ރާއްޖެ ކުޅިވަރު

ޗައިނާ ރާއްޖެ، ބޫޓާނުގެ ގައުމީ ސަލާމަށް މަލާމާތް ކުރުމުން ހޮންކޮން ޖޫރިމަނާކޮށްފި

Oct 7, 2015

ޗައިނާ އާއި ރާއްޖެ އަދި ބޫޓާނުގެ ގައުމީ ސަލާމަށް ހޮންކޮންގެ ސަޕޯޓަރުން މަލާމާތްކުރުމުން ފީފާއިން އެ ގައުމު ޖޫރިމަނާކޮށްފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ހޮންކޮން ކުޅުނު މެޗު ފެށުމުގެ ކުރިން ޗައިނާގެ ގައުމީ ސަލާމް ކިޔަން ފެށުމުން ހޮންކޮންގެ ސަޕޯޓަރުން މަލާމާތްކޮށް "ބޫން" ލެއްވުމުން އެ ގައުމު ޖޫރިމަނާކުރީ 5160 ޑޮލަރުންނެވެ.

މިކަމާ ގުޅިގެން ހޮންކޮންގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޗެއާމަން ބުރެއިން ލުއެން ވިދާޅުވ އިދިކޮޅު ޓީމުތަކުގެ ގައުމީ ސަލާމް ކިޔާއިރު ބޫން ލެއްވުމަށް މީޑިޔާ މެދުވެރިކޮށް އާއްމުން ހޭލުންތެރިކުރިވާނެ ކަމަށެވެ. އަދި މިއީ ޗައިނާދެކެ ރުޅިއައިސްފައި ތިބި މަދުބަޔަކު ކުރާ ކަމެއް ކަމަށެވެ.

ހޮންހޮންގެ ސަޕޯޓަރުން ވަނީ ރާއްޖެ އެ ގައުމު އަތުން 2-0 އިން ބަލިވި މެޗުގައި ދިވެހި ގައުމީ ސަލާމް ކިޔަން ފެށުމުން "އަހަރުމެންނަކީ ހޮންކޮން،" ކަމަށް ބުނެ އަޑުގަދަކޮށް ހަދައިފަ އެވެ. އަދި ބޫޓާނާއެކު ކުޅުނު މެޗުގައި ސަޕޯޓަރުން މިފަދައިން އަމަލުކޮށްފައިވެ އެވެ. ނަމަވެސް މިކަންތައް ބޮޑުވީ ކުރިން ޗައިނާގެ ދަށުގައި ކުރިން އޮތް މި ގައުމު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ސަޕޯޓަރުން ވަނީ ހިލޭ މާޗުކޮށްދޭ މީހުންނޭ ކިޔައި އަދުގަދަކޮށް ހަދައިފަ އެވެ.