(9 އޯގަސްޓް 2020 އާ ގުޅޭ)
"ލައިތުތަ؟..." ލައިރާ އައިސް ކެންޒާގެ ގާތުގައި އިށީނެވެ.
"ނޫން... ގާތް ރައްޓެއްސެއް." ކެންޒާ ބުންޏެވެ.
"ކިހިނެއްތަ؟... ލައި ބަލިވެ އުޅޭހެން ހީވަނީ. ޖަވާބެއް ނާންނާތީ އުނދަގޫކުރަން ނުކެރިފަ ހުރީ." ކެންޒާ އަހާލީ ފަރުވާތެރިކަމާއެކު ލައިރާއަށް ބަލަން އިނދެއެވެ.
"ރަނގަޅެއްނޫން..." މާޔޫސްކަމުކަން އެކުލެވިފައިވާ ބެލުމަކާއެކު ކެންޒާއަށް ބަލަން އިނދެ ލައިރާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.
"ކިހިނެއްވީ؟. އަހަންނަށް އަދި އެއްފަހަރު ވެސް ލައިގެ ހަޒްބަންޑް ނުފެނޭ. އޭނަ ކޮބާތަ؟. އެ އަންހެންކުއްޖާއާ ގުޅުނީތަ؟." ކެންޒާ އަހާލިއެވެ.
"ވަރަށް އަވަހަށް އަހަރެން ސިންގަލްވާނެ." ލުއި ހިނިތުންވުމަކާއެކު ލައިރާ ބުންޏެވެ. ކެންޒާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ލައިރާގެ އަޑުގައި ސަމާސާކުރުމެއްނެތެވެ. ހިނިތުންވުމުގައި އުފާވެރިކަމެއްނެތެވެ.
"ސިންގަލްވާނީއޭ... ލައި!..." ލައިރާ ބުނަން ގަސްދުކުރީ ކީކޭކަން ކެންޒާއަށް ދޭހަވުމާއެކު އެކުވެރިޔާއަށް ގޮވާލި އަޑު ހިނދިގެން ހިނގައްޖެއެވެ. ލައިރާގެ ހިތްހަމަޖައްސުވައިދިނުމަށް ވާހަކަތަކެއް ދެއްކުމަކީ ބޭކާރުކަމެއްކަމުގައި ކެންޒާއަށް ވިސްނުނެވެ. ލައިރާ ހާމަނުކުރި ނަމަވެސް އެ ދެ ލޮލުން އެ ހިތަށް ލިބިފައިވާ ވޭނާ ތުރާ ކެންޒާއަށް ސިއްރެއްނުވިއެވެ. އޭނާ ލައިރާގެ ދެއަތްތިލައިގަ ހިފާލިއެވެ.
"ސެލެބްރޭޓްކުރަންވީ ވަގުތުމީ... އަހަރެން ކުޑަކޮށް ވެސް ހީނުކުރަން ލައިތު އެންޑް ޔޫ. ޤަބޫލެއްވެސް ނުކުރެވޭ..." ލައިރާގެ އިޙުސާސްތައް ފަރުދާކުރަން އޭނާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނާގެ އަޑު އެއްބާރުލުން ނުދިން ކަހަލައެވެ. ގަސްދުކުރި ޖޯޝެއް އެއަޑުގައި ނެތެވެ.
"އައި އޭމް ސޮރީ..." ލައިރާގެ ކޮނޑުގައި ހިފާލައި ގާތަށް ދަމާލުމާއެކު އެކުވެރިޔާގެ ގައިގާ ކެންޒާ ބައްދާލިއެވެ. އެހިނދު ލައިރާއަށް ވެސް ކެންޒާގެ ގައިގާ ދެއަތް ވަށާލެވުނީ އެފަދަ އޯގާތެރިކަމަކަށް ބޭނުންވެފައި އިން ފަދައިންނެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ލައިރާ ވާހަކަދައްކަންފެށިއެވެ.
