ކުޅިވަރު

ސްމިވިން ކޯޗް ފަރޭ ކޯޗިންއާ ދުރަށް

ނިއު ލެގޫން ސްވިމިން ކުލަބުގެ ހެޑްކޯޗް އިސްމާއީލް ފަރުހާން (ފަރޭ) ކޯޗިން އާ ދުރަށް ގޮސްފި އެވެ.

ސްވިމިންގެ ހައިޕާފޯމަންސް އެކެޑެމީއެއްގެ ގޮތުގައި ހިންގާ ނިއު ލެގޫން ސްވިމުން ކުލަބުގެ ޓްރޭނިންތައް މެދުކަނޑާލުމުން، ކޯޗިންއާ ދުރަށް ދިޔަކަން ހާމަކޮށް، ކުރީގެ ގައުމީ ކޯޗް ފަރޭ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓާ ގުޅިގެން އަވަސް އިން ގުޅުމުން ފަރޭ ބުނީ، މަސައްކަތާ ދުރަށްދާން ނިންމީ މަސައްކަތް ކުރެވޭނެ އެކަށީގެންވާ މާހައުލެއް މިވަގުތު ނެތުމުން ކަަމަށެވެ.

"ކަންކަން ރަނގަޅުވާނެ ކަމުގެ އުންމީދުގައި އަބަދުވެސް ހުންނަނީ، އެކަމަކު އެކަންކަން ރަނގަޅުވާ ތަނެއް ނުފެނޭ އިލެކްޝަން ކަންތަކުގައި ވީގޮތުންނާއި މިހާރު މާހައުލު އޮތް ގޮތުން ދުރައް ޖެހިލަން ޖެހިއްޖެ ކަމަށް ގަބޫލު ކުރަނީ." މިދިޔަ މަހު ބޭއްވި ސްވިމިން އެސޯސިއޭޝަންގެ އިންތިހާބުގައި އެކްސްކޯގެ ފިރިހެން މެންބަރުގެ މަގާމަށް ކުރިމަތިލައި ނާކާމިޔާބުވި ފަރޭ ބުންޏެވެ.

"ނިއު ލެގޫން ސްވިމިން ކުލަބުގެ ނަމުގައި އެއްވެސް ހަރަކާތެއް މިވަގުތު ނުގެންދާނެ، ކުލަބުގެ އެސިސްޓެންޓް ކޯޗުންނަށްވެސް ވާނީ އަންގާފަ،" ފަރޭ ބުންޏެވެ. "ކުލަބުގައި މަސައްކަތް ކުރާ ކޯޗުން އަމިއްލައަށް ވަކިވަކި ކުދިން ޓްރޭން ކުރުމާމެދު މައްސަލައެއް ނެތް، އެހެންނަމަވެސް ނިއު ލެގޫން ކުލަބުގެ ހަރަކާތްތައް މިވަގުތަށް ވަނީ މަޑުޖައްސާލާފަ."

އޭނާ ބުނީ އަންނަ އަހަރު އެސޯސިއޭޝަންގެ ވިސްނުން ހުރި ގޮތެއް ބަލުމަށް ފަހު އަލުން ކުލަބާއެކު މަސައްކަތް ކުރަން ފަށާނެ ކަމަށެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނުގުން ގައުމީ އިނާމު ހާސިލު ކޮށްފައިވާ ފަރޭ ބުނީ މަސައްކަތާ ދުރައްދާ ވާހަކަ ވައިބާ ގުރޫޕްތަކުގައި ޖެހުމުން، އެކި ފަރާތްތަކުން ގުޅައި ސަބަބު އޮޅުންފިލުވަމުން ދިޔައިރުވެސް އެސޯސިއޭޝަންގެ އެއްވެސް ބޭފުޅެއްގެ ފަރާތުން އެއްވެސް އިޖާބައެއް ލިބިފައި ނުވާ ކަމަށެވެ.

ނިއު ލެގޫން ސްވިމިން ކުލަބު އިސް އޮފިޝަލެއް ބުނީ ކުލަބުގެ ހަރަކާތްތައް މެދުކަނޑާލަން ނިންމީ، ކޮވިޑް-19 އާ ގުޅިގެން ޓްރޭނިންތައް މެދުކަނޑާލަން ސްވިމިން އެސޯސިއޭޝަނުން އެންގުމުން ކަމަށެވެ.