ވާހަކަ

ލޯބިން ބުނެލަން

(11 އޯގަސްޓް 2020 އާ ގުޅޭ)

"އަހަރެން އަތްލީމަ ކަމުނުދަނީ. އޭނާ އަތްލަން އޯކޭ. ކިޓީ... އަހަރެންގެ ޕޭޝަންސް ހުރިވަރެއް ބަލަން ނޫޅެއްޗޭ." މިފްރާހުގެ ހިތް ގޮވާލިއެވެ.

"އެއީ ކާކު؟." ކާރު ދުއްވާލުމާއެކު ޔާދިން އަހާލިއެވެ.

"ބައްޕަގެ ފްރެންޑެއް." ކެންޒާ ބުނެލިއެވެ.

"ބައްޕަގެ ރައްޓެއްސެއްގެ ދަރިއަކީތަ؟." ކެންޒާ ދިން ޖަވާބުގައި ފޮރުވިފައި އެހެންކަމެއް އޮތްހެން ޔާދިންއަށް ހީވިއެވެ.

"މިބުނީނު އެއީ ބައްޕަގެ ރައްޓެއްސެކޭ." ކާރު ދުވަންފެށުމުން ކެންޒާގެ ނަޒަރުން މިފްރާހު ކެހެމުންދިޔައެވެ. އެއާއެކު އޭނާގެ މޫނު މަޑުމަޑުން އެ ދިމާއަށް އަނބުރާލެވުނީ މިފްރާހު ކަންތައްކުރާނޭ ގޮތެއް ހިތަށް އަރާފައި އިންވަރުންނެވެ.

"ރިއަލީ... ދެން ތިހާވަރަށް އޭނާއަށް ތިބަލަނީ ކީއްވެ؟... ކޮންކަމަކާ އެހާ ރުޅިގަދަވެފައި އެހުރީ. ހީވަނީ އަހަރެންގެ ކަށިތަކާއެކު ހަފާ ކާން ބޭނުންވެފައި ހުރިހެން."

ޔާދިންއަށް ދޮރޯށިން ނުކުތް ޒުވާނާ ނުފެންނަ ކަމަށް ހެދުނީ ގަސްދުގައެވެ. އެހެންނަމަވެސް އޭނާ ޝައުގުވެރިކުރުވީ އެ ޒުވާނާގެ ނަޒަރު ކެންޒާއަށް ހުއްޓިފައި ހުރި ގޮތުންނެވެ. އެމޫނުން ހިތްހަމަނުޖެހިފައިވާކަމުގެ އަސަރު ސާފުކޮށް ފާޅުވޭވޭ ހުއްޓެވެ. ކެންޒާއާ ގުޅުމެއްނެތްނަމަ އެ ޒުވާނާގެ ފުށުން އެފަދަ އަސަރުތަކެއް ފެންނަންވީ ކީއްވެކަމާމެދު ޔާދިން ސުވާލު އުފެދުނެވެ. ހީވަނީ އޭނާގެ ހައްޤަކަށް ޔާދިން އަތްފޯރުކުރުމުން އެކަމުގެ ބަދަލު ހިފަން ތައްޔާރަށް ހުރި ހެންނެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟... އެއީ ހަމައެކަނި ބައްޕަގެ ފްރެންޑެއްނޫން ދޯ." ސަމާސާކޮށްލާ ފަދައިން ޔާދިން ބުނެލިއެވެ.

"ކޮންވާހަކައެއް ދައްކަންތަ އެހާވަރުން މީޓުވާން ބޭނުންވީ؟." ކެންޒާ އަހާލިއެވެ. ޔާދިން ހީނލީ ކެންޒާ މައުޟޫޢު ބަދަލުކޮށްލީކަން އެނގޭތީއެވެ. އެ ހުނުން ނުހަނު އަވަހަށް ކުރުކޮށްލުމާއެކު ޔާދިން ސީރިއަސްވެލިއެވެ. ކެންޒާއަށް ގޮވާލީ އޭނާގެ ފުރިހަމަ ސަމާލުކަން ހޯދަން ގަސްދުކޮށެވެ. ނަމަވެސް ކެންޒާ ހަރަކާތެއްކޮށްނުލިއެވެ.

"އަހަންނަކަށް ނުވިސްނުނު ކެންއަށް ލައިތު ކަމުދާންވީ ސަބަބެއް؟. އޭނާއަށް ހަމަ އެހާ އިތުބާރުކުރެވޭތަ؟. ޔަގީންތަ އޭނާ އެ އުޅެނީ ކެންދެކެ ލޯބިންކަން." ޔާދިން ވާހަކަދެއްކިއެވެ.

"ތިފެށީ ކޮންވާހަކައެއް؟." ކެންޒާގެ ނަޒަރު ޔާދިންއަށް ހުއްޓުނެވެ.

"ކެންޒާއަށް އެއްޗެއް ވިސްނައިދެވޭތޯ މިއުޅެނީ." ޔާދިން ބުންޏެވެ.

"އަހަރެން ކަންކަމާ ނުވިސްނައޭ ހީވަނީތަ؟." ކެންޒާއަށް ބުނެވުނެވެ.

ޔާދިން ތުންބައްދާލީ ހިތްހަމަނުޖެހިގެން އެއްޗެކޭ ބުނެވިދާނޭ ހީވެއެވެ. އިތުރަށް ވާހަކަނުދައްކާ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދޭތެރެއަކުން ލޮލުގެ ހިމަކޮޅުން އޭނާއަށް ކެންޒާ ބަލާލާކަން ދެނަހުއްޓެވެ.