"މީ އަހަރެމެން ދެމީހުން އެއްބަސްވިގޮތް، ކެން!... އަހަރެން ހީކުރީ ވަރިވިޔަސް އަހަންނަށް ހިތްވަރުކުރެވޭނެކަމަށް. އަހަންނަކީ ކިރިޔާކަމެއްވާއިރަށް ރޮއެރޮއެފަ އުޅޭ މީހެއްވެސް ނޫން. އެކަމަކު ހިތަށް ކުޅަދާނަނުވީ، އޭނާ އަހަރެމެން ދޫކޮށްލާފައި އެދަނީ އެހެން އަންހެނަކާއެކު ދިރިއުޅުމެއްފަށަން. މިހުރިހާކަމެއް އަހަރެންގެ ދަރިފުޅަށް ކިޔާދޭނެ ގޮތެއް ވެސް ނޭނގުނު، އެކުއްޖާއަށް ވިސްނައިދޭނީ ކިހިނެއް؟. މިހާރު އެންމެނަށް އެނގިއްޖެ. ނުބުނެއެއްވެސް ނުވާނެ ދޯ. މިކަމުގައި މަންމަ އެހުންނަނީ ވަރަށް ދެރަވެފަ، މިކައިވެންޏަކީ އެމީހުން ބުނެގެން ކުރި ކައިވެންޏެއްވީމަ، މަންމައަށް ހީވަނީ މީ މަންމަ ނިންމި ނިންމުގެ ސަބަބުން ވީކަމެއްކަމަށް. އެމީހުންނަކީ މަންމަގެ ޢާއިލާ، އެހެންވީމަ ބޮޑަށް އަސަރުކުރާނީ ވެސް މަންމައަށްކަން އަހަންނަށް އެނގޭ." ހިތުގައި ހިފެހެއްޓިފައިވި އުދާސްތައް ލައިރާ ބޭރުކޮށްލިއެވެ.
"ކޮންމެ މަންމައަކަށް ވެސް އެހެންވާނެ، އަހަރެން ކައިވެނި ނުކުރިޔަސް، ދަރިއަކު ނެތެސް... އެނގޭ ދިރިއުޅުން ނިމުމަކަށް އަންނައިރު ދެރަވާނޭކަން، އަދި އެވެސް ވަކިވާން ބޭނުންނުވާއިރު، އަހަރެމެންނާމެދު ހީނުކުރާ ދަރަޖައަށް މައިންބަފައިން ވިސްނާނެ، އެމީހުން ދުނިޔޭގައި ތިބިހާ ދުވަހަކު ދަރީންނާ މެދު ފިކުރުކުރާނެ، ކަމެއް ދިމާނުވެ އެކަމަކަށް ކެތްކުރާކަށް ވެސް ދަހެއްނުވާނެ، ހުރިހާ ވެސް ކަމަކީ ޑެސްޓިނީ... ތަޤުދީރާ ދެކޮޅަށް ހަނގުރާމަކުރިޔަސް ކުރިއެއްނުލިބޭނެ، އަހަރެން ވެސް އެދެނީ ލައިގެ ކައިވެނި ރޫޅިގެން ނުދިއުން، ލައި ތިހާ ލޯބިވާއިރު، އޭނާގެ ލޯބި ވެސް ލައިއަށް ލިބުން، އެއްވެސް އަންހެނެއްގެ ހިޔަނިނޭޅި، ތިކުޑަކުޑަ ޢާއިލާ އެކުގައި އުފާވެރިކަމުގައިވުން...."
"ބޭނުންވާ ގޮތަކަށް ހުރިހާކަމެއް ނުވާނެ، އެކަމަކު ހުރިހާކަމަކަށްފަހު ވެސް ހިތްހަމަޖެހިގެން އުޅެން މަސައްކަތް ކުރަމުގެ އިޚުތިޔާރު އެބައޮތް، އަހަރެން ހަމަޖެހިއްޖެނަމަ ޢާއިލާގެ އެންމެން ވެސް ހަމަޖެހޭނެ، ވަކިވެގެންދާއިރު އަހަރެންދެކެ ފޫހިވެފައި ހުރެގެން އޭނާ ދާކަށް ނޭދެން، އަހަރެން ލޯބިވާތީ ސެލްފިޝް ޚިޔާލުތައް ވެރިވަނީ..." ކެންޒާގެ ވާހަކައިގެ ތެރެއިން ލައިރާ ވާހަކަދެއްކިއެވެ. އޭނާ ކެންޒާގެ ކޮނޑުން ބޯހިއްލާލައި ދުރަށް ޖެހިލިއެވެ. ކެންޒާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ދާން ބޭނުންވާ މީހަކު ހިފެހެއްޓުމަށްވުރެ ދާން ދޫކޮށްލިއްޔާ ރަނގަޅުވާނީ، އޭނާ އެނބުރި އަންނަން ގަސްދުކޮށްފިނަމަ މަރުޙަބާ ކިޔާނަން، އަހަރެންގެ ހަޔާތުގައި އޭނާ ޚިއްޞާކުރާނަން، ވަރިހަމަ ކިތަންމެ ގިނަ އަހަރުތަކަކަށްފަހު އައިނަމަވެސް. އަހަރެން އޭނާދެކެ އެހާ ވެސް ލޯބިވޭ." ލައިރާގެ ދެ ލޮލުންފާޅުވާ އަސަރާއި ތުންފަތަށް ވެރިވި ހިނިތުންވުން، ދެއްކި ވާހަކަތަކުގެ ތެދުކަން ކެންޒާއަށް ގައިމުކޮށްދީފިއެވެ. ބަދަލުގައި ކެންޒާއަށް ވެސް ހިނިތުންވެވުނެވެ.
