ހަބަރު

ދޮގު ހަބަރުތަކާ ދެކޮޅަށް ކެމްޕެއިނެއް ފަށައިފި

Nov 4, 2019
6

ދޮގު ހަބަރެއް ފެތުރުމުގެ ސަބަބުން މުޖުތަމައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަކީ އެމުޖުތަމައެއްގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ފެށި "ދޮގު ހަބަރު ހުއްޓުވާނީ އަހަރެން" ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދޮގު ހަބަރު ފެތުރުން ހުއްޓުވަންޖެހޭ ސަބަބުތައް ގިނަވަނީ އޭގެ ސަބަބުން މުޖުތަމައަށް ލިބިދާނެ ގެއްލުމަކާއި ނިކަމެތިކަމެއްގެ ސަބަބުން ސަލާމަތްކުރުމުގެ ޒިންމާ ކޮންމެ މީހެއްގެ ކޮނޑުގައި އެޅޭތީކަމަށެވެ.

މައުލޫމާތުގެ ރަން ޒަމާނުގައި ދުނިޔޭގެ މިސްރާބު ހިފާ އެއްޗަކީ ބޮޑަތި ހަނގުރާމަވެރި ލަޝްކަރުތަކެއް ނޫންކަމަށާއި، އަދި އެއީ ބަރު ހަތިޔާރު ނޫންކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދު ދުނިޔޭގެ މިސްރާބު އަމާޒުކުރުމުގެ މައިގަނޑު އަސާސަކީ މީޑިޔާކަމަށްވާއިރު، މުޅި މުޖުތަމައުގެ އަމަލުތަކާއި، ވިސްނުމާއި ފިކުރުގެ އިތުރުން ވިޔަފާރި ކުރުމާއި، ގައުމުގެ ސިޔާސަތުތައް ބައްޓަންވެގެންދަނީ ފެތުރިގެންދާ ހަބަރުތަކާ މައުލޫމާތުތަކުގެ މައްޗަށްކަމަށް އިމްރާން ފާހަގަކުރެއްވި އެވެ.

އެހެންކަމުން ފެތުރެމުންދާ ހަބަރާ މައުލޫމާތަކީ ދޮގު ހަބަރާއި މައުލޫމާތުކަމަށް ވެއްޖެނަމަ ދެން މުޅި ދުނިޔެއަށް އައިސްފާނެ ބަދަލާމެދު ވިސްނަންޖެހޭކަމަށާއި، އެފަދަ ހަބަރުތައް ފެތުރުން ހުއްޓުވަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދޮގު ހަބަރެއް ފެތުރުމަކީ އޭގެ ސަބަބުން އާއިލާއެއް ރޫޅި ހަލާކުވެ، ފުނޑުފުނޑުވެދާނެ އެއްޗެއް. ދޮގު ހަބަރަކީ އޭގެ ސަބަބުން ބޮޑަތި ވިޔަފާރިތައް ބަނގުރޫޓްވެ އިނދަޖެހިގެންދާކަމެއް. ދޮގު ހަބަރު ފެތުރުމަކީ ގައުމުތަކުގެ ތެރޭގައި ހަމަނުޖެހުމާއި، ނުތަނަވަސްކަން އުފެދި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ފެތުރި ދައުލަތުގެ ނުފޫޒާ ބާރު ގެއްލި އެއް ގައުއުމާ އަނެއް ގައުމުގެ މެދުގައި ބޮޑަތި ހަނގުރާމަތައް ކުރަން ފެށިގެންދާކަމެއް. އެހެންކަމުން ހަބަރާ މައުލޫމާތަކީ އެންމެ ނާޒުކު އެއް ވަސީލަތް" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔެއަށް އައިސްފައިވާ އިންގިލާބީ ބޮޑަތި ބަދަލުތަކުގެ ތެރޭގައި ހަގީގަތުގައި މީޑިޔާއަކީ މެއިންސްޓްރީމް މީޑިޔާތައް ނޫންކަމަށާއި، މިއަދުގެ މީޑިޔާއަކީ މުޖުތަމައުގައި ހިމެނޭ ކޮންމެ ފަރުދެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، ކޮންމެ މީހަކީ ނޫސްވެރިއެއްކަމަށާއި، ކޮންމެ މީހެއްގެ މުށުތެރޭގައި މީޑިޔާ ސްޓޭޝަނެއް އެބައޮތްކަން އިމްރާން ފާހަގަކުރެއްވި އެވެ.

މިއަދު ފެށި ކެމްޕެއިން ހަތަރު މަސްދުވަހަށް ކުރިއަށް ގެންދާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީޑިޔާ ދާއިރާގެ ހަތް ބޭފުޅުން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރާ ކެމްޕެއިން ކުރިއަށްގެންދަނީ ބައިސްކޯފް މޯލްޑިވްސްއާ ގުޅިގެންނެވެ.