(4 އޯގަސްޓް 2020 އާ ގުޅޭ)
"އޭނާއަށް ކަމުދާ އެހެން އަންހެނަކު ފެނުނީތަ؟." ޔާދިން ބުނެލީ ކަންއޮތްގޮތް އެނގިގެނެއްނޫނެވެ. އެހެންވިޔަސް އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ލައިތުގެ ދެބުމަ ކައިރިވެލިއިރު ލައިރާއަށް ސެހްރާނު ބަލާލީ އެއީ ތެދެއްހޭ އަހާ އުސޫލުންނެވެ.
"ތެދެއްތަ؟." ލައިރާ ޖަވާބެއް ނުދިނީތީ އެންމެފަހުން ސެހްރާނު އެއްސެވެ.
"މިކަމުގެތެރެއަށް ވަންނަން ނުހަދާ. ހެޔޮނުވާނެ..." އެއްވެސް ސުވާލަކަށް ޖަވާބުދޭން ބޭނުންނުވާތީ ލައިރާ ބުންޏެވެ.
އެކަކުކުރި އެއްވެސް ސުވާލަކަށް ލައިރާ ޖަވާބެއް ނުދިނެވެ. އެނދުގެ މަގަތުގައި ޔާދިން އައިސް އިށީނީ ދައްތަގެ ދެކޮޅު ހެދުމަށް ކެތްކުރަން އުނދަގޫވެގެން ކަހަލައެވެ. ލައިރާގެ ދެފަރާތުން ސެހްރާނާއި ޔާދިން ތިއްބެވެ. އެ ދެމީހުންގެ ސުވާލުތައް ހުއްޓުމަކަށް ނައެވެ. ނަމަވެސް އެ ކޮޓަރީގެ ދޮރުމަތީ ދެއަތްއުރާލައިގެން ދޮރުކަނީގައި އަރިއަކަށް ޖެހިލައިގެން ހުރި ލައިތުގެ ވަނީ ހިމޭންކަމެވެ. އަނގައިން ނުބުންޏަސް ލައިތުގެ ނަޒަރު ލައިރާއާ ވަތްކެއްނުވެއެވެ. އެނދުން ތެދުވިގޮތަށް ލައިރާ ބަލާލީ ލައިތަށެވެ. ސެހްރާނާއި ޔާދިން ގޮވައިގެން އެތަނުން ދިއުމަށް ލައިރާ އެދުނީ ލައިތުގެ ގާތުންނެވެ. އޭނާ ބަހެއްނުކިޔާ ސެހްރާނަށް ބަލާލިއެވެ.
"ލައިތު..." ސެހްރާނު ގޮވާލީ ހަމަދާންވީހޭ އަހާލާ ފަދައަކުންނެވެ.
"ސްޓޮޕް ސަފަކޭޓިންގް ހާ... ގިވް ހާ ސްޕޭސް، އެންޑް ލެޓްސް ގޯ... ނައު..." އެއްފައި މައްޗށް ބުރަވެ ހުރި ލައިތު ހަށިގަނޑު ސީދާކޮށްލިއެވެ. އެ އަޑުގައިވީ ސީރިއަސްކަމެވެ. ހިސާބެއްގެ އަމުރުވެރިކަމެވެ. ސެހްރާނާ ދިމާއަށް ބުނިހެން ހީވިޔަސް ޔާދިން ވެސް ލައިތަށް ބަލާލިއެވެ. ސެހްރާނު ދާން ބޭނުންނުވާކަން ދައްކަމުން ތުންއޫކުރަން ފެށިއެވެ. ލައިތު އައިސް ހިފީ އޭނާގެ މުލައްދަނޑީގައެވެ. ކައިރިއަށް ދަމާލުމާއެކު ސެހްރާނުގެ ކޮނޑުމައްޗަށް އަތްއެއްލިއެވެ. އޭނާ ގޮވައިގެން ނުކުންނަން ލައިތު ހިނގައިގަތުމުން ޔާދިން ވެސް އެމީހުންގެ ފަހަތުން ހިނގައިގަނެއްޖެއެވެ. ނަމަވެސް ފަސްއެނބުރި އަދިވެސް އެއްފަހަރު ލައިރާއަށް އޭނާ ބަލާލިއެވެ.
* * * * *
ލައިރާގެ ސަބަބުން ހ.މަހަލްގެ ގިނަ މެންބަރުންގެ ރޭގަނޑު ނިދިވަނީ ގެއްލިފައެވެ. އެންމެން ވެސް ވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ތޫފާނުގެ އަސަރެއް ފާޅުވުމެއްނެތި ކޮޅިގަނޑުގައި ޖެހުނީ ކުއްލިއަކަށްވީމައެވެ. އެންމެ ހަމަޖެހޭ ދިރިއުޅުމެއް އުޅޭނޭކަމަށް ޢާއިލާގެ އެންމެން ވެސް ޤަބޫލުކޮށްގެން ތިބީ ލައިރާއާއި ޒުބިންނެވެ. ލައިރާއަކީ އެ ޢާއިލާގެ ދިރުމެވެ. ކުދީންގެ މެދުގައި އޮންނަ ބައިބައިވުންތައް އެއްފަރާތްކޮށް ހުރިހާ ކުދީން އެއްތަން ކުރުވާ މީހަކީ އެއީއެވެ.