ކެންޒާގެ ފޯނުން ރަނގަބީލު އަޅަންފެށުމުން ދެމެދުގައި ދެކެވެމުންދިޔަ ވާހަކަ ހުއްޓުމަކަށް އައެވެ. އޭނާ ނިކަން އަވަހަށް ފޯނަށް ބަލާލިއެވެ. މިންނާގެ ކޯލެއްކަން އެނގުމާއެކު ގަޑިންވީއިރެއް ބަލާލަން ކެންޒާ ހަނދާންވިއެވެ. ހަފްތާ ބަންދު ދުވަހަކަށްވާތީ މެންދުރުގެ ކެއުން ކެންޒާއާއެކު ކާން މަންމަ މަޑުކޮށްގެން ހުންނާނޭކަން ވެސް ހަނދާންވީ ދެނެވެ. ކޯލު ނެގިގޮތަށް ކެންޒާ މަޢާފަށް އެދުނެވެ. އަދިވެސް އޭނާ އެ ހުރީ ހ.މަހަލްގައިކަން ބުންޏެވެ. އެކަމަކު ދެން ގިނައިރެއްނުވާނޭ ބުންޏެވެ. މަންމަ ގާތު ކާން ފެށުމަށް އެދުނެވެ. ކާމޭޒުދޮށުން މަންމަ ތެދުވަންވާއިރަށް ކެންޒާ ހުންނާނީ ގޭގައިކަން ވެސް ބުންޏެވެ.
"ކެން ނުބުނަމެންނު ގެއަށްދާންޖެހެއޭ... ކެން ނައިސްގެން އެންމެން ނުކައިދޯ އެތިބީ؟." ކެންޒޯ ފޯނުކޯލު ބޭއްވުމުން ލައިރާ ވާހަކަދެއްކިއެވެ.
"އަސްލު ވީގޮތަކީ... ލައިގެ ހާލު އެނގެން ބޭނުންވެފައި ހުރިވަރުން ވާހަކައިގަ އިނދެވުނީ، ހިޔެއްނުކުރަން ލައިތު އެންމެން ގާތު ބުނެފަކަމަކަށް އޮންނާނީ... އެކަންވެސް ވީ ސަޕްރައިޒަކަށް." ކެންޒާއަށް ބުނެވުނެވެ.
"ކެން ލޯބިވޭތަ ލައިތުދެކެ؟." ލައިރާ އަހާލިއެވެ.
"ވަރަށް ބޮޑަށް... ދުވަހަކުވެސް މީހަކުދެކެ ލޯބި ނުވާވަރަށް... ހެ ހެ ހެ..." ބުނެވުނީ ނިކަން ފިލްމީކޮށްކަން އަމިއްލައަށް އިޙުސާސް ކުރެވި ކެންޒާ ހީނގަތެވެ. އެ ހީނލު ފެނި ލައިރާގެ ދިލަ ހިތަށް ފިނިކަމެއް އިޙްސާސްކުރެވުނެވެ.
"އެނގޭތަ؟... ކެންދެކެ ލައިތު ވަރަށް ލޯބިވާތީ ފެމެލީ ކައިރީ އެބުނީ، މި ފެމިލީއަށް އޭނާގެ ގާލްފްރެންޑެއް އިންޓްރޮޑިއުސްކުރި މީ ފުރަތަމަ ފަހަރު، ހީވަނީ މީ އެންމެ ފަހު ފަހަރުވެސްހެން... އެހާ ޔަގީންވެގެން އޭނާ އަހަރެމެން އެންމެން ގާތު ބުނާނީ." ލައިރާގެ ވާހަކަތަކުން ކެންޒާގެ އުފާވެރިކަން އެތައްގުނައެއް އިތުރުވެއްޖެއެވެ.
"އޭނަ ސައިލެންޓްވެފަ، ރުޅިގަދަހެން ހީވިޔަސް، ވަރަށް ވަރަށް ކައިންޑްވާނެ... ތި ދެމީހުން ވަރަށް ގުޅޭނެ. އަހަރެން ކެން ބަލައިގެންފިން... ސިސްއިންލޯ... ހެހެހެހެ... އައި ލަވް ޔޫ ޑިއަރ، ވެލްކަމް ޓު ފެމެލީ، ބައްޕައާއި މާމަ އިނީ ނިކަން ހިނިއައިސްފައި، ސައިމޭޒުދޮށުގައި ކެން އިންނަމަ ފެނުނީސް... ތި ދެމީހުންނާ އެންމެން ވެސް ވަރަށް ޤަބޫލުކަން އެނގޭ، ދެން އަވަހަށް މިގެއަށް އަންނަންވީ." ކެންޒާގެ ބޮޑު ކޮލުގައި ދެއަތުން ހިފައި ލައިރާ ތަޅުވައިގަތެވެ. ދެ އަންހެންކުދީންގެ ހުނުމުގެ އަޑު ކޮޓަރިތެރޭ ގުގުމާލިއެވެ.
