ހަބަރު

ޖޭއެސްސީއަށް އުއްމުކުލްސޫމް އައްޔަނު ކުރައްވައިފި

Aug 6, 2020
1

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންގެ ތެރޭގައި ހިމެނެން ޖެހޭ އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުގެ މަގާމަށް އައިމިނަތު އުއްމު ކުލްސޫމް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރައްވައިފި އެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފަސް މީހަކު އެ ކަމަށް ކުރިމަތިލި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ނަންތައް ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވީ ދެ ނަކެވެ. އެއީ ސ. މަރަދޫ، މޫންލައިޓް ހައުސް އައިމިނަތު އުއްމު ކުލްސޫމާއި މާލޭ ހ. ރޯޒްމެރީ އާދަމް މިގުދާދުގެ ނަމެވެ.

ޖޭއެސްސީގެ މެންބަރުކަމަށް އުއްމު ކުލްސޫމް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިއަ މަހުގެ 22 ވަނަ ދުވަހު އެވެ.

އުއްމުކުލްސޫމް މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވަނީ ޕްރޮޖެކްޓް ޕްލޭނިން އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީންނެވެ.

އޭނާ އެންމެފަހުން ހުންނެވީ ހެރިޓޭޖް މިނިސްޓްރީ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓާ ފޮ ދި އާޓްސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ. އޭގެ ކުރިން ހެލްތް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތައް އުއްމުކުލްސޫމް ވަނީ ފުރުއްވާފައި އެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

މިހާރު ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. ނައިބު ރައީސް އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެންބަރު މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އާއި، ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކޮށްފައިވާ މެންބަރަކީ ފަނޑިޔާރު އަލީ ޝަރީފް އެވެ. ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އިންތިހާބުކޮށްފައި ހުންނަވާ މެންބަރަކީ އަބްދުލް މާނިއު ހުސައިނެވެ.