"ކޮންތާކަށް މިދަނީ؟"

"ހަޤީޤަތް ކިޔައިދޭން... ލައިތަކީ ކިހާވަރެއްގެ މީހެއްކަން އޭނާ ކިޔާދޭނެ." ޔާދިން ބުންޏެވެ.

"ކާކު އެއީ؟."

* * * * *

މަގުމަތި ފެންނަ ގޮތަށް ހުރި ބެލްކަނީގައި މަޑުކޮށްލައިގެން ހުރެފައި ފިޒާނާ އެތެރެއަށް ވަނެވެ. އަނެއްކާ ވެސް ސޯފާތަކުގެ މެދުގައި އޮތް ހުސްތަންކޮޅުގައި ދެކޮޅަށް އޭނާ ހިނގަންފެށިއެވެ. އެއްއަތުން އަނެއްއަތުގެ އިނގިލިތަކާ ކުޅެމުންދިޔައިރު ތުންފަތްކައިރިން ކޯހަފަމުންދިޔައެވެ.

"ޔާދު ދޮގެއްނުހަދާނެ، އޭނާ އެހުރީ ލައިތު ބަރުބާދުކޮށްލަން ފައިވިއްދާފައި، އެބުނާ ގާލްފްރެންޑެއް ފެންނާނެތާ... ރަނގަޅީ ވެސް ދެމީހުން ބްރޭކަޕްވިއްޔާ. ޔާދުއަށް އެއަންހެންކުއްޖާ ކަމުދާގޮތެއްވާނަ ކޮންފަދަ، އެދެމެދަށްވަނީ އޭނާއޭ އޭރުން ބުނެވޭނެ، ޔާދު ބުނިހެން ލައިތު އެހާވަރުން އެ އަންހެންކުއްޖާއާ ހެދި އުޅޭނަމަ އޭނާވެސް ނުހުންނާނެ މަޑަކުން. ހެ ހެ ހެ... މަޖާވާނެ. އެކަމަކު މިކަމުން އަހަންނަށް ފައިދާނުކުރާނަމަ ނޫޅެން. މިކަމުގެ ބަދަލު ޔާދުގެ އަތުން ހޯދާނަން. އެގެއަށް ވަދެވޭނޭ ގޮތް ވާނަމަ..."

ފިޒާނާގެ އެންމެ ބޮޑު އެދުމަކީ ލައިތާ ބައްދަލު ކުރުމެވެ. ހ.މަހަލްއަށް ވަންނަން އޭނާ ބޭނުންވަނީ އެހެންވެއެވެ. ލައިތުގެ ފޯނު ނަންބަރު ހޯދައިގެން ގުޅަން ވެސް އޭނާ ހިތަށް އެރިއެވެ. ކާކުކަން ނޭނގޭތީ ލައިތު ފޯނުކޯލު ނެގިޔަސް، ފިޒާނާކަން އެނގޭ ހިނދުން އޭނާ ވާހަކަދެއްކުން ހުއްޓާލާނޭކަން ޔަގީނެވެ. އެހެންވިޔަސް އަބަދު ދެމީހުން ބައްދަލުވާނަމަ އެހާ ފަސޭހައިން އޭނާގެ ކުރިމަތީ މޫނުއަނބުރިލަން ލައިތަށް ފަސޭހަނުވާނޭކަން އެނގެއެވެ. ފަހަރެއްގައި އޭރުން ލައިތު ގާތުން ފިޒާނާ އެދޭ ފަދަ ފުރުޞަތެއް ލިބިދާނެއެވެ. ލުއި ހީނލުމަކާއެކު ފިޒާނާ ދެފަރާތަށް ބޯހޫރާލިއެވެ. ކުރެވެމުންދިޔަ ޚިޔާލުތައް އަތްނުފޯރާ ހިސާބަށް ދިއުމުންނެވެ.

ހ.މަހަލް ކައިރިއަށް ކާރު މަޑުކޮށްލުމުން ކެންޒާ އިތުރަށް ސުވާލު އުފެދުނެވެ. ގެއަށްތޯ އައީ ކެންޒާ ސުވާލު ކުރިއެވެ. ކާރުން ފައިބަން ނޫޅެ ޔާދިން ބަލާލީ ކެންޒާއަށެވެ. ފަރުވާތެރިކަމާއެކު ކެންޒާއަށް ބަލަން ވަގުތުކޮޅަކަށް ހިމޭނުން އިނެވެ.

"ކިހިނެއްކަންވާން މިއުޅެނީ ނޭނގި އަހަރެން މިކާރުން ނުފައިބާނަން." ޔާދިންގެ ހިމޭންކަމާ ދެކޮޅަށް ކެންޒާ ވާހަކަދެއްކިއެވެ.