"އަހަރެން އަދި މަންމަ ގާތު ނުބުނަން، އަދި ތަންކޮޅެއް އަވަހީ... ދޮންބެއަކީ ކެންސާ ޕޭޝަންޓެއް، ރަނގަޅުވެގެން އެއައީ އިހަށްދުވަހު، އެމީހުންގެ އަހަރެންނޫނީ މީހަކުނެތް، ދުވަހަކުވެސް އެމީހުން ދޫކޮށްލެވޭކަށް ނޯންނާނެ، ލައިތަށް ވެސް އެނގޭނެ އަހަންނަށް އެމީހުން ދޫކޮށްލާފައި ވަކި ދިރިއުޅުމެއް ނޫޅެވޭނެކަން... ލައި!... ވާހަކަދައްކާލަން އެހެން އިރަކުން މަޑުކޮށްލަން ހަދަމާ، މަންމަ ކައިރީ މިދަނީއޭ ބުނެފަ އަދިވެސް ވާހަކައިގަ މިއިނދެވެނީ." ކެންޒާ ބުންޏެވެ. ލައިރާ ނިކަން އަވަހަށް ބޯޖަހާލިއެވެ.
"ދެން ދޭ އަވަހަށް." ކެންޒާއާއެކު ލައިރާ ވެސް އެނދުން ތެދުވިއެވެ.
* * * * *
ކާރުން ފޭބިގޮތަށް މަޑުކުރުމެއްނެތި ކެންޒާ އައިސް ދޮރޯށިން އެތެރެއަށް ވަދެއްޖެއެވެ. ގޭތެރެއަށް ވަދެވުމާއެކު ކެންޒާގެ ކޮޓަރިއަށް އޭނާ ވަނީ އަތްދަބަސް ބާއްވާލާށެވެ. ހުޅުވިފައި ހުރި ދޮރުން މީހަކު ވަންކަން އެނގި ކެންޒާ ވާހަކަދެއްކިއެވެ.
"ކައިނިމިއްޖެ ދޯ... ސޮރީ..." ކެންޒާ އެނބުރިލީއިރު ކޮޓަރިތެރޭ ހުރީ މިފްރާހެވެ. އަނގައިން ބުނަން އުޅެފައި ވެސް ބަހެއްނުނިކުތީ މިފްރާހަށް އައިސްފައި ހުރި ބަދަލު ފެނިފައެވެ. ހީވަނީ މުޅިން އެހެން މީހަކު ހެންނެވެ. ދިގު އިސްތަށިގަނޑެއް އަބަދު ފެނިފައި ހުރި މިފްރާހު، އިސްތަށިގަނޑު ކޮށާލުމުން ނުގުޅުނީއެވެ. މީހާގެ ސިފަ ހަމައެކަނި އިސްތަށިގަނޑުން ވެސް ބަދަލުކޮށްލާވަރު ކެންޒާގެ ހަމަލޮލަށް ފެނިއްޖެއެވެ.
"ކިޓީ... ޑޫ ޔޫ ލައިކް ވަޓް ޔޫ ސީ" މިފްރާހު އެއްލޯ މަރާލިއެވެ. ކެންޒާއަށް ދިރުންލިބުނު ކަހަލައެވެ. ވަގުތުން ދެބުމަކައިރިކޮށްލުމާއެކު ފޫހިކަމުގެ މޫނުމައްޗެއް ފާޅުވެލިއެވެ.
"ގެޓް އައުޓް..." ދަތްތައް ބިންދައިގެންދާހާ ބާރުކޮށްލައިގެން ހުރެ ކެންޒާ ބުނެލިއެވެ. ހަޤީޤަތުގައި ކެންޒާ ބޭނުންވީ އަޑުގެކޮޅަށް ހަޅޭލަވައިގަންނާށެވެ. އެހެންވިޔަސް މަންމަ ހީކުރާނޭ ގޮތަކާއި ކުރިމަތިކުރުވާނޭ ސުވާލުތައް އަންދާޒާކުރެވޭތީ އެތެރެހަށީގައި އަނދަމުންދިޔަ ރުޅިގަނޑު އޮބިއަޅާ ހިފެހެއްޓީއެވެ.