އަސަދަށް ފުރަގަސްދީގެން އޮތް ސަރަފީނާ ވަނީ މާޒީގެ ހަނދާންތަކުގައި ބަނދެވިފައެވެ. ލިބުނު ހަމައެކަނި އަންހެން ދަރިފުޅުގެ ދިރިއުޅުން ވެސް ރޫޅިނިމޭއިރު، އޭނާ ފަދަ ބަދުނަސީބު އަންހެނަކަށް އެ އަންހެންކުއްޖާ ނުވުމަށް އެދެވުނެވެ. ޒުބިންއަކީ އޭނާގެ ލެއާ ގުޅިފައިވި ޢާއިލާގެ ތެރެއިން އައިސްފައިވާ ކުއްޖެއްކަމަކު، އޭނާގެ ނިންމުންތަކާމެދު ސަރަފީނާގެ ހިތުގައި ރުޅިވެރިކަމާއި ނުރުހުމުގެ ޝުޢޫރު ހިނގަންފެށިއެވެ. އެއަށްވުރެ ބޮޑަށް ބޮޑުބޭބެ ހާރޫނާއި ފަހަރި ޔުމްނާ ކުށްވެރިކުރެވުނެވެ. ލައިރާއާ މެދު ޒުބިން ގަޔާނުވާކަން އެނގިހުރެ އެ ކައިވެންޏަށް ސަރަފީނާ ރުހުން ނުދުނީހެވެ. އެކަމުގައި އެމީހުން އޮޅުވާލީކަން ސަރަފީނާއަށް މިހާރު ޤަބޫލުކުރެވުނެވެ. ލައިރާއާއި އިލިޔާނާ ދޫކޮށްލާފައި ޒުބިން ޚިޔާރުކުރި އަންހެންކުއްޖަކީ ކޮބާތޯ ބެލުމުގެ ޝައުގުވެރިކަން ވެސް ސަރަފީނާގެ ހިތުގައި އުފެދުނެވެ. ހަމައެއާއެކު އެ އަންހެންކުއްޖާ ކުށްވެރި ވެސް ކުރިއެވެ. ހަމަޖެހޭ ދިރިއުޅުމެއްގެ ތެރެއަށް ވަނީކަމުގައި ސަރަފީނާއަށް ޔަގީންކުރެވޭތީއެވެ.
* * * * *
ދޮރޯށި ހުޅުވުނު އަޑަށް މިފްރާހުގެ ތުނބުގައި ޖަހާފައި ހުރި ސިނގިރޭޓު ތިރިކޮށްލައި ދުންތައް ބޭރުކޮށްލިއެވެ. އަދި ފާރާ ދުރަށް ޖެހިލައި އޭނާ ބަލާލިއެވެ. ގޭތެރެއިން ނުކުތް ކެންޒާ ފެނުމުން އޭނާ ހިނިތުންވެލިއެވެ. ނަމަވެސް ކެންޒާގެ ނަޒަރު ސީދާވެލުމާއެކު ފެނުނީ އޭނާގެ ދެ ބުމަގޮށްޖަހާލިތަނެވެ. އިންތިހާ ފޫހިކަމެވެ.
ހަފްތާ ބަންދު ދުވަހެއްވީމާ ހެނދުނު ކެންޒާ ބަލާ ނަސީމެއް ނާދެއެވެ. އޭނާ ގެއިން ނުކުތް ގޮތަށް މަޑުކޮށްލުމެއްނެތި ކުރިއަށް ހިނގައިގަތީއެވެ. އޭނާގެ ފަހަތުން މިފްރާހު ހިނގައިގަތްކަން އެނގުމުން ކެންޒާގެ ޠަބީޢަތް ގޯސްވިއެވެ. ރުޅިގަދަވެގެން މީހާ ފަޅައިގެންދާވަރުވިއެވެ.
"ތީ ދެން ކިހާ ދެރަކަމެއް، ފަހަތުން އަޅުވާލައިގެން ތިއަންނަނީ ކޯއްޗެއް ލިބޭނެކަމަށް." ކެންޒާގެ ފިޔަވަޅު ހުއްޓުމަކަށް ގެނެސް ފަސްއެނބުރި މިފްރާހަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ.
"ހިނގާބަލަ އަހަރެން ގެންގޮސްދޭނަން." މިފްރާހު ވާހަކަދެއްކީ ނިކަން ހަމަޖެހިގެންނެވެ. ކެންޒާގެ ނަޒަރު އޭނާގެ އަތުގައި ސިނގިރޭޓަށް ހުއްޓުމުން ނިކަން އަވަހަށް ފައިދޮށަށް އެއްލާލިއެވެ. އަދި ފައިވާނުން އަރާ ސިނގިރޭޓު ޗިސްކޮށްލަމުން ހިނިތުންވެލިއެވެ.
