ހަބަރު

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާންކޮށްފި

ހައި ކޯޓަށް ފަނޑިޔާރަކާއި ރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ކުރި އިއުލާނާއި، ކްރިމިނަލް ކޯޓުގެ ގާޒީއަކު ހޯދަން އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، އެ ދެ ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލާފައިވަނީ މި އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 36،000 ރުފިޔާ އެވެ. ލިވިން އެލަވަންސްއަކީ 15،000 ރުފިޔާ އެވެ. ރިސްކް އެލަވަންސް އަކީ 3،300 ރުފިޔާ އެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސްއާއި ފޯން އެލަވަންސް ވެސް ލިބެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ މުސާރައަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްއަކީ 15،000 ރުފިޔާ އެވެ. ރިސްކް އެލަވަންސްއަކީ 3،300 ރުފިޔާ އެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސްއާއި ފޯން އެލަވަންސް ލިބޭނެ އެވެ.

ދެ ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހުން ހިމެނެ އެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްވެފައިވާން ޖެހެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން، ފަނޑިޔާރު ކަމުގެ ނުވަތަ ގާނޫނީ ވަކީލު ކަމުގެ ނުވަތަ ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން އެ ކަންކަމުގެ މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

މީގެ އިތުރުން ގާނޫނު އަސާސީގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ. ސިޔާސީ ޕާޓީގެ މެންބަރަކަށް ވެސް ވެގެން ނުވާނެ އެވެ.

ރިޝްވަތާއި ކޮރަޕްޝަން ފަދަ އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ. ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ.

ބަދު އަހްލާގީ އަމަލެއް ނުވަތަ ޓެރަރިޒަމް ފަދަ ގާނޫނުލް އުގޫބާތުގައި ހިމެނޭ ކުށެއް ކުރިކަމުގެ ހުކުމެއް ކުރެވިފައިވާނަމަ އެ ހުކުމެއް ތަންފީޒުކުރިތާ ހަތް އަހަރުވެފައިވާން ޖެހެ އެވެ. އަދާ ކުރަން ޖެހޭ ސާބިތު ދަރަންޏެއް ވާނަމަ ހުކުމާ އެއް ގޮތަށް އެ ދަރަނި އަދާ ކުރަމުންދާ މީހަކަށް ވާން ޖެހެ އެވެ.

ހައި ކޯޓަށް ފަނޑިޔާރަކާއި ކްރިމިނަލް ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީން އިއުލާން ކުރިއިރު، ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ހަސަން އަލީ ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ހައިލަމް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވައިފަ އެވެ.

އެ ދެ ފަނޑިޔާރުން ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުން ދަނިކޮށެވެ. ޖޭއެސްސީން ދަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ހައި ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުން ހިމެނެ އެވެ.