"ރުޅިއަކީ ލޯބީގެ ފެށުން އިނގޭ. ކިޓީ އަހަރެންދެކެ ލޯބިވާވަރުކޮށްލާނަން." މިފްރާހު ހީނލިއެވެ. ކޮންޓްރޯލުކުރަމުން އައި ރުޅީގައި ކެންޒާގެ ތުންފަތް ތުރުތުރުއަޅާލިއެވެ. އެހަރަކާތް ހުއްޓުވުމަށްޓަކައި ތިރީތުންފަތް މަޅައިލާ ދަތްތަކުން ހިފަހައްޓާލިއެވެ.
"ގޯޑް ދޯސް ލިޕްސް... ޑޫ ޔޫ ނޯ ހައު މަޗް އައި ވޯންޓް ޓު ކިސް ޔޫ ރައިޓްނައު." އިސްތަށިގަނޑުގައި ކަނާއަތްތިލަ ހިންގާލުމާއެކު މިފްރާހު ފިޔަވަޅު އެޅީ ކުރިއަށެވެ.
"ޕްލީޒް ސްޓޮޕް... ޕްލީޒް..." ކެންޒާގެ މޫނުން ރުޅިވެރިކަން ފިލާ ގޮސް ކަންބޮޑުވުމާއި ހާސްކަން ވަށައިގެން އޭނާ ބައްދާލައިފި ކަހަލައެވެ.
"އަހާ!... މިދާ ދޯ ތި ތިބީ..." އިވިގެންދިޔައީ ދޮރުމަތީ މަޑުކޮށްލި މިންނާގެ އަޑެވެ.
ކެންޒާ ދެވޭ އެންމެ ހަލުވެއްކޮށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ދަރިފުޅަށް ގޮވަމުން މިންނާ ވެސް ފަހަތުން އައެވެ. މިފްރާހު ދާން އެނބުރުމުގެ ކުރިން ކެންޒާގެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެތަނުގައި ހުރި ސާމާނު މަދެވެ. ސިންގަލް ދެ އެނދާއި ތިންދޮރުފަތުގެ ބޮޑު އަލަމާރިއެއްގެ އިތުރުން ލައްޕާލެވޭ ކަހަލަ މޭޒެކެވެ. އެނދުއަރިމަތީ ބަހައްޓާފައި ހުރީ ސައިޑްޓޭބަލްއެއް ފަދަ ފޮތްލާ ކަބަޑެކެވެ. އެހެންނަމަވެސް އެ ކޮޓަރިތެރެވަނީ ކެންޒާގެ ހުނަރުވެރިކަމުން ޒީނަތްތެރިކޮށްފައެވެ. އަންހެންވަންތަކަން މުޅި ކޮޓަރިން ފެނިގެންދެއެވެ. މޭޒުކައިރީ ހުރި ޕްލާސްޓިކު ގޮނޑީގައި އަޅުވާފައި އޮތް ބޮޑު ތުވާލި ފެނި އޭގައި މިފްރާހު އަތްލިއެވެ. ތުވާލިން އެލިފައި އޮތް ބައި ހިއްލާލައި ގެނެސް ނޭފަތާ ކައިރިކޮށްލިއެވެ. ވަސްބަލާލުމަށް ނޭފަތް އެތެރެއަށް ދަމާލި ހިނދު އެ ދެ ލޯ މެރުނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ހިންދިރުވާލެވުނެވެ. އަރުތެރެ ނުހަނު ބޮޑަށް ހިކިގެން ދިޔަކަން އިޙްސާސް ކުރެވުނެވެ. އަވަހަށް ލޯ ހުޅުވާލައި ތުވާލިން ދޫކޮށްލިއެވެ. އަދި މަޑުމަޑުން އެ ކޮޓަރިން މިފްރާހު ނުކުމެ ދޮރުލައްޕާލިއެވެ. އެއަށްފަހު ކެންޒާ ހޯދުމަށް އެތެރެއަށް ވަދެގެން އައެވެ.
"މަންމަ އެއްޗެކޭ ބުނީއެއް ވެސް ނޫނެއްނު... ރުޅިއެއްނާދެއޭ، ދެކުދީން ކޮޓަރީގައި ވާހަކަދައްކަން ތިއްބަސް މަންމައަށް އެންމެ ރަނގަޅޭ، އެކަމަކު ދޮރު ލައްޕައިގެން ނުވާނެ."
ބަދިގެއިން މީހަކު ނުފެނުމުން ކައިފްގެ ކޮޓަރި ކައިރިއަށް އައި މިފްރާހަށް މިންނާގެ އަޑު ސާފުކޮށް އިވުނެވެ. އެތުންފަތުގައި ދުވެލީ މާނަވީ ހިނިތުންވުމެކެވެ. ކުޑަކޮށް ހުޅުވިފައި ހުރި ކައިފްގެ ކޮޓަރީގެ ދޮރުގައި މިފްރާހު ޓަކި ދިނުމާއެކު ތަންކޮޅެއް ބޮޑަށް ހުޅުވާލިއެވެ.