"މަންމަ ކައިރީ ކަލޭގެ ހުރިހާ ވާހަކައެއް ކިޔާލީމަ މާރީއްޗެއްނުވާނެ. ތިކަހަލަ މީހުން ހުއްޓުވަން އެނގެޔޭ." މިފްރާހު ބަދަލުކޮށްލި ހިނިތުންވުން ފެނި ކެންޒާވީ އަމަށަކު ފޫއްސެއްނޫނެވެ. ނަމަވެސް މިފްރާހަށް ކެންޒާގެ ނުރުހުމުން ކުޑަ ވެސް އަސަރެއް ނުކުރެއެވެ.
"އިންނަންވީނު؟." މިފްރާހު އަހާލިއެވެ. އިހުނަށްވުރެ ކެންޒާ މޫނު ކުނިކޮށްލިއެވެ.
"ކޮންމެވެސް އެހެންކަމަކާ ކަލޭ އުޅެންވީނު." ކެންޒާ ބުންޏެވެ. އޭނާ ހިނގައިގަތީ އެގޮތަށް މިފްރާހާ ޒުވާބުކުރަން ހުރެއްޖެނަމަ، މަސައްކަތަށް ބުރޫއަރާނޭކަން އެނގޭތީއެވެ.
ހ.މަހަލްއާ ހަމައަށް އާދެވެންދެން ކެންޒާގެ ފަހަތުން މިފްރާހު އައެވެ. އޭނާ ހުންނަނީ ކެންޒާއާ ދެތިން ފިޔަވަޅު ފަހަތުގައެވެ. ޖީންސުގެ ދެ ޖީބަށް އަތްޖަހާލައިގެން ހުރެ އެއްވަރެއްގައި ހިނގަމުން އައިސް މަޑުކުރީ ކެންޒާ އެގެއަށް ވަނީމައެވެ. ގޭޓުން ވަދެ ކެންޒާ ފަސްއެނބުރި ބަލާލިއެވެ. ދުވާރުމަތީ މަޑުކޮށްލައިގެން ހުރި މިފްރާހު އެއްލޯމަރާލައި ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލީ ނުހަނު އަވަހަށެވެ.
"އައި ލަވް ޔޫ... ސީ ޔޫ ލޭޓާ." އަތުން ހަނާ އަޅާލަމުން މިފްރާހު ބުނެލިއެވެ. ތުންދަމައިގެން ހުރެ ހަރުކޮށް ހިނގާފައި ކެންޒާ ވަދެގެން އައެވެ.
"މޯނިން ލަވް." ބަދިގެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ލައިތުގެ އަޑު އިވުނެވެ. ބޭއިޚްތިޔާރުގައި ކެންޒާއަށް ހިނިތުންވެވުނެވެ. އައިލެންޑް މަތީ ހުރި ދެ ކޮފީ ޖޯޑުން އެއް ޖޯޑު ހިފައިގެން ލައިތު ތެދުވިއެވެ. އަދި އެ ޖޯޑު ކެންޒާއަށް ދިއްކޮށްލިއެވެ. އެންމެ ހެޔޮވަރު ހޫނުމިނުގައި ހުރި ކޮފީތަށިން އެތިފޮދެއް ބޯލުމާއެކު، މީރު ކޮފީގެ ރަހަ އަނގައި ހުރިހާ ދިމާއެއް ހިސާރުކޮށްފިއެވެ. ސިކުނޑިއަށް ހީވީ އަރާމުކަމެއް ލިބިގެން ދިޔަހެނެވެ. އެ އިޙްސާސުގައި ލޯމަރާލުމާއެކު ހަށިފުރާ ނޭވާއެއް ކެންޒާއަށް ދޫކޮށްލެވުނެވެ.
"ކިހިނެއްވީ؟، ބަލީތަ؟." ކެންޒާ ގާތްކޮށްލަމުން ލައިތު އަހާލިއެވެ. ދެފަރާތަށް ބޯހޫރާލަމުން ލައިތުގެ އަތުގެތެރެއިން ކެންޒާ ނުކުތެވެ. ކޮފީ ޖޯޑު އައިލެންޑް މަތީ ބަހައްޓާފައި، މަސައްކަތަށް ތައްޔާރުވުމަށް އޭޕްރެން ނަގައި އަޅަން ފެށިއެވެ. ދުރުގައި ނުހުރެ ލައިތު އައިސް ކެންޒާގެ ގާތުގައި ހުއްޓިލުމާއެކު އޭޕްރެންގެ ވާކޮޅު އައްސައިދޭން ފެށިއެވެ. އެކަން ނިމި ކެންޒާގެ ކޯތާފަތުގައި ދެއަތުން ހިފާލައި ފިރުމާލާފައި ބޮސްދީފިއެވެ.
