ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޮމަދޫ މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް

އދ. އޮމަދޫން މާލެ ގެނައި ބަލި މީހާގެ ދެވަނަ ސާމްޕަލް ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެ އެވެ.

އޮމަދޫ ކައުންސިލް ރައީސް އަދުނާން އަބްދުﷲ ވިދާޅުވީ އެމީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެފައިވާކަން އެޗްޕީއޭއިން މިހާރު އަންގާފައިވާ ކަމަށެވެ. އެހެން ކަމުން އެއީ ފޯލްސް ޕޮޒިޓިވް އެއް ކަމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އަދުނާން ވިދާޅުވީ އުމުރުން 50 އަހަރުގެ އެ އަންހެން މީހާގެ ފުރަތަމަ ނަތީޖާ ޕޮޒިޓިވް ކަމަށް ބުނުމުން ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ނިމެންދެން ޒަރޫރީ ބޭނުމެއް ނެތި ރަށުން ބޭރަށް ދިޔުމާއި ރަށަށް މީހުން ނާރަން އިލްތިމާސް ކުރި ކަމަށެވެ. ނަމަވެސް ދެވަނަ ނަތީޖާ ނެގެޓިވް ވުމުން އެ ފިޔަވަޅުތަކަށް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އޮމަދޫން މާލެ ގެނައި މީހާއަކީ ނޭވާ ހިއްލުމުގެ ބަލި ހުންނަ މީހެކެވެ. އެ މީހާ ވޭތުވެދިޔަ ދުވަސްތަކުގައި އެއްވެސް ރަށަކަށް ޒިޔާރަތް ކޮށްފައިނުވާ ކަމަށާއި އަދި ދަތުރުކޮށްފައިވާ މީހަކާއި ބައްދަލުވެފައިވާ މީހެއް ނޫން ކަމަށްވެސް އަދުނާން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރަށް އަދުނާން ވިދާޅުވީ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައިވީ ނަމަވެސް ޒަރޫރީ ބޭނުމެއް ނެތި ބޭރުތެރެއަށް ނުނުކުތުމަށާއި ބޭރަށް ނިކުތަސް މާސްކް އަޅައިގެން ނޫނީ ނުނުކުތުމަށް އަންގާފައިވާނެ ކަމަށެވެ.

އޮމަދޫން ޓެސްޓް ކުރި މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވްވިއިރު، މާލެއިން ބައެއް ރަށްރަށަށް ދަތުރު ކުރި މީހުން މީގެ ކުރިން ވެސް ޕޮޒިޓިވް ވެފައިވެ އެވެ. މާލެއާއި ރަށްރަށާއި ދެމެދު ދަތުރުކުރާ ދޯނިފަހަރުތަކުގައި އުޅޭ ބައެއް މީހުން ވެސް މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑްގެ ބަލި ފެތުރުން ކޮންޓްރޯލްކޮށް ކުރިން އެޅި ފިޔަވަޅުތަކަށް ލުއި ދިން ފަހުން އަނެއްކާ ވެސް ބަލި ފެތުރުން ވަނީ ބޮޑުވެފަ އެވެ. މިހާތަނަށް ބައްޔަށް ޕޮޒިޓިވް 4،594 މީހަކު ފެނުނުއިރު، 2،706 މީހުން ބަލިން ރަނގަޅު ކުރެވުނެވެ. 1،854 މީހަކަށް ބަލިން ފަރުވާދޭއިރު، ރާއްޖޭގައި މިހާތަނަށް މި ބަލީގައި 19 މީހަކު ވަނީ މަރުވެފަ އެވެ.