"ނުވެސް ކަންތަ؟." މިފްރާހު އަހާލިއެވެ.
"ކާހިތެއްނެތް." ކެންޒާ ބުންޏެވެ. އޭނާގެ ޠަބީޢަތް ގޯސްވެއްޖެއެވެ.
"ނޫން، ބަނޑުހައިވެފަ މިހާރު ހުންނާނީ." ކައިފްގެ އެނދުގައި އިށީން ކެންޒާގެ އަތުގައި މިންނާ ހިފިއެވެ.
"މަންމަ ނުކައި އެހުރީ..." ކެންޒާ ފޮނުވަން ބޭނުންނުވެފައި ހުރެ ވެސް ކައިފް ބުނެލީ މަންމައާމެދު ވިސްނާފައެވެ.
ރޮބެޓެއްހެން ކެންޒާ ވަގުތުން ތެދުވިއެވެ. މަންމައާއެކު ބަދިގެއަށް އޭނާ އައުމުން އެމީހުންގެ ފަހަތުން މިފްރާހު ވެސް ވަނެވެ. ދެމައިންނާ ކުރިމަތިވާނޭހެން ކާމޭޒުދޮށުގައި މިފްރާހު އިށީނެވެ.
"ބޯކޮށާލީމަ މިފްރާހާ މާގުޅެޔޭ މަންމަ ބުނީ، ނޫންތަ؟." ކާން އިނދެ މިންނާ ވާހަކަދެއްކިއެވެ. ކެންޒާގެ ނަޒަރު މިފްރާހަށް ހުއްޓިލިއެވެ. ޖަވާބެއް ދޭން ޖެހޭތީ ކެންޒާ ހޫން ލައްވާލިއެވެ.
"ޖޮބެއް ވެސް ހޯދައިފިން... ދޯ މަންމާ. މާދަމާ ނުކުންނަން ޖެހޭ." ކެންޒާގެ ރުހުން ލިބުމަށް އެދި މިފްރާހު ބުނެލިއެވެ.
"ޖޮބެކޭ ހިތަށް އަރުވާލާއިރަށް ޖޮބެއް ލިބޭތަ؟. ޚާއްޞަކޮށް މިރާއްޖޭގައި." ކެންޒާ ބުންޏެވެ.
"ފެމެލީ ފްރެންޑެއްގެ ކޮމްޕެނީއެއް. މިހާރު ޖޮބު ލިބޭނީ އެކަހަލަ ގޮތަކަށް. ކޮންމެ ބައެއްކައިރީ ވެސް މުހިންމީ ރަނގަޅަށް މަސައްކަތްކުރުން. ޖޭބީ ކޮމްޕެނީގެ ހިއުމަންރިސޯސް ހެޑު މީ... މާދަމާ އޮފީސް ބްރޭކްގަޑީ ސައިބޯން އަންނާނަން އިނގޭ މަންމާ." މިފްރާހު ބުނެލިއެވެ.
"އަންނާތި އިނގޭ، މަންމަ ސައި ހަދާފަ ބަހައްޓާނަން." ހިނިއައިސްފައި އިނދެ މިންނާ ބުންޏެވެ. އޭނާއަށް މިފްރާހުގެ ފުށުން ކަމުދާ ސިފަތައް ގިނައެވެ. އެއްސުފުރާ މަތީ އެމީހުން ކާއެއްޗެއް ކައި، ބޮއެ ހަދާކަށް އެއްގޮތަށް ވެސް މިފްރާހު ޖެހިލުން ނުވާކަން މިންނާއަށް އެނގެއެވެ. މިފްރާހުގެ ވާހަކައިން އޭނާގެ ދިރިއުޅުމުގެ ފެންވަރާއި މިންނާމެންގެ ދިރިއުޅުމުގެ ފެންވަރު މާބޮޑަށް ވެސް ތަފާތެވެ. އެހެންވިޔަސް މިފްރާހަށް މިންނާމެންގެ ދިރިއުޅުން ކަމުދާކަން ގައިމެވެ. އޭނާގެ ވާހަކަދެއްކުމުގައި ބޮޑާކަމެއް ނެތެވެ. ހިތްހެޔޮ، މީހުންނާ ގުޅޭ ޒުވާނެކެވެ. އެހުރިހާކަމެއްގެ ތެރެއިން މިންނާއަށް ފާހަގަވި ކަމެއް ކަމުގައި މިފްރާހަށް ކެންޒާ ކަމުދިއުންވިއެވެ. އެ ދެކުދީން ގުޅުމާ މިންނާގެ ހިތް ރުހިފައިވެއެވެ.