"އަންހެންކުއްޖަކު ރޭޕްކުރަން ކެރުނު މީހަކު ރަނގަޅުވާނެހެން ހީވޭތަ؟. އޭނާ ފިޒާ ރޭޕްކުރީ... އަހަރެމެން ގޭތެރޭގައި އެވާހަކަ ނުދައްކަނީ ބައްޕަގެ ރަންދަރިއަށް ލައިތު ވާތީ. ހުރިހާކަމެއް އެމީހުން އޮއްބާލީ. ލައިތުނޫން މީހަކު ކެންޒާދެކެ ލޯބިނުވާނޭ ހީވަނީތަ؟. އެހެންވެތަ އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރަން ބޭނުންނުވަނީ. ކޮންމެ ފަހަރަކު އަހަރެން ގާތު ލައިތުގެ ވާހަކަ ނުދައްކާށޭ ތިބުނަނީ. އަހަރެން ކެންޒާއާ ގުޅިދާނަމޭ ބުނީމާ އެގޮތް ވެސް ކަމަކު ނުދިޔަ. އިންނަން ބޭނުންވާނަމަ އަހަރެން މިހުރީ އިންނަން ވެސް ތައްޔާރަށް." ކެންޒާއަށް ޔަގީންކަން ދޭން ޔާދިން ބޭނުމެވެ. ލައިތު އެހާ ގަޔާވާ އަންހެންކުއްޖަކު އޭނާއާ ދުރުކޮށްލުމަކީ ޔާދިންއަށް ލިބޭނެ ކާމިޔާބެއްކަމުގައި ޚުދު އޭނާ ދުށްޓެވެ.

"ހިނގާ އަހަންނާއެކު... ފިޒާ ހުންނަނީ ކަންމަތީގައި ހުރި ގޭގެ އެޕާޓްމެންޓެއްގައި. އަހަރެން އޭނާ ގާތު ބުނެފަ ކެންޒާ މިގެނައީ. އޭނާ ލައިތު ކުރި ކަންތައް ކިޔާދޭނެ. އެޓްލީސްޓް އޭނާގެ ދުލުން ހުރިހާ ވާހަކައެއް އިވުމުން ކެންއަށް ޤަބޫލުކުރެވިދާނެހެން ހީވާތީ މިގެނައީ." ކެންޒާގެ ކޮނޑުގައި ޔާދިން ކަނާއަތް ބާއްވާލިއެވެ.

ޤަބޫލުކުރަން ދަތިވީ ނަމަވެސް ޔާދިންއާއެކު ކެންޒާ އައިސް ފިޒާނާ ހުރި އެޕާޓްމެންޓަށް ވަނެވެ. ކެންޒާއަށް ހައިރާންކަން ލިބުނީ ދޮރުގައި ހުރި ރަނގަބީލަށް ފިއްތާލުމެއް ނެތި ދޮރުގެ ތަޅު ޔާދިން ހުޅުވީމައެވެ. އެބުނާ ފިޒާއާއި ޔާދިންގެ ދެމެދުގައި ގާތްކަމެއްނެތްނަމަ އެޕާޓްމެންޓުގެ ތަޅުދަނޑި ދޭނޭހެން ކެންޒާއަށް ހިޔެއްނުވެއެވެ. ޔާދިންގެ ފަހަތުން އެޕާޓްމެންޓަށް ވަންއިރު ސޯފާގައިން އަންހެންކުއްޖާ ކެންޒާއަށް ފެނިއްޖެއެވެ. އޭނާ ތެދުވިގޮތަށް އަޖައިބުވެފައި ހުރެ ކެންޒާއަށް ބަލަންފެށިއެވެ. ސޯފާދައްކާލަމުން ކެންޒާ ގާތު އިށީނުމަށް ބުނީ ޔާދިންއެވެ. އޭނާ ފިޒާނާގެ ގާތުގައި ހުއްޓުނެވެ. ކެންޒާއަށް އިޝާރާތްކުރަމުން މިއައީ ގޮވައިކަން ޔާދިން ބުނެލިއެވެ.

"ތީތަ ލައިތުގެ ގާލްފްރެންޑަކީ؟." ފިޒާނާ އަހާލިއެވެ. އެ ސުވާލާއި އެމޫނުގައިވި އަސަރުން ވެސް ކެންޒާއަށް އުނދަގޫވިއެވެ. އެހެން ފިޒާނާ އަހާލި އަހާލުމުގެ ފަހަތުން އިތުރު މާނައެއްވާހެން ކެންޒާއަށް ހީވިއެވެ.

"ފިޒާ..." ފިޒާނާގެ އަތަށް ކުޑަކޮށް ދަމާލަމުން ޔާދިން ގޮވާލިއެވެ. ފިޒާނާގެ އެކުރިމަތިލުން ޔާދިންއަށް ކަމުނުދިޔައީ ކަހަލައެވެ. ޔާދިން އިށީނުމުން އޭނާގެ ގައިގާ ޖެހިގަނެގެން ކަހަލަ ގޮތަކަށް ފިޒާ އިށީނެވެ.

"އެނގޭތަ ލައިތު ކުރީ ކީއްކަން؟." ފިޒާނާ އަހާލިއެވެ. އެހެންވިޔަސް ކެންޒާގެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ.

ފިޒާނާގެ ވާހަކަތައް އަޑުއިވުމުގެ ކުރީން އޭނާ ދެކެ ކެންޒާ ފޫހިވެއްޖެއެވެ. ފުރަތަމަ ފެނިލުމުން ވެސް ފިޒާނާ ކަމުނުދިޔައީއެވެ. ލާފައި ހުރި ކުރު ސޯޓުކޮޅުން ފިޒާނާގެ ފައި ކިރިޔާ ހިއްލާލިއަސް އެތެރެއިން ލާފައި ހުރި އެއްޗެއް އޮންނާނީ ފެންނާށެވެ. ތުނި ޓީޝާޓުގެ އަތެއްނެތްއިރު އޭގެ އެތެރެއިން އޭނާ ހުރީ އެއްޗެއް ނުލާކަން ބުނަން ކެންޒާއަށް ވެސް އެނގެއެވެ. މޭމައްޗާއި އުނަގަނޑުން ތިރީ ދެފޮތިކޮޅު އަޅާލައިގެން ހުރުމެކޭ އެއްވެސް ތަފާތެއްނެތޭ ކެންޒާގެ ޟަމީރު ބުނެލިއެވެ. މިއިން އެއްވެސް ކަމަކާ އުނދަގޫވެގެން ޔާދިން ނޫޅޭތީ ކެންޒާ އިނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ.

"އަހަރެން އެގެއިން ބޭރުކޮށްލީ. ހުރިހާކަމެއްކުރީ އޭނާ، އެކަމަކު އޭނާއަށް އެއްވެސް އަދަބެއް ނުލިބުނު..."

"ގަދަކަމުންތަ ބެހުނީ؟." ފިޒާނާގެ ވާހަކައިގެ ތެރެއިން ކެންޒާ ސުވާލު ކުރިއެވެ.

"ކެން... އަދިވެސް ލައިތު ދިފާއުކުރުމުގަތަ؟." ޔާދިންގެ އަޑު ބާރުވެލިއެވެ. ފިޒާނާއާ މެދު ސުވާލު އުފެއްދުމަކީ ޔާދިން އެދޭކަމެއް ނޫންކަހަލައެވެ. އެ ދެމީހުންނަށް ވަކިވަކިން ކެންޒާ ބަލާލިއެވެ.

ފުރާވަރުގައި ފިޒާނާގެ އިއްފަތްތެރިކަން ލައިތު ފޭރިގަތް ގޮތް އޭނާ ކިޔާދޭންފެށިއެވެ. ވާހަކަފޮތަކުން ކިޔާލަދޭ ވާހަކައެއް ފަދައެވެ. ފިޒާނާގެ ދެލޮލުން ރިހުމުގެ އަސަރެއް ނެތެވެ. އެމޫނުން ފާޅުވާނޭކަމަށް ކެންޒާ އުންމީދުކުރި ހިތްދަތިކަމެއްނެތެވެ. ގަދަކަމުން އޭނާގެ އިއްފަތްތެރިކަން މީހަކު ނަގާލި ވާހަކަ ކިޔައިދޭއިރު އެފަދަ އަސަރެއްނެތް ގޮތަކަށް ކިޔާދީފާނެކަމާމެދު ކެންޒާ ސުވާލު އުފެދިއްޖެއެވެ. އެންމެފަހުން ވާހަކަހުއްޓާލަން ފިޒާނާގެ ގާތުގައި ކެންޒާ އެދުނީ، ދައްކަމުންދިޔަ ވާހަކައިގެ ތަފްސީލުކަމުން ލަދުގަންނަ ހިސާބަށް ދިޔައީމައެވެ.

"އޭނާ ޤަބޫލެއްނުކުރޭ..." ފިޒާނާ މިހެން ބުނީ ޔާދިންއަށް ބަލަން އިނދެއެވެ.

"އެކަމާ ފޭސްކުރީ ކިހިނެއް؟. ބަދަލުހިފަން ބޭނުންވޭތަ؟." ކެންޒާ ސުވާލުކުރިއެވެ.

"ގެއްލުނު ވާޖިނިޓީ އަނބުރާ ހޯދޭނެތަ؟. ކޮންކަހަލަ ސުވާލެއްތީ... އަހަރެންގެ މަންމައާއެކު އެގެއިން ނުކުންނަން އެންގީމަ ނުކުތީ. އޭނާ ފޭސްކުރީ ކިހިނެއްތޯ ބަލާބަލަ. ތީއެންނު އޭނާގެ ގާލްފްރެންޑަކީ؟. ނަމެއްގަ ދޯ ގާލްފްރެންޑަކީ؟. އޭނާގެ އަސްލު ސިފަ އަދި ނުފެންނަނީ ކަންނޭނގެ. ނޫނީ ވެދާނެ އޭނާ ބޭނުންވާގޮތްނުވަނީ ކަމަށް. ޔޫ ނޯ ސެކްސް އެޕީލިންގް، އެޓްރެކްޓިވް..." ފިޒާނާ ބުންޏެވެ. ކެންޒާއަށް ހީވީ ނުސީދާކޮށް މަލާމާތްކުރީ ހެންނެވެ.

"ފިޒާ... އެ ދެމީހުންގެ ގުޅުމަށް ފާޑުކިޔުމަށްވުރެ ބޮޑަށް އަހަރެން އޭނާ ގެނައީ ލައިތުގެ ހަޤީޤަތް ކިޔައިދޭން." ޔާދިން ބުންޏެވެ.

"އަހަންނަށް ދޯ އެނގޭނީ އޭނާ ކުރި ކަންތައް. އެއްވެސް މީހަކު ބަލަން ހުއްޓަ އޭނާ ވެސް ނުކުރާނެއެއްނު. ކެންޒާ ބުނިގޮތުން ހީވަނީ އަހަރެން ދޮގު ހަދަނީއޭ..." ޔާދިންއަށް އައި ބަދަލާއެކު ފިޒާނާގެ ހަރަކާތްތައް ބަދަލުވެލިއެވެ. އޭނާ ވަގުތުން ދެރަވެގެން ރޮވޭގޮތް ފާޅުކޮށްލިއެވެ. މޫނުގައި ދެއަތްއަޅައި ފޮރުވާލިއެވެ. ކެންޒާ އިންތަނުން ތެދުވިއެވެ.

