އެޗްޑީސީ

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޖައިޝް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޖައިޝް އިބްރާހިމް އައްޔަން ކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެޗްޑީސީގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޖައިޝް އައްޔަން ކުރައްވާފައިވާ ކަމަށެވެ. އެޗްޑީސީގެ ބޯޑުގައި މިހާރު ތިއްބަ ވަނީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އާއި ހަތަރު ޑިރެކްޓަރުން ކަމުގައިވާ އިބްރާހިމް އަފްރަތު އާއި އަބްދުﷲ ރަމީޒް އާއި އަހްމަދު އާތިފްގެ އިތުރުން ހަސަން މުނީރެވެ.

ތިލަފުށި ހިންގަމުން ގެންދާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެއްކޮށްލަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެނގިފައިވާ ގޮތުގައި ޖީއެމްއައިޒެޑްއެލް އާއި އެޗްޑީސީ އެއްކޮށްލުމުގެ ގޮތުން ޖީއެމްއައިޒެޑްއެލްގެ ހިއްސާ އިން ބައެއް އެޗްޑީސީ އަށް ބަދަލު ކުރަން ވަނީ ސިޓީއެއް މިއަދު އެ ކުންފުންޏަށް ފޮނުވާފަ އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފޮނުވި ސިޓީގައިވާ ގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ އަދަދުވެސް މަދު ކުރަން ޖެހެ އެވެ. މިހާރު އެ ކުންފުނީގައި ހަތް ޑިރެކްޓަރުން ތިބެވެ. މި ބަދަލާއެކު ޑިރެކްޓަރުންގެ އަދަދު ފަހަކަށް މަދުވާނެ އެވެ.

ސަރުކާރުގެ މި ނިންމުމާއެކު ދެ ކުންފުނި އެއްކޮށްލުމަށްފަހު، ލީޑް ކުރާނީ އެޗްޑީސީން ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް، ޖީއެމްއައިޒެޑްއެލް އާއި އެޗްޑީސީ އެއްކޮށްލުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ރަސްމީކޮށް އަދި ބަހެއް ލިބިއެއް ނުވެ އެވެ.