"ކެން މޮޅު ޝަފަކަށްވާއިރު، ދެން ކޮންދުވަހަކުންތަ ކެންގެ އަތުން ކާއެއްޗެއް ލިބޭނީ. އަހަންނަށް ޖޮބު ލިބުނީމަ ސެލެބްރޭޓްކުރަންވާނެއެއްނު." މިފްރާހު ބުންޏެވެ. ނަމަވެސް އެކަމާ ކެންޒާ އަނގަޔަކުން ނުބުންޏެވެ.
"އެއްރޭ ރޭގަނޑުގެ ކެއުމެއް ތައްޔާރުކުރާނީ ދޯ." މިންނާ ބާރުއެޅިއެވެ. ކެންޒާ ހޫނއެކޭ ލައްވާލިއެވެ. ކަސްރަތު ކުރިޔަސް ޢާއްމުކޮށް އޭނާ ކާވަރާ ބަލާފައި ކެއީ މަދު އެތިކޮޅެކެވެ. މަންމައަށްވުރެ ކުރިން މޭޒުދޮށުން ތެދުވެއްޖެއެވެ. ފޯނެއް ކުރަން ވެފައި އޮތްކަން ބުނެ ބަދިގެއިން ކެންޒާ ނުކުތެވެ.
މިފްރާހު އިނީ ކެންޒާ ކޮޓަރިއަށް ވަންގޮތަށް ނުނިކުމެގެންނެވެ. ގޭގައި އަނެއްހެން ކުރާނޭ ކަމެއް ނެތުމުންނާއެކު މިފްރާހު އެކަނިނުކުރަންވެގެން މިންނާ އައިސް އިނީ ސޯފާގައެވެ. އެ ދެމެދުގައި ދެކެވެމުންދިޔައީ އެ ގެ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނޭ ގޮތުގެ ވާހަކައެވެ. އިމާރާތްކުރާނޭ ގޮތުގެ ކުރެހުމެއް ތައްޔާރުކޮށް މިންނާއަށް ދައްކަން ގެންނާނޭކަމާއި މިންނާ އުޅެން ޚިޔާރުކުރާ ބައެއް ނެގުމަށްފަހު އިމާރާތް އެއްކޮށް ކުއްޔަށް ދޫކޮށްލާނީކަން މިފްރާހު ބުންޏެވެ. ގެ ހަދަން ފެށުމުން މިންނާއާއި ކައިފްއާއި ކެންޒާ ހުރުމަށް ތަނެއް ހަމަޖައްސައިދޭނަންކަން ވެސް މިފްރާހު ބުންޏެވެ. އެހެންވީމަ އެއްވެސް ކަމަކާ މިންނާ ހާސްވާން ނުޖެހޭނެކަން ޔަގީންކޮށްދިނެވެ. ކަމެއް ގޯސްކޮށް ހިނގާނަމަ މިންނާ ބުނުމުން އެކަމެއް ރަނގަޅުކުރާނޭކަން ވެސް މިފްރާހު ބުންޏެވެ.
"ނިދުނީ ކަންނޭނގެ. އެހެންނޫނީ ފިލާވަޅު ހަދަން ވެސް އިނދެދާނެ. މަންމަ ގޮވާލަންތަ؟" ވާހަކައިގެ ތެރެއިން ވެސް މިފްރާހުގެ ނަޒަރު އިރުއިރުކޮޅުން ކެންޒާގެ ކޮޓަރިއަށް ހުއްޓޭތަން ފެންނާތީ އެންމެފަހުން މިންނާ ބުނެލިއެވެ. ރަކި ހީނލުމަކާއެކު މިފްރާހު ދެފަރާތަށް ބޯހޫރާލިއެވެ.
"ކަމަކާ ދެކުދީން ދެބަސްވީތަ؟." ހީވުމެއްގެ މައްޗަށް މިންނާ އަހާލިއެވެ.
"އަހަރެން މިގެއަށް މާގިނައިން އަންނާތިހެން ހީވަނީ." މިފްރާހު ބުނެލިއެވެ. މިންނާ ހީނލީއެވެ.
"އެއީދެން އެވަރުކަމެއްތަ." ހިނިތުންވެލައިގެން އިނދެ މިންނާ ބުންޏެވެ.
"މަންމަގެ އެ ދަރިފުޅު ކީއްވެތަ އެހާ ބޯހަރީ... މަންމަހެން ނުވީ ކީއްވެތަ؟." ސޯފާގައި ހަށިގަނޑު ތެދުކޮށްލަމުން ކެންޒާގެ ކޮޓަރިއަށް ބަލަން އިނދެ މިފްރާހު ވާހަކަދެއްކިއެވެ.
