ކޮވިޑް-19 އަށް އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އެމީހާއާއެކު އައްޑޫން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ.
އެޗްޕީއޭއިން މިރޭ ބުނީ ހިތަދޫން ޕޮޒިޓިވްވެފައިވަނީ އަންހެނެއް ކަމަށެވެ. އެއީ 58 އަހަރުގެ މީހެކެވެ. އެމީހާއަށް ބަލި ޖެހިފައިވާކަން އެނގުނީ ކަރަންޓީންގެ މުއްދަތު ހަމަވުމުން ކުރި ޓެސްޓުންނެވެ.
ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އައްޑޫ ސިޓީގެ ހިތަދޫ މޮނިޓަރިންއަށް ވަނީ ގެންގޮސްފައެވެ. ހިތަދޫ ލޮކްޑައުން ކުރިއިރު އެ ރަށުގެ އާބާދީ 10،000 އަށް ވުރެ މަތިވާނެ އެވެ.
މިއަދުވެސް ހިތަދޫން ވަނީ ޕޮޒިޓިވް ކޭހެއް ފެނިފައެވެ. އެއީ 38 އަހަރުގެ ބިދޭސީއެކެވެ.
އިއްޔެ ވެސް ވަނީ ފޭދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެހި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހާ ދަތުރުކޮށްފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ޓެސްޓްކޮށް ސާމްޕަލް ނެގުމަށްފަހުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން ކޮވިޑް އަށް ބަލިވާ މީހުން ދަނީ ފެންނަމުންނެވެ. އެގޮތުން ރަށްރަށުގެ ހޯމް ކަރަންޓީނަށް ދިޔަ ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 5،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ.