ދިވެހި މީޑިއާ

ނޫސްވެރިންނަށް ވަނީ ބޮޑު މިނިވަންކަމެއް ދީފައި: އިމްރާން

ނޫސްވެރިންނާއި މީޑިއާއަށް ވަރަށް ބޮޑު މިނިވަންކަމެއްް ދީފައިވާ ކަމަށާ މީޑިއާއިން އަދި ނޫސްވެރިން ސަރުކާރަށް ކިޔާ ފާޑުކިޔުންތައް ބަލައިގަތުމަކީ މި ސަރުކާރުން ގެންގުޅޭ ހަމައެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

މިރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން އިމްރާން ވިދާޅުވީ ވެރިކަމަށް މި ސަރުކާރު އައީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގެ ވައުދާއެކު ކަމަށާއި އެއާ އެއްގޮތަށް ސަރުކާރުން އަމަލު ކުރަމުން ގެންދާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ އޭރު އަބުރުގެ ގާނޫނުގެ ނަމުގައި ހަދާފައިވާ ގާނޫނެއް އުވާލުމުގެ މަސައްކަތް ކަމަށް ވެސް އިމްރާން ފާހަގަ ކުރެއްވިއެވެ.

"މިހާރު ނޫސްވެރިންނާއި ނޫސްތަކާއި މީޑިއާތަކަށް މިވަނީ ވަރަށް ބޮޑު މިނިވަންކަމެއް ދީފައި،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިނިވަންކަމާއެކު ހަބަރު ފެތުރުމަށް މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ނޫސްވެރިޔަކަށް ވެސް މީޑީއާ އިދާރާއަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި ނުވާނެ ކަމަށެވެ. ސަރުކާރުން އަބަދުވެސް މީޑިއާގެ ފާޑުކިޔުންތައް ބަަލައިގަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެނގިވަަޑައިގަންނަވާނެ އެއްވެސް މީޑިއާ އިދާރާއަކާ ދެކޮޅަށް... މިނިވަން ނޫސްވެރިކަން ކޮށްގެން އެއްވެސް ނޫސްވެރިއަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެއް ނުވާނެ. ވަރަށް މިނިވަންކަމާއެކު ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު މިވަނީ ދީފައި،"

އިމްރާން ވިދާޅުވީ ކުރީ ސަރުކާރާ ހިލާފަށް މި ސަރުކާރާއި މީޑިއާގެ ހުރިހާ އިދާރާތަކާ އޮތީ ރަނގަޅު ގުޅުމެއް ކަމަށެވެ.

ނޫސްވެރިންނަށް ކިތަންމެ ބޮޑު މިނިވަން ކަމެއް ލިބިފައިވީ ނަަވެސް އެ ހައްގުގެ ބޭނުން ނަހަމަގޮތުގައި ހިފާތީ ކަންބޮޑުވާ ރައްޔިތުން އެބަތިބި ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.