"ކެންޒާއަކީ ތި ހީކުރާހާ ބޯހަރު ކުއްޖެއްނޫން. މިފްރާހަށް އަދި ކެންޒާ ދަސްނުވަނީހެން މަންމައަށް ހީވަނީ." މިންނާ ބުންޏެވެ. ބޯޖަހާލަމުން މިފްރާހު ހީނލިއެވެ. ފުޅާ ހިނިތުންވުމަކާއެކު މިންނާއަށް ބަލާލައި ވާހަކަދެއްކިއެވެ. މިންނާގެ އިޒުނައާއެކު އޭނާ ކެންޒާ ދަސްކުރަން ބޭނުންވާކަން ހާމަކުރިއެވެ. މިފްރާހުގެ އެ ބުނުން މިންނާއަށް ތިލަކޮށްދޭކަށް ނުޖެހުނެވެ. ލޯތްބަކީ ކޮބާކަން މިންނާއަށް ވެސް އެނގެއެވެ. މިފްރާހުގެ ފުށުން ފެންނަ އަލާމާތްތައް މިންނާއަށް ހުރިހާކަމެއް ބުނެދެއެވެ.
"ބޭރަށް ދަނީތަ؟." ކޮޓަރިން ނުކުތް ކެންޒާ ފެނި މިންނާގެ ސަމާލުކަން ދަރިފުޅަށް ހުއްޓުނެވެ. މިފްރާހަށް ބަލާލެވުނީ އަތުކުރީ އޮތް ގަޑިއަށެވެ. ހަވީރު ފަސްގަޑިބައިވީއެވެ.
"ފްރެންޑަކާއެއްކޮށް. މަންމާ... އަހަރެން އަންނާނީ ތަންކޮޅެއް ލަހުން އިނގޭ. ވޯކް ނިންމާފަ ޖިމް ވެސް އިންނާނެއެއްނު." ކެންޒާ ބުނެލިއެވެ. އެވަގުތު ކެންޒާގެ ފޯނު ރިންގުވިއެވެ. އޭނާ ފޯނުކޯލު ނެގިގޮތަށް ގެއިން ނުކުންނަނީ ކަމުގައި ބުނެ ކޯލު ނިންމާލިއެވެ.
މިފްރާހު އެބައަންނަން ކަމުގައި ބުނެ ސޯފާއިން ތެދުވިއެވެ. އޭނާ އެދަނީ ކެންޒާއާ ބައްދަލުކުރަންކަން މިންނާ ދެނަހުއްޓެވެ. އެހެންވެ އޭނާ ވެސް ތެދުވެ ގޭތެރެއަށް ހިނގައިގަތީ ކައިފްގެ ހާލެއް ބަލާލުމަށެވެ.
ދޮރޯށިން ބޭރަށް މިފްރާހަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. ދޮރޯށީގެ ތަޅުގައި ހިފަހައްޓާލައިގެން ޖެހި ބުދެއްހެން އޭނާ ހުރީ ކުރިމަތިން މަގުގެ އަނެއްފަރާތުގައި އޮތް ކާރު ފެނިފައެވެ. އައިނެއް އަޅާފައި ހުރި އިސްކޮޅުން ދިގު ޒުވާނާ ކެންޒާގެ އަތުގައި ހިފާލިއެވެ. އެ ދެމެދުގައި ހިނިތުންވުން ބަދަލުކުރެވުނެވެ. ކާރުގެ ދޮރު ހުޅުވައިދީ ކެންޒާ އަރަން އެ ޒުވާނާ އެހީތެރިވެދިނެވެ. ދޮރުފަތް ލައްޕާލުމާއެކު އޭނާ ޑްރައިވަރު ސީޓަށް އަރަން އަވަސްވެލިއެވެ. ކާރުގައި އިން ކެންޒާއަށް ދޮރޯށި ދޮށުގައި ހުރި މިފްރާހު ފެނުނެވެ. ދުވަހަކުވެސް މިފްރާހުގެ މޫނުން މިނޫނީ ރުޅިވެރިކަން ކެންޒާ ނުދެކެއެވެ. ނިތަށްގިނަވެފައި ރުލާއި ދެބުމަ ގުޅިފައި ހުރިއިރު އެ ދެ ލޮލުން ގިނިބުރާ ކަހަލައެވެ. ހުރިހާ އަނިޔާއެއް ލިބެމުންދިޔައީ ތަދު އިޙްސާސް ނުކުރެވޭނެ ދޮރޯށީގެ ތަޅަށްކަމަށް ކެންޒާ ނުދެނަހުއްޓެވެ.
"އަހަރެން އަތްލީމަ ކަމުނުދަނީ. އޭނާ އަތްލަން އޯކޭ. ކިޓީ... އަހަރެންގެ ޕޭޝަންސް ހުރިވަރެއް ބަލަން ނޫޅެއްޗޭ." މިފްރާހުގެ ހިތް ގޮވާލިއެވެ.
(ނުނިމޭ)