ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 300 އަށް އަރައިފި އެވެ.
ކޮވިޑް ޖެހިގެން މަރުވި އަދަދު 300 އަށް އަރާފައިވަނީ މިއަދު އެ ބަލީގައި މީހަކު މަރުވުމުންނެވެ. މިއަދު ހެނދުނު މަރުވެފައިވަނީ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ މަރުވެފައި ވަނީ ހުޅުމާލެ އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.
ކޮވިޑްގައި މީހަކު މަރުވެފައި މިވަނީ ކޭސްތައް ވަރަށް ބޮޑަށް މަދުވުމަށްފަހު އަނެއްކާވެސް ކޭސްތައް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނިކޮށެވެ.
ކޮވިޑް 19 އާންމު ހާލަތަކަށް އައުމުން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މާޗް މަހު ވަނީ އުވާލާފަ އެވެ. އަދި މާސްކު އަޅަން މަޖުބޫރު ކޮށްފައި އޮތް އޮތުން ވެސް އުވައިލި އެވެ. އެކަމަކު މިމަހުގެ 13 ވަނަ ދުވަހު އެޗްޕީއޭ އިން އަނެއްކާ ވެސް ވަނީ މާސްކް އަޅަން އިލްތިމާސްކޮށްފަ އެވެ.
އެންމެ ފަހުން ރާއްޖެއިން މި ބަލީގައި މީހަކު މަރުވެފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެދުވަހު މަރުވީ އުމުރުން 77 އަހަރުގެ މީހެކެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާ 142 މީހަކަށް ބަލި ޖެހިފައިވެ އެވެ.