ރާއްޖޭގެ "ރިސޯޓް ލައިފް" ކުންފުންޏާއި ރަޝިޔާ ކުންފުންޏެއް ގުޅިގެން ރާއްޖޭގައި 250 މިލިއަން ޑޮލަރުގެ ގެ އިންވެސްޓްމަންޓެއް ކުރަން ނިންމައިފި އެވެ.
ރިސޯޓް ލައިފް ކުންފުނީގެ ވެރިޔާ، މުހައްމަދު ޝާޒް ވަލީދު ވިދާޅުވީ އެ ކުންފުންޏާއި ރަޝިއާގެ ކުންފުންޏެއް ގުޅިގެން 250 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރަން ނިންމައި، ސަރުކާރު ހުޅުވުމާއެކު އެ ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށެވެ.
"އަޅުގަނޑުމެން ޕްރޮޕޯސަލް ސަރުކާރަށް ލާނަން އިރާދުކުރެއްވިއްޔާ ހުޅުވޭ ދުވަހު. ރިސޯޓް ލައިފާ ގުޅިގެން އިންވެސްޓް ކުރާ ރަޝިއާ ކުންފުންޏަކީ މިދިޔަ އަހަރު އަޅުގަނޑުމެންނާއެކު ރާއްޖެއަށް ޗާޓަރު ފްލައިޓްތައް ބޭއްވި ކުންފުނީގެ ސިސްޓަ ކުންފުންޏެއް،" ވަލީދު ވިދާޅުވި އެވެ.
ރާއްޖެއަށް ރަޝިއާ ހިމެނޭ ސަރަހައްދުން އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއް ކުންފުނި ކަމަށްވާ ރިސޯޓް ލައިފްގެ ވެރިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިންގަން ޕްރޮޕޯސަލް ހުށަހަޅާ މަޝްރޫއަކީ ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ކަމަށާ، މި އިންވެސްޓްމަންޓަަށް ފަހު ރާއްޖޭގައި އިތުރަށް އިންވެސްޓްމަންޓްތައް ކުރަން ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އެގޮތުން ބިލިއަނެއްހާ ޑޮލަރު ރާއްޖޭގައި އިންވެސްޓް ކުރުމުގެ ވިސްނުން ރަޝިޔާގެ އެ ކުންފުނިން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން [ބޭރުގެ ޕާޓްނަރު] ބޭނުންވޭ ރާއްޖޭގެ ޓްރާންސްޕޯޓް ސެކްޓާގައި އިންވެސްޓް ކުރަން. ޓޫރިޒަމް ސެކްޓާގައި އިންވެސްޓް ކުރަން. މި ހާލަތަކީ އިންވެސްޓްމަންޓް ގެންނަން ޖެހޭ ވަގުތެއް. ފުރަތަމަ މި ކުރާ އިންވެސްޓްމަންޓުން ވެސް 560 ވަރަކަށް ވަޒީފާގެ ފުރުސަތު ފަހި ވެގެން ދާނެ،" ވަލީދު ވިދާޅުވި އެވެ.
"ރިސޯޓް ލައިފް" އަކީ ރާއްޖެއަށް ރަޝިއާ އާއި އިންޑިއާއިން ގިނަ އަދަދެއްގެ ޓޫރިސްޓުން ގެންނަ ކުންފުންޏެކެވެ. އެ ކުންފުނިން މިދިޔަ އަހަރު ޓޫރިސްޓުން ގެންނަން ޗާޓަރު ފްލައިޓްތަކެއް ވެސް ބޭއްވިއެވެ. އަދި ހުޅުމާލެ އާއި މާފުށީގައި ގެސްޓްހައުސް ވިޔަފާރި ވެސް އެ ކުންފުނިން ކުރަމުން ގެންދެ އެވެ.