"ކުޑަކޮށް ލަސްވެއްޖެ، އެއްޗެހި ރެޑީކުރަން މިއުޅެނީ... ތޭންކްސް ފޯ ދި ކޮފީ." މިފަހަރު ވެސް ލައިތުއާ ދުރަށް ކެންޒާ ހިނގައިގަތެވެ. އެކަމާ ގަޔާނުވެހުރެ ލައިތު އެކަން ފާޅެއްނުކުރިއެވެ. އޭނާ އެނބުރި ގޮސް އައިލެންޑް ދޮށުގައި އިށީނެވެ. އޭނާގެ ކޮފީތަށި ކައިރިކޮށްލައިގެން ކެންޒާއަށް ބަލަން އިނީއެވެ.
"ޕެންޑާ..." ލައިތު ގޮވާލިއެވެ. މަސައްކަތުގައި އުޅެމުން ކެންޒާ ހޫން ލައްވާލިއެވެ.
"އެންމެން ކައިރީ މިގުޅުމުގެ ވާހަކަ ބުނަން އަހަރެން ގަސްދުކޮށްފިން." ލައިތު ބުންޏެވެ. ކެންޒާގެ ހަރަކާތްތައް ހުއްޓޭވަރުގެ ވާހަކައަކަށް އެކަންވިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ލައިތަށް ބަލަން ކެންޒާއަށް ހުރެވުނެވެ.
"އައި އޭމް ސީރިއަސް... އޮފިޝަލީ ތީ އަހަރެންގެ ގާލްފްރެންޑްގެ ގޮތުގައި އެންމެންނަށް އިންޓްރޮޑިއުސްކޮށްދޭން ބޭނުން. އަހަރެމެން ޑޭޓްކުރާކަން އެންމެންނަށް މިހާރު އެނގެންވެއްޖެ." ލައިތު ބުންޏެވެ. އެއީ ރޭ ހަތަރުދަމު އޭނާ ވިސްނާ ފިކުރު ކުރުމަށްފަހު ނިންމި ނިންމުމެކެވެ. ކެންޒާއަކީ މިހާރު އޭނާގެ ހައްޤެއްކަން ބުނެދޭން ބޭނުންވަނީއެވެ. އެކަން އެންމެންނަށް އަންގަން ބޭނުންވަނީ ސަބަބެއްނެތިއެއް ވެސް ނޫނެވެ. އެހެންވިޔަސް އެ ސަބަބު އޭނާ ކެންޒާއަށް ހާމަކުރާކަށް ގަސްދެއްނުކުރެއެވެ.
"ތީ ރަނގަޅު ޚިޔާލަކަށް ވެދާނެތަ؟." ކެންޒާއަށް އަހާލެވުނެވެ.
"ޔާ، އިޓް ވިލް ބީ އޯލްރައިޓް. ޕެންޑާއަށް ޕްރެޝާއެއްނެތް... މާމަ އޯކޭވެއްޖެއްޔާ ނުގަބޫލުވާނެ އެކަކު ވެސް ނުހުންނާނެ، އެހެންނޫނަސް އެމީހުންގެ ޚިޔާލު މުހިންމެއްނޫން، ބުނަންވެގެން ބުނެލަނީ... އޭރުން އެއްވެސް މީހަކަށް އޮޅިފައެއްނޯންނާނެއެއްނު. އަހަރެން ރައްޓެހިވާނޭ މީހުންނާއި، އިންނާނޭ މީހުން އެނގޭނީ އަހަންނަށް. އެކަންކަމާ ގޮތްކިޔާކަށް ފުރުޞަތެއް ނޯންނާނެ އެހެންމީހުންނަކަށް." ދެކޮނޑު އަރުވާލިގޮތުން ލައިތަށް ޢާއިލާގެ ޚިޔާލު މުހިންމު ނޫންކަން ކެންޒާއަށް ޔަގީންކުރެވުނެވެ.
"ލައިތު ކީއްވެތަ އެމީހުންދެކެ ފޫހިވަނީ؟. މަންމައާއި ބައްޕައާއި އެއްބަނޑުއެއްބަފާ ކުދީން ނޫނީ އަޅާލަން ތިބީ ދެން ކޮންބައެއް. ބައްޕަ ފެނުނަސް ލައިތަށް ހީވަނީ ދުޝްމިނަކު ފެނިގެން އުޅޭހެން. ތި ދުލުން މަންމައޭ ބުނި އަޑެއް އަދި ނާހަން. ކީއްވެތަ އެއީ؟. އަދިވެސް ހީވަނީ އަހަންނަށް ރަނގަޅަށް ލައިތު ނޭނގޭހެން." ކެންޒާ މަސައްކަތަށް އެނބުރެމުން ވާހަކަދެއްކިއެވެ.
"އަހަންނަކީ މާދުރުން އައިސް ހުރި މީހެއް. މި މީހުންނާ އެއްވެސް ގުޅުމެއްނެތް މީހެއް. މިހާރު އަހަރެންގެ އެއްވެސް މީހަކު ހުރިކަމަކަށް ޤަބޫލެއްނުކުރަން. އެކަމަކު އެމީހުންގެ އިހުސާންތެރިކަމުގައި ކޮޅުފައިން ޖަހާނެހާ އަމިއްލަ އެދުން ބޮޑެއްނޫން. އެހެންވެ އޭގެ ބަދަލު ދޭން އަހަރެން މަސައްކަތް ކުރަމުން މިދަނީ." ލައިތު ބުނެލިއެވެ.
