ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ފުލުސް ކޮންޓެކްޓް ޓްރޭސިން އޮތީ ހަރުދަނާކޮށް"

ކޮވިޑަށް ޕޮޒިޓިވްވާ ފުލުހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހަރުދަނާ އުސޫލެއްގެ ތެރޭގައި ކުރާ ކަމަށާއި ފުލުހަކު ޕޮޒިޓިވް ވެއްޖެ ނަމަ އެކަހެރި ކުރަން ޖެހޭ ފަރާތްތައްކޮށް، އެޗްޕީއޭ އާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އިތުރު ވަމުން އަންނަ އިރު، ފުލުހުން ޕޮޒިޓިވްވާ ނިސްބަތް ވެސް ވަނީ އިތުރުވެފަ އެވެ.

އެކްޓިވް ކޭސްތަކުގެ ގޮތުގައި 56 ފުލުހަކު ތިބި އިރު މި މަހު ހައެއްގައި މާލެއިން އައްޑުއަށް ދިޔަ ފުލުހަކު ވެސް ޕޮޒިޓިވްވެ، އޭނާގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް ކުރެ އެވެ.

އައްޑޫގެ އެ ކޭހާ ގުޅިގެން ފުލުހުން މިއަދު ބުނީ، ފުލުހުންގެ ތެރޭގައި ރާވާފައިވާ އުސޫލުތަކެއްގެ ތެރެއިން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އައްޑޫން ޕޮޒިޓިވްވި ފުލުސް މީހާ ވަނީ ފުލުހުން ބޭއްވި ކެއުމަކަށް ގޮސްފަ އެވެ. އެއާ ގުޅުވައި ފުލުހުން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ ވަކި ވަކި ފުލުހުންގެ ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތާއި އެ ފުލުހުން ބައިވެރިވެފައިވާ ބައްދަލުވުންތަކާ ގުޅޭ މައުލޫމާތު މީޑިއާއަށް ހާމަ ކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

ފަހަކަށް އައިސް އަތޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެހެންވެ މާލެ އިން އަތޮޅުތަކަށް ދަތުރު ކުރުމުގައި ހުއްދަ ދެމުން އައި އުސޫލަށް ވެސް އެޗްޕީއޭ އިން ވަނީ ބަދަލުތައް ގެނެސްފަ އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރި، ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4,769 އަށް އަރާފަ އެވެ.