ސަފާރީ ރޭޕް

"ސަފާރީގައި ހިނގީ ކުޑަކަމެއް، ރޭޕެއް ނޫން"

ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން މިރޭ ފޮނުވި ޕްރަގްރާމެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްތަކުން ގެނެސްދިން ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. މުޅި އެ މައްސަލައަށް ބަލާއިރު ފުރަތަމަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދޫކޮށްލުމުގައި އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި މުޅީން އެއްގޮތަށް ނޫން ކަމަަށާ ނަމަވެސް އެއީ ރޭޕް ކޭސްއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަަމަށާ އެއީ އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ. އަދި ބައެއްގެ ތެރޭގައި އެކަން މީހަކު ކުރިނަމަވެސް އެއީ ހިނގި ކަމެއްކަން ނޭންގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އާންމު ފޯރަމެއްގައި ދަންނަވަން ފަސޭހަ ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުވެސް އެ ވާހަކަތައް އަޑު އެހީމާ، އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެ މައްސަލަ ގޮސް ރަނގަޅަށް ބަލާލާ ކައިރިން ދެނެގަތީމަ... ދެން އަޅުގަނޑަށް މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން ސީދާ އެ ހިނގާ އޮތް ކަންތައްތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް. އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގަވެސް ހުރެފަވެސް، ބައެއްގެ ތެރޭގައި ހުރަފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރެވޭ ކަހަލަ ކަމެއް ކުރިވާހައޭ މިއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނޭންގޭ ކަހަލަވެސް ކަމެކޭ ހިނގާފައި މި އޮތީ،"

މައްސަލާގައި ހިމެނޭ އަންހެން މީހާ އޭނާގެ ބަޔާން އެކި ފަހަރު މަތިން ބަދަލުކޮށްފައިވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ހަގީގަތެއް ނެތް ވާހަކަތަކެއް މީޑިއާއާ އާންމުންގެ ތެރޭގައި ފެތުރުނީ ދޫކޮށްލުމުގައި އަމަލުކުރި ގޮތުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"އާންމުންގެ ތެރޭގައި މި ދެކެވޭ ކަހަލަ ބޮޑު ރޭޕްކޭސްއެއް ހިނގާފައެއް ނެތް އަސްލު. މިއީ ހަގީގަތަކީ،"

ސަފާރީގައި ބަނގުރާ ބޭނުންކުރި މައްސަލަ ބަލާފައި ނުވާތީ އެކަމާ ގުޅޭގޮތުންވެސް ސުވާލު ކުރެވުނެވެ. ނަމަވެސް އެ ސުވާލަށް އެކަށީގެންވާ ޖަވާބެއް އޭނާ ނުދެއްވި އެވެ. ވިދާޅުވީ ރިޕޯޓް ކުރެވުނު މައްސަަލައާއި އޭގެ ތެރެއިން ފާހަގަ ކުރެވޭ މައްސަލަތައް
ބެލޭނެ އުސޫލެއް އޮންނަ ކަމަށެވެ.

"ރިޕޯޓް ކުރެވުނީ ރޭޕް ކޭސްއެއް. ދެން މިހާރު މި ސުވާލުކުރަނީ ބަނގުރަލުގެ މައްސަލަ ނުބަލީ ކީއްވެހޭ،" އިމްރާން ވިދާޅުވިއެވެ.