"އެންމެން ދަރިފުޅާއޭ ނުކިޔާނޭ ދަރިއެއްގެ މަޤާމު ލައިތަށް ނުދޭނަމަ. އެންމެންނަށްވުރެ ވެސް ސެހެރްގެ މަންމަ ލައިތުދެކެ ލޯބިން އުޅޭތަން ފެނޭ. ފުރަތަމަ އަހަރެން ހީކުރީ އެއީ ލައިތު މަންމަކަމަށް." ކެންޒާ ބުންޏެވެ.
ލައިތު ވަކި އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. އެގޭގެ އެންމެންނާ ފަރުޒީނު ތަފާތުކަން ޚުދު ލައިތަށް އެނގެއެވެ. ލައިތަށް ޓަކައި އެ ދެ ލޯ ކަރުނުން ތެމިފައިވީތީ ވެސް އޭނާ ދުށްޓެވެ. މަންމާއޭ ކިޔާ ގޮވާލާނަމަ ފަރުޒީނަށް އެ ނަމުން ގޮވާލުން ހައްޤުކަމުގައި ލައިތުގެ ޟަމީރު އެއްބަސްވެއެވެ. ދުވަހަކުވެސް ކިތަންމެ ކުޑަ އާދައިގެ ކަމަކަށް ވިޔަސް ސެހްރާނާއި ލައިތުއާ ދެމެދު ފަރުޒީނު ތަފާތުކޮށްފައެއްނުވެއެވެ. ލައިތުގެ ކޮންމެ ކާމިޔާބީއެއް ފާހަގަކޮށް ހިތްވަރުދިނުމުގައި ފޫހިކަމެއްނެތި އޭނާ ހުއްޓެވެ. ވީއިރު ލައިތު ޤަބޫލުކުރާ ގޮތުގައި އޭނާގެ ހަމައެކަނި ޢާއިލާއަކީ ފަރުޒީނާއި ސެހްރާނޭ ބުނުމަކުން މުޅިއަކުން އެއީ ދޮގަކަށް ނުވާނެއެވެ. ކަސްތޫރީއަށްފަހު ލައިތު ކިޔަމަންވާ މީހަކީ ފަރުޒީނެވެ. ކަސްތޫރީއަށް ދެވިފައިނުވާ ޚާއްޞަ މަތިވެރި އިޚުތިރާމެއް ފަރުޒީނަށް ލައިތު ދީފައިވެއެވެ.
"ޕެންޑާ... މިވަގުތަކުނޫން. ތި ސުވާލުތަކަށް އަހަރެން ޖަވާބުދޭނަން އެހެންފަހަރަކުން." ކެންޒާ އިތުރު ސުވާލެއް ކުރަން އުޅުމުން އެކަން ލައިތު ހުއްޓުވާ ބުނެލިއެވެ.
* * * * *
މިންނާ ސައިތަށި ގެނެސް ކާމޭޒުދޮށުގައި އިން ހަމީމްގެ ކުރިމަތީ ބެހެއްޓިއެވެ. އަތުގެ ދެ އިނގިއްޔަކުން ހަންމެށިފައި ހުރުމުން ކާން އުނދަގޫވާނޭކަން ހަމީމު ބުނެލިއެވެ. ވަގުތުކޮޅަކަށް ހަމީމުގެ މޫނަށް ބަލަން މިންނާ ހުރީ ޤަބޫލުނުކުރެވިފައި ހުރި ފަދައިންނެވެ. އެހާ މަޑުމައިތިރިކޮށް ހަމީމުގެ އަޑު އިވުނީމައެވެ. ހައިރާންކަން ފިލުވާލައި ރޮށިތަށިން ނެގި ދެ ރޮށި ތަށްޓަށް ފުނޑުވައިދޭން މިންނާ ފެށިއެވެ.
"މިންނާ، އަހަރެން މިވިސްނަނީ މިގެ ހަދަން." ހަމީމު ބުންޏެވެ.
"ކާކަށް މިގެ ވިއްކާލަން ތިއުޅެނީ، މިކުދީންނަށް ނޭނގި ތިކަމެއްނުވާނެ، އަހަންނަށް ތަންކޮޅެއް ނުދިނަސް އެކުދީންނަށް ޝަރުޢީ ގޮތުން ހަމީމުގެ މުދަލުން ލިބޭނެ." މިންނާ ނަގައިގަނެވުނީ އެންމެ ގޯސްކޮށެވެ.
"އަޑު އަހާބަލަ..." ތަންކޮޅެއް ބާރަށް ހަމީމު ބުނެލިއެވެ. ހީވީ އޭނާ ދައްކަން ގަސްދުކުރި ވާހަކަ ނުނިމެނީސް މިންނާ އަނގަބޭނުމުން އެކަމާ ނުރުހުނީހެންނެވެ. މިންނާ އަނގައިން ނުބުނުމުން ހަމީމު ވާހަކަ ކުރިއަށް ގެންދިޔައެވެ.