"އަހަންނަށް މަޢާފުކުރޭ. އަހަންނަށް ހީވަނީ އަހަރެން ދިއުން ކަންނޭނގެ އެންމެ ރަނގަޅުވާނީ." ކެންޒާ ބުންޏެވެ.

"މަޑުކޮށްބަލަ..." ޔާދިން ތެދުވިއެވެ. ކެންޒާއާއެކު އެޕާޓްމެންޓްގެ ދޮރުމައްޗަށް ޔާދިން ނުކުތެވެ.

"ހިނގާ އަހަރެން ގެންގޮސްދޭނަން." ޔާދިން ބުންޏެވެ.

"އޭނާއަށް ޔާދިންގެ އެހީ މާބޮޑަށް ބޭނުންވާނެ." ސޯފާގައި އިން ފިޒާނާއަށް ބޮލުން އިޝާރާތްކުރަމުން ކެންޒާ ބުންޏެވެ.

"ކީއްވެ ޤަބޫލުނުކުރަން ތިއުޅެނީ. ލޯބި ގެއްލިދާނެތީތަ؟." ޔާދިން ހިފީ ކެންޒާގެ މުލައްދަނޑީގައެވެ.

"އަހަރެން ދަންނަ ރަޙުމަތްތެރިއާއެއްނޫންތީ. ތިހާބޮޑަށް ބަދަލުވެދާނޭ ހިޔެއްނުކުރަން. ހީވަނީ މުޅިން އެހެން މީހެއްހެން... އޭރު އަހަރެން ދުށް އެކުވެރިޔާއާ އެއްގޮތް އެއްވެސްކަމެއްނެތް." ޔާދިންގެ ދެ ލޮލަށް ބަލަން ހުރެ ކެންޒާ ބުންޏެވެ.

"އެކަކުވެސް އަބަދަކު ކުޑަކުއްޖެއް ގޮތުގައެއް ނުހުންނާނެ، އޭގެ ފަހުން ހާދަކަމެއް ބަދަލުވެއްޖެޔޭ. ކެންޒާ ބަދަލުވެއްޖެ." ޔާދިން ބުންޏެވެ.

"އަހަރެން ލައިތުދެކެ ލޯބިވޭ. އަހަރެން އޭނާއާއެކު އުފަލުގައި އުޅޭނަމަ ތިއެކުވެރިޔާ އަހަރެންނަށް ޓަކައި އުފާވާން އަހަރެން އެދެނީ. އެކަމަކު ޔާދިން ތިއުޅެނީ އަހަރެން ލައިތުއާ ވަކިނުވެގެން. އޭނާ އަހަންނާމެދު ގޯސްކޮށް އެއްވެސް ކަމެއްނުކުރޭ. ގަދަކަމުން ކަމެއްކުރާކަށް އޭނާ އެއްފަހަރު ވެސް މަސައްކަތެއްނުކުރޭ. އެހެންނޫނަސް ޔާދިންއަށް އަހަންނަށްވުރެ ބޮޑަށް ކަމުދާ އަންހެނަކު ފެނިއްޖެކަން އެނގޭ. އަހަރެން އެކަމަށް ފާޑުކިޔާކަށްނެތިން." ކެންޒާ ވާހަކަދެއްކިއެވެ.

"ލައިތުއާ ގުޅުން ބާއްވާހާ ހިނދަކު އަހަރެން ބޭނުމެއްނޫން ކެންޒާގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ހުންނާކަށް." ޔާދިން ބުނެލިއެވެ. ހަޤީޤަތަކީ ފިޒާނާއާ ވަކިވާން ކެންޒާ އެދިފާނޭކަމުގެ ޚިޔާލުތައް ޔާދިންގެ ސިކުނޑީގައި އުފެދުނީއެވެ. އޭނާ ކެންޒާއާ ގާތްވާން މަސައްކަތްކުރަނީ ލައިތުއަށް ދެރައެއްދޭން ގަސްދުކޮށެވެ. އެ ނިންމުން ނިންމިއިރު ފިޒާނާއާ އަލުން ބައްދަލުވާނޭކަމުގެ ކުޑަ ވެސް އުންމީދެއްނެތެވެ. މިހާރު ޔާދިން ބޭނުންވަނީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު މީހާކަމުގައި ފިޒާނާ ހެދުމެވެ. ކޮންމެވެސް ހިސާބަކުން ކެންޒާއާ އޮތް ގުޅުން ހުއްޓުމަކަށް ގެންނަން ޖެހޭނެކަން ކުރިން ވެސް އެނގޭތީއެވެ.

"ތީ ޔާދިންގެ ނިންމުން. އެކުވެރިކަމަކީ ކޮބާކަން މިހާރު ޔާދިންއަށް އެނގޭހެނެއް ހިޔެއްނުވޭ. އޭރުގެ އެއްވެސް ކަމެއް ހަނދާނެއްނެތްކަން އެނގޭ." ކެންޒާގެ ވައަތު މުލައްދަނޑީގައިވި ޔާދިންގެ އަތް ނައްޓުވާލިއެވެ. އޭނާ ގޮސް އެލެވޭޓާއަށް އަރަންދެން ޔާދިން ބަލަން ހުއްޓެވެ.

