ޔޫއެފާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގްގައި، ހުކުރު ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ނުކުންނަ ރެއާލް މެޑްރިޑްގެ ޓީމުން ވޭލްސްގެ ފޯވަޑް ގެރެތު ބޭލް އާއި ކޮލަމްބިއާގެ އެޓޭކިން މިޑްފީލްޑާ ހާމެސް ރޮޑްރިގޭޒް ބާކީ ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ރެއާލްގެ ކޯޗް ޒައިނުއްދީ ޒިދާން އާއި ގެރެތު ބޭލް އާ އެހާ ރަނގަޅު ގުޅުމެއް ނޯވެ އެވެ. ލަލީގާގެ ފަހު މެޗުގައި ލެގަނޭޒް އާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން ވެސް ބޭލްއަށް ފުރުސަތު ނުދެ އެވެ. އޭގެ ކުރީގެ މެޗުގައި އަމިއްލަ ދަނޑުގައި ވިޔަރެއާލް އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލަލީގާގެ ޗެމްޕިއަންކަން ކަން ހޯދުމުން، ޓީމުގެ އެހެން ކުޅުންތެރިން އުފާފާޅު ކުރަމުން ދިޔައިރު ބޭލް ފެނުނީ އެކަހެރިކޮށް ހުއްޓަ އެވެ.
ސްކޮޑުން ޖާގަ ނުލިބުނު އަނެއް ކުޅުންތެރިޔަކީ ހަމޭސް އެވެ. ފަހަކަށް އައިސް ޒިދާންގެ ޕްލޭންގައި ހަމޭސް ހިމެނިފަ އެއް ނުވެ އެވެ. ފެބްރުއަރީ މަހު ފުރަތަމަ ލެގްގައި މެޑްރިޑްގެ ސެންތިއާގޯ ބާނެބެއުގައި ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުގައި ޒިދާން ވަނީ ބޭލް އަށް ފުރުސަތު ދީފަ އެވެ. އެ މެޗުން ރެއާލް ބަލިވީ 2-1 ންނެވެ.
ޖޫން 24 ގައި މަޔޯކާ އާ ދެކޮޅަށް، ރެއާލް ކުޅުނު މެޗުގައި ބޭލްއަށް ފުރުސަތު ދިން ފަހުން ދެން ކުޅުނު އެއްވެސް މެޗަކުން ޒިދާން ޓީމުން ބޭލްއަށް ފުރުސަތު ދީފައެއް ނުވެ އެވެ.
އެ ކުލަބުގެ މިޑްފީލްޑާ ކާލޯސް ކެސެމީރޯ މިދިޔަ ހަފުތާގައި ބުނީ، ރެއާލްގެ ކޯޗުން ސްޓާފުންނާއި ކުޅުންތެރިންގެ ސަޕޯޓް ބޭލްއަށް އެބައޮތް ކަމަށެވެ.
މެންޗެސްޓާ ގައި، ސިޓީ އާ ދެކޮޅަށް ކުޅޭ މެޗަށް ސަސްޕެންޑް ވެފައިވާ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށްވެސް 24 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ދިނެވެ. އަދި ތަނބިކަށްޓަށް ކުރިމަތިވި އަނިޔާ އާ ގުޅިގެން، ފިޓްނަސް އާ މެދު ސުވާލު އުފެދިފައިވާ އެޑެން ހަޒާޑަށް ވެސް ފުރުސަތު ދިނެވެ. އަދި މި ސީޒަންގައި ރެއާލްގެ ޓީމާ އެކު އެންމެ މެޗެއް ކުޅުނު ބްރަހިމް ޑިއަޒް އަށްވެސް ވަނީ މެޗުން ފުރުސަތު ދީފަ އެވެ. ބުރަހިމް އަށް ފުރުސަތު ދިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވި މަރިއާނޯ ޑިއަޒްގެ ބަދަލުގަ އެވެ.