މަދަނީ އަދުލުގެ ނިޒާމާ ގުޅޭގޮތުން ކޯޓުތަކާއެކު މަޝްވަރާކޮށްފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މަދަނީ އިޖުރާއަތުގެ ބިލުން ގާއިމުކުރާ މަދަނީ އަދުލުގެ ނިޒާމު ބައްޓަން ކުރެވިގެންދާނެ ގޮތާއި ބިލުގައި ހިމެނޭ އެނޫންވެސް މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓާއި ސިވިލް ކޯޓާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ޝަރީއަތަށް ހުށަހެޅޭ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި އަދުލުވެރިކަމާއި ހާމަކަމާއެކު އަދި އެކަށީގެންވާ އަވަސް މިނެއްގައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ބާރުއަޅައިދޭނެ އުސޫލުތަކާއި އިޖުރާއަތުތަކާމެދު ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާ ކޮށްފައެވެ.
މިއަދުގެ މި ބައްދަލުވުމަކީ މަދަނީ އަދުލުގެ ނިޒާމާއި މަދަނީ އިޖުރާއަތާގުޅޭ އެނޫންވެސް މައިގަނޑު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތައް ފެށުން ކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައިކޯޓުގެ ފަނޑިޔާރުންގެ އިތުރުން ސިވިލް ކޯޓުގެ ގާޒީން ބައިވެރިވެވަޑައިގެންނެވިއެވެ.