"ކެންއަށް އެނގުނީތަ އަހަރެން ދޮގު ހަދަނީކަން." ޔާދިންގެ ހިތާއި އެ ސުވާލުކޮށްލެވުނެވެ.

އިލިއާނާގެ އަތުގައި ހިފާލައިގެން ލައިތު ހުރީ ގޭގެ ދޮރުމަތީގައެވެ. ކުއްލިއަކަށް އިލިއާނާ ފުންމަންފެށީ އެމީހުންގެ ގާތަށް އަންނަ ސެހްރާނު ފެނިގެންނެވެ. އޭނާގެ އަތް އުފުލާލައި އަތުގައި އޮތް ކޮތަޅު ދައްކާލީ ނިކަން ހިނިއައިސްފައި ހުރެއެވެ.

"ބޭބީ!... އެންމެ އައިކްރީމް ތަށްޓެއް އިނގޭ." ލައިތު ބުންޏެވެ.

"ނޯ!... ޓޫ އައިސްކްރީމް... ފަހުން ވަންއައިސްކްރީމް." އިލިއާނާ އިނގިލި ބިންދަމުން ލައިތަށް ދައްކާލިއެވެ.

"މަންމަ ބުނީ އެންމެ އައިސްކްރީމެކޭ މިގަޑީ ބޭބީއަށް ދޭންވާނީ. އެހެންނޫނީ ދެން ދުވަހަކުވެސް އައިސްކްރީމެއް ނުލިބޭނޭ." ލައިތު ބުންޏެވެ.

އިމާރާތުން ނުކުތް ކެންޒާއަށް ލައިތު ފެނިއްޖެއެވެ. އޭނާގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. އިލިއާނާއާއެކު ލައިތު ހުރިއިރު އެދެމެދުގައި އޮތް ލޯބި ސިއްރެއްނުވެއެވެ. ސެހްރާނު އައިސް އެމީހުންނާ ހަމަކުރިތަން ފެނުނެވެ. ފިޒާނާ ބުނާފަދަ ވިޔާނުދާކަމެއް ކުރަން ކެރުނުނަމަ ލައިތުގެ ފުށުން މަޑުމައިތިރިކަމާއި އޯގާތެރިކަމެއް ނުފެންނާނޭ ކެންޒާގެ ޟަމީރު ބުންޏެވެ. އޭނާއާއެކު ކެންޒާ ހޭދަކުރި ކޮންމެ ވަގުތުކޮޅަކީ އުފާވެރި ވަގުތުތަކެވެ. ކެންޒާގެ ހިތުގައި ލައިތުގެ މައްޗަށް އޮތް ލޯބި އިތުރުކުރުވައެވެ. އެހެންވިޔަސް ފިޒާނާ އެ ދައްކާ ވާހަކައިގެ ހަޤީޤަތް ހޯދަން ކެންޒާ ބޭނުމެވެ. ކެންޒާއާ ދިމާވެ ލޯބިވުމުގެ ކުރީން ލައިތުގެ ދިރިއުޅުން ހުރިގޮތް އެނގެން އޭނާ ބޭނުމެވެ. ކެންޒާގެ ކުރިން އޭނާގެ ހަޔާތަށް އަންހެންކުއްޖަކު އައިކަމެއް ނޫނީ ނާންނަކަމެއް ވެސް ކެންޒާއަކަށް ނޭނގެއެވެ. ލައިތު އެކަހަލަ ވާހަކައެއް ނުދައްކައެވެ.

"ކެން..." ސެހްރާނު ގޮވާލީ ތަންކޮޅެއް ބާރަށެވެ.

"ދުރުގަ ހުންނަން އުނދަގޫވީދޯ." ކެންޒާ އަރާ ހަމަވުމާއެކު ސެހްރާނު ދިމާކޮށްލިއެވެ. ކެންޒާ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. ލައިތު އަނގައިން ނުބުނި ކަމުގައިވިޔަސް އޭނާގެ ނަޒަރު ކެންޒާއާ ދުރަކަށް ނުދެއެވެ. ކެންޒާ ފެނުމުން އޭނާ ހިތްހަމަޖެހިފައިކަން ހުރީ އެތުންފަތުގައިވި ހިނިތުންވުން ބުނެދެއެވެ.

އިލިއާނާ ގޮވައިގެން ލައިތުގެއަށް ވަނުމުން އެމީހުންގެ ފަހަތުން ސެހްރާނާއި ކެންޒާ ވަނެވެ. ބިއްދޮށް ފަރާތުން ވަންނަން ހިނގައިގަތް ކެންޒާގެ އަތުގައި ލައިތު ހިފިއެވެ. އޭނާއާއެކު އައުމަށް ބާރުއެޅިކަހަލައެވެ. ކަނާއަތުން އިލިއާނާގެ އަތުގައި ހިފާލައިގެން ހުރިއިރު ލައިތުގެ ވައަތްތިލައިގެ ތެރޭ ކެންޒާގެ އަތްތިލަވިއެވެ. ގޭގެ މައިދޮރުން އެމީހުންވަނެވެ. އެލެވޭޓާއަށް ލައިތު އެރީ ވެސް ކެންޒާގެ އަތުގައި ހިފައިގެންހުރެއެވެ.

"ސެހެރް، އިލީ ގޮވައިގެން ދޮންކައިރިއަށް ދޭ." ލައިތު ބުނުމުން ސެހްރާނު ބޯޖަހާލިއެވެ.