"މިގެއަށް އަންނަ މިފްރާހު، އެއީ ރަނގަޅު ކުއްޖެއް، ފައިސާ ހުރި ބައެއް އެއީ. މިގެ މިހެން ހުރެގެން ވީރާނާ ވަނީ، ކެންޒާއާއި ކައިފަށް މިތަން ހެދޭނެތަ؟. ނޫނީ މިންނާގެ މީހަކު އަންނާނެތަ މިތަން ހަދައިދޭން؟. މިތަން ހެދިފަ ހުރިއްޔާ ކުއްޔަށް ވެސް ދެވިދާނެ، އޭރުން ފައިސާ ގެއަށް ވަންނާނޭ ގޮތެއް އެވީ. ކެންޒާއާއި ކައިފު ގޮވައިގެން މިންނާ ވެސް އުޅެން ހުރިތަނަކީ މީ." ހަމީމު ބުންޏެވެ. އޭނާ މިންނާއަށް ބަލާލީ ދެން އެއްޗެކޭ ބުނާށޭ ބުނާފަދައިންނެވެ.
"އޭނާ ކައިރީ ތިކަހަލަ ވާހަކަ ވެސް ހަމީމު ދެއްކީތަ؟. ބަޔަކަށް ގޭގެ ރަޖިސްޓްރީ ދޭންތަ ތިއުޅެނީ؟. މިހާރު ވެސް އެބައުޅޭ، ކުރިއަށް އޮތްތަނުގައި ވެސް އުޅެވޭނެ، މިތަނަށް އެހެންބަޔަކު ވެރިނުވާހާ ހިނދަކު." މިންނާއަށް އަދިވެސް ހަމީމުގެ ގަސްދާމެދު ޝައްކުވަނީއެވެ.
"އަހަރެން ބުނެގެންނެއްނޫން. މިފްރާހު އަމިއްލައަށް ބުނީ މިގޭ އެންމެ ތިރީބައި ގަރަޖާކަށް ހަދާ ގޮތަށް މިގެ ދިހަބުރިއަށް ހަދައިދީފާނަމޭ، އަހަރެން ބޭނުމީ މިތަން އަވަހަށް ހަދަން ފަށަން، މީހަކު ހަދައިދޭން ހުރިއްޔާ އަވަހަށް އެކަން ކުރީމަ ނިމުނީނު، އެކަމަކު އޭނާ ބޭނެފި މިންނާއާއި މިގޭ ކުދީންގެ ރުހުން ވެސް ލިބިގެނޭ ހަދަން ފެށޭނީ." ހަމީމު އިތުރަށް ކިޔާދިނެވެ.
"އޭނާ ވަޒީފާއަކަށް ވެސް ނުދޭ، އެހާ ފައިސާ އޭނާއަތުގައި ހުންނަންވީ ކީއްވެ؟. އެހެންނޫނަސް މިކަމުން އޭނާއަށް ވާނޭ ފައިދާއަކީ ކޮބާ؟." މިންނާއަށް ހުރިހާކަމެއް ޔަގީން ނުވަނީސް ހަމީމު ބޭނުންވެގެން އުޅޭ ރުހުންދޭކަށް އޭނާ ބޭނުމެއްނުވެއެވެ.
"މިބުނީނު އެންމެ ތިރީގަ ގަރާޖެއް ހުޅުވާށޭ އޭނާ ބޭނުންވަނީ، ވަކި މުއްދަތަކަށް އެތަން އޭނާއަށް ކުއްޔަށް ދޫކުރާ ގޮތަށް. ކަލޭގެ ތި ވިސްނުން ރަނގަޅުކުރަންވެއްޖެއެއްނު، މަ ހަމަ އެއްޗެކޭ ބުނާއިރަށް އެއާ އިދިކޮޅަށް ތިހިފަނީއޯ." ހަމީމު ރުޅިގަދަވިއެވެ. މިންނާގެ ސުވާލުތައް ގިނަވެގެންނެވެ.
"ހަމީމަކީ އެވަރުގެ މީހެއްނަމަ އަހަރެން އެއްވެސް ސުވާލެއްނުކުރާނަން. ހަމީމުގެ ކޮންމެ ނިންމުމަކަށް ރުހިގެން ހުންނާނީ... މިހާރު އެހެނެއްނުވާނެ، ހަމީމަށް އެނގޭނެ އެހެންނުވާނީ ކީއްވެކަން. އަހަރެން ކިހާ ވަރަކަށް މި އާދޭސްކުރަނީ ތިކަން ހުއްޓާލާށޭ." ޒަމާންތަކަކަށްފަހު މިންނާއަށް ބުނެވުނެވެ. މިންނާގެ ދުލުން ފަހު ލަފުޒު ނުކުތްހާ ހިނދުން އޭނާ ސިހިގެންދިޔައީ މޭޒުމަތީ ހުރި ސައިޖޯޑުގައި ހަމީމު އަތުން ޖެހިޖެހީނުން ހޫރާލީމައެވެ. ބަދިގެ ދޮރުމައްޗަށް ވެއްޓުނު ޖޯޑު ނަގަން ނޫޅެ މިންނާ އެތަނުން ނުކުމެގެން ދިޔައީއެވެ.
