އިންޑިއާގެ ކެރެލާއަށް ދަތުރުކުރި މަތިންދާބޯޓެއް ރަންވޭ މަތިން ކަހާލައިގެން ހިނގި ހާދިސާ އާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.
ކޮވިޑް އާ ގުޅިގެން ދުބާއީ ގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން ރޭ ކެރެލާ އަށް ދިޔަ އެއާ އިންޑިއާގެ ފްލައިޓު ކާލިކަޓު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރަނިކޮށް ރަންވޭ މަތިން ކަހާލާ ބޯޓު ދެފަޅިވި އެވެ. ރޭގެ މި ހާދިސާގައި މިހާތަނަށް 18 މީހަކު ވަނީ މަރުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލައިޓު ވެއްޓުނު ހަބަރު އެއްސެވީ ހިތާމައާ އެކު ކަމަށާއި އެ ހާދިސާގައި އަސަރުކުރި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.
އެ ފްލައިޓު ކަލްކަޓާއަށް ދަތުރުކުރީ ކޮވިޑް-19 އާ ގުޅިގެން ބޭރު ގައުމުތަކުގައި ތާށިވެފައިތިބި އިންޑިއާ މީހުން ގޮވައިގެނެވެ. ހާދިސާ ހިނގިއިރު ބޯޓުގައި 190 ފަސަންޖަރުން ތިބިއިރު، އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނޭކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހާދިސާގައި މިހާތަނަށް 18 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އެ ބޯޓުގެ ދެ ޕައިލެޓުން ހިމެނޭ ކަމަށްވެސް ވަނީ މައުލޫމާތު ދީފަ އެވެ.
ބޯޓު ވެއްޓި ހިނގި ހާދިސާގެ ސަބަބުން، 127 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ އިރު ފަރުވާދެމުންދާ މީހުންގެ ތެރެއިން 15 މީހެއްގެ ހާލު ސީރިއަސްކަމަށް އެ ސްޓޭޓުގެ ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތުދީފަ އެވެ.