ގޭގެ ހާމަފެންޑާއަށް ކެންޒާ ގޮވައިގެން ލައިތު ނުކުތެވެ. އޮއްސެމުންދިޔަ އިރާއެކު ރަތުރަނުގެ ކުލަތަކުން ޖަރީކުރެވިފައިވާ އުދަރެސް ހުރަހެއްނެތި ފެންނަން އޮތެވެ. ހާމަފެންޑާގައި ހިޔާކޮށްފައި އޮތް ބަޔަށް ކެންޒާ ގޮވައިގެން އައެވެ. އެތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ލައިތު އިށީނދެ އޭނާގެ ގާތުގައި ކެންޒާ ބޭންދިއެވެ.

"މިސްވީތަ؟." ކެންޒާގެ ކޮނޑުގައި އަތްއަޅުވާލައި ގާތްކޮށްލައިގެން އިނދެ ލައިތު އަހާލިއެވެ.

"ވާހަކައެއް އަހާލަންތަ؟."

"ހޫމް... އަހާލަބަލަ." ކެންޒާގެ ކޯތާފަތުގައި ބޮސްދެމުން ލައިތު ބުންޏެވެ.

"ދުވަހަކުވެސް އަންހެންކުއްޖަކަށް ދެރައެއްދިނިންތަ؟."

"ކިހިނެއްވީ؟." ލައިތު ހައިރާންވިއެވެ.

"ބުނެބާ..." ކެންޒާ ބާރު އެޅިއެވެ.

"ނޯންނާނެވެފައެއް." ކެންޒާ ބޭނުންވަނީ ޖަވާބުކަން އެނގި ލައިތު ބުންޏެވެ.

"ޔަގީންތަ؟." ކެންޒާއަށް އަހާލެވުނެވެ. އެހިނދު އޭނާއާ ދުރަށް ލައިތު ޖެހިލިއެވެ. ކެންޒާގެ ދަތްދޮޅީގައި ހިފައި ލައިތުއާ ނަޒަރު ސީދާ ކުރުވިއެވެ.

"ކަމެއްވެގެން ތިސުވާލުތިކުރަނީ؟. ބުނޭ..." ލައިތު ބުންޏެވެ.

"ރޭޕްކުރިންތަ؟." ޖެހިލުންވެފައި އިނދެ ކެންޒާ އެއްސެވެ. ލައިތުގެ މޫނުން ސިހުންފާޅުވިއެވެ. އޭނާ ކެންޒާއަށް ބަލަން އިންގޮތަށް ހަރަކާތެއްކޮށްނުލާ އިނެވެ.

"މިގޭގަ އުޅުނު ފިޒާކިޔާ ކުއްޖެއް." ކެންޒާ އިތުރަށް ބުނެދޭން އުޅުނެވެ. ނަމަވެސް އޭނާގެ ދޫބަންދުކުރުވީ ލައިތު ތެދުވެ ދުރަށް ފިޔަވަޅު އަޅާލުމުންނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލައި ބޮލުގައި އަތްފުނާ އަޅާލީ ކެންޒާއަށް ފުރަގަސްދީގެން ހުރެއެވެ. ދެން އެނބުރި ކެންޒާއާ ކުރިމަތިލިއެވެ.

"ކާކު ތިވާހަކަ ޕެންޑާ ގާތު ބުނީ؟." ލައިތު ސުވާލުކުރިއެވެ.

"އެހެންވީމަ އެއީ ކާކުކަން ލައިތަށް އެނގޭ ދޯ. އެކަން އެގޮތަށް ހިނގީތަ؟." ކެންޒާ އެނގެން ބޭނުންވާކަން އެ ދެ ލޮލުން ލައިތު ދެނެގަތެވެ. ލައިތު އައިސް އަލުން ކެންޒާގެ ގާތުގައި އިށީނެވެ. ކެންޒާގެ ވައަތްތިލަ ގެނެސް ލައިތުގެ ދެއަތުގެ ތެރޭ ހިފަހައްޓާލިއެވެ.

"ހުވާކުރަން... ދުވަހަކުވެސް އަންހެނެއްގެ ގައިގާ އޭނާގެ ނުރުހުމުގައި އަތްލާފައެއްނޯންނޭ، ރޭޕްއަކީ ކޮބާކަން އަހަންނަށް ވެސް އެނގޭ. ޕެންޑާދެކެ ނޫނީ އެހެން އެއްވެސް އަންހެންކުއްޖެއްދެކެ އަހަރެން ލޯތްބެއް ވެސް ނުވަން. ރައްޓެއްސެއް ވެސް ނުވަން. ޕްލީޒް ދެން ބުނެބަލަ، ކާކު ތިވާހަކަ ޕެންޑާ ގާތު ދެއްކީ؟." ލައިތު އިނީ ކެތްތެރިކަން ކުޑަވެފައެވެ.

"ފިޒާ..." ކެންޒާ ބުނެލިއެވެ. އަދި ކުރިއަށް ޖެހިލައި ލައިތުގެ ކޮނޑުގައި އޭނާ ބޯއަޅާލަން އުޅުމުން އެ ދެއަތުގެ ތެރެއަށް ކެންޒާލައި ލައިތުގެ މޭގައި ފޮރުވާލިއެވެ.

"ލައިތުގެ ޢަމަލުތައް ހުރިގޮތޭ ކިޔާ އޭނާ އެހުރިހާ އެއްޗެއްކީއިރު އެތަނުގައި ޔާދު ވެސް އިން. އަހަރެން ލަދުގަތް އެވާހަކަތައް އަހަން." ކެންޒާ މަޑުމަޑުން ވާހަކަދެއްކިއެވެ.