* * * * *
"ދުވަންދިޔައީކަމަށް ހީކުރީ، އެކަމަކު މިހާރު އެނގިއްޖެ ތިއައީ ދުވެފައެއްނޫންކަން." އެޕާޓްމެންޓުގެ މައިދޮރު ހުޅުވާލުމާއެކު އެތެރެއަށް ވަން މިފްރާހު ފެނި މުބީން ވާހަކަދެއްކިއެވެ.
"ބިޓު ކައިރިއަށް ގޮސްފަ ދޯ." ސޯފާގައި އިން ޝާނު ބުންޏެވެ.
"އެ ގެ ހަދަން ބޮޑު ޚަރަދެއް ހިނގާނެ." މުބީންގެ ގާތުގައި އައިސް މިފްރާހު އިށީނުމުން ބުންޏެވެ.
"މާބެއަށް ނުވާނެތަ؟. އަހަރެން އެކޮޅަށް ގޮސް ޑޭޑްގެ ބިޒްނަސްއާ ޖޮއިންވާނަން. އިންސްޓޯލްމެންޓްކޮށް މާބެއަށް ފައިސާ ފޮނުވާނަން. ލޯނެއް ގޮތުގައި މިކަން ކޮށްދީ." މިފްރާހު ބުންޏެވެ.
"ސައިބޮއެފިންތަ؟." މިފްރާހުގެ ވާހަކައެއް އެއްޗެއް ބުނުމުގެ ބަދަލުގައި މުބީން އަހާލިއެވެ. މިފްރާހު ދެފަރާތަށް ބޯހޫރާލުމުން އޭނާ ގޮވައިގެން މުބީން ތެދުވިއެވެ.
އެ ތަނަވަސް އެޕާޓްމެންޓަކީ "އޯޕަން ކޮންސެޕްޓް" އަކަށް ހަދާފައި ހުރި ތަނެކެވެ. ބަދިގެއާއި ކާމޭޒާއި ސިޓިންރޫމު އެކުގައެވެ. ކާމޭޒު ދޮށުގައި މިފްރާހު އިށީނުމުން މުބީން ކައިރިވެލީ އުނދުން ކައިރިއަށެވެ. އޭގައި ހަދާފައި ހުރި ސޮސެޖާއި ބިސްގަނޑު ތަށްޓަކަށް ލުމަށްފަހު ޓޯސްޓަރު ތެރެއަށް ދެ ޕާންފޮތި ލިއެވެ. ސީރިއަލް ގެންގޮސްދޭންވީތޯ މުބީން އެއްސެވެ. އެހިނދު ޕާން އޯކޭ ކަމުގައި މިފްރާހު ބުނެލިއެވެ. މުބީންގެ ގާތުގައި ހުންނައިރެކޭ އޭނާގެ ޢާއިލާ ގާތު އުޅުމެކޭ މިފްރާހަށް ތަފާތެއްނެތެވެ. އޭނާގެ ކަންކަން އަމިއްލައަށް ކުރާކަށް ނުޖެހެއެވެ. އިރުންއިރަށް ކައިގެންތޯ ހުރީއާއި އުޅެނީ ކޮންތާކުތޯ މުބީން ބަލާނެއެވެ.
އަންހެންކުއްޖަކު މިފްރާހަށް ކަމުގޮސްފިކަން މުބީން ގާތު ބުނީ މަންމަމެން ގާތުން މިފްރާހު އެނބުރި އައިސްފައެވެ. އެކަމަކު ހުރިހާކަމެއްގެ ވާހަކައެއް ބޭބެއާ މިފްރާހު ޚިއްޞާއެއް ނުކުރިއެވެ. މުބީންގެ ނުފޫޒު ބޮޑުވެދާނޭ މިފްރާހަށް ހީވާތީއެވެ.
"މާބޭ، އަހަންނަށް ޖޮބެ ހޯދާދޭން ވެއްޖެ." މުބީންއާ ދިމާއަށް ގޮނޑި އަނބުރާލަމުން މިފްރާހު ބުންޏެވެ.
"މިފޫގެ އަތުން އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން. ކީއްކުރާ ޖޮބެއް؟. ކޯއްޗެއް ބޭނުންވީ؟." މުބީން އެއްސެވެ. އޭނާ ތަށިހިފައިގެން އައިސް މިފްރާހުގެ ކުރިމަތީ ބެހެއްޓިއެވެ. އަދި ބިއްލޫރި ތަށްޓެއް ހިފައިގެން އައިސް އެއަށް ޖޫސް އަޅައިދިނެވެ.
