ސަފާރީ ރޭޕް

އިމްރާނަށް ގޯސްވީ "ހަގީގަތް އޮޅުވާލި" ނޫސްވެރިން

Oct 25, 2020
1

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ސިފަ ކުރެއްވި ވާހަކަތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ފޮނުވި ޕްރަގްރާމެއްގައި އިމްރާން ވިދާޅުވީ ސަފާރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްތަކުން ގެނެސްދިން ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. މުޅި އެ މައްސަލައަށް ބަލާއިރު ފުރަތަމަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދޫކޮށްލުމުގައި އަމަލުކޮށްފައި ވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި މުޅީން އެއްގޮތަށް ނޫން ކަމަަށާ ނަމަވެސް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަަމަށާ އެއީ އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ. އަދި ބައެއްގެ ތެރޭގައި އެކަން މީހަކު ކުރިނަމަވެސް އެއީ ހިނގި ކަމެއްކަން ނޭންގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އާންމު ފޯރަމެއްގައި ދަންނަވަން ފަސޭހަ ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އެ ވާހަކަތައް އަޑު އެހީމާ، އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށް ވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެ މައްސަލަ ގޮސް ރަނގަޅަށް ބަލައި ކައިރިން ދެނެގަތީމަ... ދެން އަޅުގަނޑަށް މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން ސީދާ އެ ހިނގާ އޮތް ކަންތައްތައް ނުވަތަ އެ އިބާރާތް ބުނާކަށް ވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފައި ވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރި ވާހަކައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަން ވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ،"

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުންދާއިރު، އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ދޮގު ކުރައްވައި، މީޑިއާތަކުން ހަގީގަތް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަ ކަމެއް ނޫން. އެއީ ބޮޑުކަމެއް. އެއީ ކުޑަކަމެއް ކަމަށް އަޅުގަނޑު ބުނެފައެއް ނުވާނެ،" އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑާ ގުޅޭ ގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން، އަޅުގަނޑު ބުނި އެއްޗެއްގެ ހަގީގަތް އޮޅޭ،" ނޫސްވެރިން ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަށް އިލްތިމާސް ކުރައްވަމުން އިމްރާން ވިދާޅުވި އެވެ.

އިމްރާން ވަނީ އޭނާ ވިދާޅުވި ވާހަކައަކުން ގޯސް މާނައެއް ދޭހަވެފައިވާނަމަ އެކަމަށް މައާފަށް އެދިވަޑައިގެންފައި އެވެ.

އިމްރާންގެ އެ ވާހަކަތައް ކުށްވެރިކޮށް އޭނާއަށް ފިޔަވަޅު އަޅަން އެދި ބިދޭސީ އަންހެން މީހާގެ ވަކީލުންގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފަ އެވެ.

ކެންޔާގެ އަންހެންމީހާގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިމްރާންގެ ވާހަކަތައް އެ ފަރާތުން ކުށްވެރިކުރެ އެވެ. އަދި ތަހުގީގީ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން، ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލައަކީ ކުޑަކަމެއްގެ ގޮތުގައި ދައްކަވަން މަސައްކަތްކުރެއްވުމަކީ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރެވޭނެކަމާމެދު ޔަގީންކަން ގެއްލޭފަދަ ކަމެކެވެ. އަދި ހޯމް މިނިސްޓަރުގެ މަގާމު އަދާކުރެއްވުމުގައި އިމްރާންގެ މައްޗަށް އިތުބާރު ގެއްލިފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަނީ އެދިފަ އެވެ.