"ސަފަރީ ރޭޕް" ހާދިސާ އަކީ "ކުޑަ ކުޑަ ކަމެއް" ގެ ގޮތުގައި ސިފަ ކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަ ބޮޑު ކަމަކަށް ވެސް އޭނާ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
ކުރިން ދައްކަވާފަައިވާ ވާހަކަފުޅުތަކާއި މި ފަހުން ދައްކަވާ ގިނަ ވާހަކަފުޅުތައް ދިމާނުވުމާއި ތަފާތު ތުހުމަތަކާ ގުޅިގެން ފާޑު ކިޔުން އަމާޒުވެފައިވާ އިމްރާން ހޫނުފެނަށް ވެއްޓުނީ ރޭ "ދިވެހިރާއްޖޭގެ އަޑު" ގެ ޕްރޮގްރާމެއްގައި ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެ ކަން ހިނގާ ދިޔަ ގޮތަށްވުރެ އެކަން ބޮޑުކޮށްލައިގެން ކަމަށް އިމްރާން ވިދާޅުވުމުންނެވެ.
ރޭ އިމްރާން ވިދާޅުވީ ސަފާރީގައި ހިނގީ "އެއަށްވުރެ މާ ކުޑަ ކަމެއް" ކަަމަށާ އެއީ "އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް" ކަމަށެވެ. އަދި އެއީ ބައެއްގެ ތެރޭގައި އެކަން މީހަކު ކުރި ނަމަވެސް އެއީ ހިނގި ކަމެއްކަން ނޭނގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އާންމު ފޯރަމެއްގައި ދަންނަވަން ފަސޭހަފުޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުވެސް އެ ވާހަކަތައް އަޑު އެހީމާ، އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެ މައްސަލަ ގޮސް ރަނގަޅަށް ބަލާލާ ކައިރިން ދެނެގަތީމަ... ދެން އަޅުގަނޑަށް މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން ސީދާ އެ ހިނގާ އޮތް ކަންތައްތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގަވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރިވާހައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ،"
އިމްރާންގެ އެ ވާހަކަތައް ކުށްވެރިކޮށް އޭނާއަށް ފިޔަވަޅު އަޅަން އެދި ބިދޭސީ އަންހެން މީހާގެ ވަކީލުންގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފަ އެވެ.
ކެންޔާގެ އަންހެންމީހާގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިމްރާންގެ ވާހަކަތައް އެ ފަރާތުން ކުށްވެރިކުރެ އެވެ. އަދި ތަހުގީގީ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން، ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މައްސަލައަކީ ކުޑަކަމެއްގެ ގޮތުގައި ދައްކަވަން މަސައްކަތްކުރެއްވުމަކީ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރެވޭނެކަމާމެދު ޔަގީންކަން ގެއްލޭފަދަ ކަމެކެވެ. އަދި ހޯމް މިނިސްޓަރުގެ މަގާމު އަދާކުރެއްވުމުގައި އިމްރާންގެ މައްޗަށް އިތުބާރު ގެއްލިފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ވަނީ އެދިފަ އެވެ.
އިމްރާންގެ ވާހަތަކާ ގުޅިގެން ކުރީގެ ވަޒީރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަނީސާ އަހުމަދު ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.
އެކަމަނާ ކުރެއްވީ ދެ ސުވާލެކެވެ. އެ ގޮތުން ހުޅުމާލޭގެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕު ކުރި ކަމަށް ތުހުމަތުވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އެ މައްސަލައިގެ ކުޑަ ބޮޑު މިން، ހޯމް މިނިސްޓަރަށް ކަނޑައެޅުއްވިދާނެތޯ ސުވާލު ކުރައްވަ އެވެ. އަދި ހޯމް މިނިސްޓަރުގެ އެ ނިންމެވުމުގެ ސަބަބުން ތަހުގީގަށް ނުފޫޒެއް ފޯރައިފާނެ ކަމަށް ބެލެވިދާނެތޯ ވެސް އަނީސާ އައްސަވަ އެވެ.
"މައްސަލަ ތަހުގީގު ކޮށް ނުނިމޭ ނަމަ މިނިސްޓަރުގެ ވާހަކަފުޅުން ތަހުގީގަށް ނުފޫޒު ފޯރާނެ ކަމަށް ބެލެވިދާނެބާ؟" އަނީސާ ވިދާޅުވި އެވެ.
އިމްރާންގެ އެ ވާހަކަތަކާ ގުޅިގެން އާންމު އެތައް ބަޔަކު ދަނީ އެ މީހަކަށް ފެނުނު ގޮތަކަށް ސޯޝަލް މީޑީއާގައި އިމްރާނަށް ފާޑުކިޔުންތައް އަމާޒު ކުުރަމުންނެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ކަމެއް ތަހުގީގުކޮށް، ހަމަހަމަކޮށް ދައުވާކުރަންޖެހޭނެ ކަމަށެވެ.
"ވަކި ބަޔަކު ކުރީމާ ކުށަކަށް ނުވާ އުސޫލެއް ނޯވޭ. ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ،" ގިނަ ބަޔަކަށް ރައްކާތެރިކަން ގެއްލިއްޖެކަމަށް ތުހުމަތުކުރައްވައި ޖަމީލް ވިދާޅުވި އެވެ.
އިމްރާނަށް އަމާޒުވަމުންދާ ފާދުކިއުންތަކުގެ އަޑުގަދަވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވިދާޅުވީ މީހެއްގެ ނުރުހުމުގަ ގައިގަ އަތްލުމަކީވެސް ގާނޫނީ ކުށަކަށްވާއިރު، އެފަދަ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް ހޯމްމިނިސްޓަރު ވާހަކަދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.
"މިނިސްޓަރުގެ ވާހަކަތަކުން އެގިގެންދަނީ މިމައްސަލާގައި އިންސާފުވެރި ތަހްގީގެއް ނުކުރެވޭކަން،" އުޝާމް ވިދާޅުވެފަ އެވެ.