"ޖޮބަށް ދިއުން ކޫލް ގޮތަކީ. ޖޮބެއްނެތި ސްޕެންޑް ކުރާނަމަ މީހުން ސުވާލު އުފެދޭނެ." މިފްރާހު ބުންޏެވެ.
"ބިޓު ބުނީތަ؟" މުބީން އިނީ ޒާތެއްގެ ހިންޏެއް އައިސްފައެވެ.
"އައި ހޭވް ޓު އިމްޕްރެސް ހާ، އަހަރެންގެ ވެސް ގުޑް ކޮލިޓީސް ހުރިކަން އެނގޭނީ އޭރުން." ކެއުމައިގެން ކުރިއަށް ދަމުން މިފްރާހު ބުނެލިއެވެ.
"ހަމްބެގެ ދަރިއެއް، އޭނާގެ ގޮތް މިފޫއަށް މިހާރު އޮންނާނީ އެނގިފަ." މިފްރާހުގެ ސަމާލުކަމަށް ކަމެއް ގެންނަން މުބީން ބޭނުންވި ކަހަލައެވެ.
"އެނގޭ... ކައިވެންޏަށް ފަހު އޭނާ މުހިންމެއްނުވާނެ، އެހެންނޫނަސް މަގޭ ކުރިމަތީ އޭނާއަކަށް ނުކެރޭނެ ފުއްޕާކަށް. އެނގޭނެ މަށަށް ކަމެއްވެއްޖެއްޔާ އޭނާގެ ދުވަސް ދާނެކަން." މިފްރާހު ހީނލިއެވެ. ރިންގުވަމުންދިޔަ ފޯނު އާޤިބު ނެނގުމާއެކު މުބީންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ގިނައިރެއްނުވެ ސޯފާގައި އިން އާޤިބު ތެދުވެ މުބީންނަށް ބޮލުން އިޝާރާތެއް ކޮށްލިއެވެ. އެއާއެކު އެ ދެ މީހުން ގޮސް ވަނީ މުބީންގެ ކޮޓަރިއަށެވެ. އާޤިބު ގިނައިރެއްނުވެ ނުކުމެ ކޮޓަރީ ދޮރުމަތި މަޑުކޮށްލިއެވެ.
"ކިހިނެއްވީ؟." މިފްރާހު އަހާލީ އާޤިބު ކައިރީއެވެ.
"ހަވީރު ރިސޯޓަށް ދާން އުޅޭތީ." އާޤިބު ބުނެލިއެވެ.
"ޕާޓީ ނައިޓް ދޯ. މާބެއާއެކު ގުބޭ ދާއިރު ކީއްވެތަ އަހަރެން ނުދާންވީ." މިފްރާހު ބުނެލިއެވެ.
"މިފޫއަށް ރަނގަޅަކަށް މާބެ އެހެން ނިންމީ. ގިނަ މީހުންގެ ލޮލުގައި މިފޫ އަޅައިގަތުމަކީ ރަނގަޅުކަމަކަށްނުވާނެ." އާޤިބު ބުންޏެވެ.
އާޤިބު ހާމަކުރީ ތެދެކެވެ. ގިނަބަޔަކަށް މުބީނަކީ ކާކުކަން އެނގޭނެއެވެ. އޭނާއަކީ ރާއްޖޭގެ ހުރިހާ "ގޭންގު"ތަކަށް އެނގޭ މީހެކެވެ. އެންމެން ވެސް ޖެހިލުންވާ މީހެކެވެ. އެހެންވިޔަސް މިހާތަނަށް ކަމެއްގައި ބެދިގެން ހައްޔަރު ކުރެވިފައެއްނެތެވެ. އޭނާއަށް ޓަކައި އިލްޒާމު ބޮލުގައި އަޅައި ބަދަލުގައި ޖަލަށްދާން އެތައްބަޔަކު ތިބި "ޑޯން" އެކެވެ. މަސްތުވާތަކެތީގެ ފުޅާ ވިޔަފާރިއެއް ކުރުމާއެކު "މަނީ ލޯންޑާރ" ކުރުމުގައި އެންމެ ކުރީގައި ހުރި މީހަކީ ވެސް މުބީނެވެ. އާޤިބަކީ މުބީންގެ ކަނާއަތެވެ. އޭނާގެ ހުރިހާ ކަމެއްގެ ސިއްރު އެނގޭ މީހާއެވެ. މުބީނަށް ޓަކައި ފުރާނަ ދޫކޮށްލަން ތައްޔާރަށް ހުރި މީހެކެވެ. ނުފޫޒާއި ބާރުގެ ގޮތުން ސިޔާސީ އެތައްބަޔަކާ ގާތް ގުޅުމެއް މުބީނާ ދެމެދު އޮވެއެވެ. މިހުރިހާ ކަމަކީ މިފްރާހަށް އަންގައިގެން ކުރަން މުބީން ބޭނުންވާ ކަންތައްތަކެއްނޫނެވެ. އެކަންކަމުގައި މިފްރާހު ބައިވެރިކުރުމުގެ ވިސްނުމެއް ވެސް މުބީންގެ ނެތެވެ.
(ނުނިމޭ)