ރާއްޖެ ކުޅިވަރު

އިސްތިއުފާދިނީ ގިނަ ސަބަބުތަކާހުރެ: ސޮބާ

Oct 7, 2015

ނިއު ރޭޑިއަންޓްގެ ކޯޗުކަމުގެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާދިނީ ވަރަށް ގިނަ ސަބަބުތަކާހުރެ ކަމަށް ކޯޗު ސޮބާހު މުހައްމަދު ބުނެފި އެވެ.

"ވަރަށް ގިނަ ސަބަބުތަކާހުރެ އިސްތިއުފާދިނީ. ކުރިއަށްހުރި މެޗުތަކުގައި ކުޅުންތެރިންނަށް ކާމިޔާބީއަށް އެދެން. އަހަންނާއެކު މަސައްކަތްކުރި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ކަންދިމާވިގޮތުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ނުކުރެވުނަސް އަހަރެން ވަރަށް ބޮޑަށް ބަލައިގަންނަށް އަހަންނަށް ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދިން އިހްތިރާމް،" ނިއު އާއި ވިކްޓަރީ އަދި ވީބީގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

އޭނާ އަދި ބުނީ ފާއިތުވެދިޔަ ތިން އަހަރު ހޯދި ޕްރެޒިޑެންޓްސް ކާމިޔާބު ނުކުރުވުނު ނަމަވެސް ނިއު މިވަގުތު އޮތީ ދިވެހި ޕްރެމިއާ ލީގުގެ އެއްވަނާގައި ކަމަށާއި މިދިޔަ ތިން އަހަރު ހޯދި ލީގު ދިފާއު ކުރުމަށް އަދި ވަރަށް ފަހި ފުރުސަތެއް އެބައޮތް ކަމަށެވެ. އަދި ކުޅުންތެރިންގެ އަމިއްލަ ކުރިއެރުމަށާއި ޓީމުގެ ކާމިޔާބީ އަށް ބުރަކޮށް މިއީ މަސައްކަތްކުރަންވީ ވަގުތު ކަމަށާއި ސީޒަން ނިމޭއިރު ނިއު އަށް ލިބޭ ކާމިޔާބީގައި އޭނާގެ ހިއްސާވެސް އޮންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާ ނިއުގެ ކޯޗުކަމާ ހަވާލުވީ ނިއު އަށް މި ސީޒަނުގައި ގެނައި ބިދޭސީ ދެ ކޯޗުން ވެސް ފޮނުވާލަން ޖެހުމުންނެވެ. އޭނާ ހަވާލުވުމަށްފަހު އޭއެފްސީ ކަޕުގައި ނިއު ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އަދި ދިވެހި ލީގުގެ ފުރަތަމަ ބުރުނިމެން ބާކީ މެޗަކަށްވެފައިވާއިރު ނިއު އޮތީ އެއްވަނާގަ އެވެ.