"އޭނާ އެ ހަދަނީ ދޮގު." ލައިތު ބުންޏެވެ. އޭނާ ރުޅިއައި ނަމަވެސް ކެންޒާގެ ކުރިމަތީ އެ ޖަޒުބާތުތައް އޭނާ ފޮރުވާލިއެވެ. އެއަށްވުރެ ކެންޒާ ދެރަވެދާނޭތީ އޭނާ އިނީ ހާސްވެފައެވެ.

"ކިހިނެއް ތި ދެ މީހުން ބައްދަލުވީ؟. ތިއައީ އެމީހުންނާ ބައްދަލުކޮށްފަ ދޯ."

"މިގެއާ ޖެހިގެން ހުރި އިމާރާތުގައި އޭނާ ހުންނަނީ. ޔާދިން އަހަރެން ގެންދިޔައީ... ކީއްވެ އޭނާ ލައިތުއޭ ކިޔައިގެން ދޮގުހަދަނީ. ތި ދެމީހުން ދެމެދުގައި ކުރިން ކަމެއް ހިނގައިފަ އޮތީތަ؟." ފިޒާނާއާއި ޔާދިން ދެއްކި ހުރިހާ ވާހަކައެއް ކެންޒާ ކިޔާދިނެވެ.

"ޤަބޫލުކުރިންތަ އެމީހުންގެ ވާހަކަތައް؟." ލައިތު އަހާލިއެވެ. ލައިތުގެ މޭގައި މޫނުޖައްސާލައިގެން އިނދެ ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ.

"އެއީ މިގޭ ނޯކަރެއްގެ ދަރިއެއް. އަހަރެމެންގެ ފުރާވަރު އެއީ. އެހެންވިޔަސް ލޯތްބަކީ ވަކި ޚާއްޞަ މީހަކުދެކެ ވެވޭ ޚާއްޞަ އިޙުސާސެއްކަން އަހަންނަށް އެނގޭ. އަހަންނަށް ހީވާ ގޮތުން އޭރު ފިޒާނާ އުޅެނީ ޔާދިންއާ ރައްޓެހިވެގެން... ޔާދިންއަށް އައި ބަދަލުގެ ފެށުމަކީ އަހަރެން މިގެއަށް އައުން. އެއަށްފަހު ފިޒާނާގެ އުޅުމަށް އައި ބަދަލު." ކަންތައްވެފައި އޮތްގޮތް ލައިތު ކިޔައިދޭން ފެށިއެވެ. ކެންޒާއާއި އޭނާއާ ދެމެދަށް ޔާދިންއާއި ފިޒާނާ ވަންނަން މަސައްކަތްކުރުމަކީ ލައިތުގެ ކެތްތެރިކަން ނެތިގެންދާނޭ ކަމެކެވެ. ކެންޒާއަށް އަނިޔާވެރިވާން ވިސްނައިފި މީހަކީ އޭނާގެ ހަތުރެކެވެ. ލޭގެ ގުޅުން ކަނޑާލަން ޖެހިއްޖެނަމަ އެކަން ކުރާކަށް ވެސް ލައިތު ޖެހިލުމެއްނުވާނެއެވެ.

* * * * *

"ދެން ނުރޮއެ..." މޭގައި ފިޒާނާ ފޮރުވާލައިގެން އިނދެ އޭނާގެ ބޮލުގައި ފިރުމަމުން ޔާދިން ބުންޏެވެ.

"އަހަރެން އޭރު ވެސް ބުނިން ލައިތު ހުންނާނީ އެ އަންހެންކުއްޖާގެ ބޯކާލާފައޭ. އަހަރެމެން ކޮންމެ އެއްޗެކޭ ބުންޏަސް ޤަބޫލެއްނުކުރާނޭ." ފިޒާނާ ރޮމުން ވާހަކަދެއްކިއެވެ.

"ކެން ޤަބޫލުނުކުރާކަމެއް އަދި ނޭނގެއެއްނު. އަހަރެމެންގެ ކުރިމަތީ އޭނާ ލައިތު ދިފާކުރީކަމަށް ވެދާނެ." ފިޒާނާ ހިތްހަމަޖައްސައިދޭން ޔާދިން މަސައްކަތްކުރިއެވެ.

"ޔާދިން ވެސް އަހަންނާ ގުޅޭކަށް ބޭނުމެއްނުވޭހެން ހީވަނީ. ތި ޢާއިލާއަށް އެއްވެސް ކަމެއް އަންގަން ބޭނުންނުވާނީ އެހެންވެއެއްނު. ކައިވެނިކުރަން ބޭނުމޭ ކިޔަނީ... ޢާއިލާއަށް ނޭނގިތަ ކައިވެނި ވެސް ކުރަނީ... ނޫނީ ދުވަސްކޮޅަކު މިހެން އުޅެލާފައި އަހަންނާ ވަކިވެގެން ދާން ދޯ ގަސްދުކުރަނީ." ފިޒާނާ ގަސްދުގައި ޔާދިންގެ ހިތުގައި ހިފައި ލަތްކެއްޖެހި ފަދައެވެ. އޭނާދެކެ ޔާދިން ހަޤީޤީ ލޯބިވާކަން އެނގިއެނގި ހުރެއެވެ.

(ނުނިމޭ)