ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖޫރިމަނާ: 1.2 މިލިއަނަށް އަރައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފަށް އަމަލު ކުރުމުގެ ސަބަބުން މިހާތަނަށް 1218 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ކޮވިޑް ބަލި ފެތުރޭ މިންވަރު އިތުރުވުމާއެކު ކުރިން ދީފައިވާ ލުއިތަކަށް ބަދަލުތަކެއް ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ. އެގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށް ރޭގަނޑު 10:00 ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާފައި ވެއެވެ. މި އުސޫލުތަކާއި ހިލާފުވާ މީހުން 1،000 ރުފިޔާއިން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުލްމަތީން ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭ މާސްކު ނާޅާ ބޭރުގައި އުޅެގެން 63 މީހަކަށް ނަސޭހަތްދީ 40 މީހަކު ޖޫރިމަނާ ކުރަން ޖެހުނު ކަމަށެވެ. އަދު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 1896 މީހަކަށް ނަސޭހަތް ދީފައިވާއިރު 519 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ބޭރަށް ނުކުމެ އުޅޭއިރު އަނގަ އާއި، ނޭފަތުގެ އިތުރުން ދަތްދޮޅި ނިވާ ވާގޮތަށް މާސްކު އެޅުން މިދިއަ ހޮނިހިރު ދުވަހުން ފެށިގެން ސިއްހީ ކުއްލި ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރާއެކު ވަނީ ލާޒިމުކޮށްފަ އެވެ. އެ އުސޫލުގައިވާ ގޮތުން، ދެ އަހަރު ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރާ ވަގުތުތަކުގެ އިތުރުން މީހެއްގެ އެހީއާ ނުލައި މާސްކު ނޭޅޭ މީހުން ފިޔަވައި އެހެން ހުރިހާ މީހުން ބޭރުގައި އުޅޭއިރު މާސްކު އެޅުން ލާޒިމެވެ.

ކާފިއު ޖޫރިމަނާ

ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވެސް މަނާ ކޮށްފައިވާއިރު، އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މަތީން ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކާފިއު ވަގުތު ބޭރުގައި އުޅެގެން 83 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި 187 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް 627 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެހެން ކަމުން ޖޫރިމަނާ ފައިސާގެ ގޮތުގައި 627،000 ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

"އަޅުގަނޑުމެންނަށް ފާހަަގަ ކުރެވޭ ރޭގަނޑު ކާފިއު ވަގުތަކުގައި ފުދޭ ވަރަކަށް މަދުކަން މީހުން ނިކުމެ އުޅޭ މިންވަރު. ނަމަވެސް އެހެން ވަގުތުތަކުގައި، ހާއްސަކޮށް ހަވީރުގެ ވަގުތުތަކުގައި ގިނަ އަދަދަކަށް މީހުން އެއްތަން ވެފައި ތިބޭކަން ފާހަގަ ކުރެވޭ. އެ މީހުންނަށް އަޅުގަނޑުމެން މި ދަނީ ނަސޭހަތްތެރިވަމުން،" މަތީން ވިދާޅުވިއެވެ.

ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވެގެން މިހާތަނަށް 1218 މީހަކު ޖޫރިމަނާކޮށްފައިވާއިރު ދައުލަތަށް 1،218،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ލިބޭނެއެވެ.