމުން ރ. އުނގޫފާރު މޮނިޓަރިން ހާލަތުން ނަގައިފި އެވެ.

އުނގޫފާރު މޮނިޓަރިން އަށް ލާފައިވަނީ ޅ. އޮޅުވެލިފުށިން އުނގޫފާރު ހޮސްޕިޓަލަށް ގެނައި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒަޔާން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލަށް ގެނައި ބަލި މީހަކު މާލެ ފޮނުވާލި އިރު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި ޖުމްލަ ފަސް މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މި ފަސް ސާމްޕަލްވެސް ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާތީ އެރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ޒަޔާން ވިދާޅުވީ މި ކޭސްއާ ގުޅިގެން ހަތް ޑޮކްޓަރުންނާއި 21 ނަރުހުން އެކަހެރި ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ ހޮސްޕިޓަލުގެ ހިދުމަތަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށެވެ. ނަމަވެސް އަތޮޅުގެ އެހެން ބައެއް ހޮސްޕިޓަލުތަކުން އެ ހޮސްޕިޓަލަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެރަށުގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ނާސިން ކިޔަވަމުންދާ ދަރިވަރުންނާއި ލެކްޗަރާއެއް އެ ހޮސްޕިޓަލަށް ވޮލަންޓިއާކޮށް މަސައްކަތް ކޮށްދިނުމަށް ގުޅިފައިވާ ކަމަށެވެ.

މި ބަލި މީހާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ އިތުރުފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓްކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ. މި ކޭސް އާއި ގުޅިގެން އުނގޫފާރު ހޮސްޕިޓަލްގެ ހިދުމަތްވެސް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.

ޒަޔާން އިތުރަށް ވިދާޅުވީ އެކެހެރި ކޮށްފައިތިބި ސިއްހީ ހިދުމަތްތެރިންގެ ސާމްޕަލް ނެގުމާއި ދޭތެރޭ ގޮތެއް ނިންމާނީ އެޗްޕީއޭ އިން ކަމަށެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށްވެސް ފެތުރެން ފަށާފަ އެވެ. ރާއްޖެއިން މިހާތަނަށް މި ބައްޔަށް 4000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ.