ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރިއިރު އެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫން ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން އެކަން ހާމަކޮށްފައިވަނީ ހެލްތް މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައެވެ.
އޮޑިޓަރު ޖެނެރަލް ހަސަން ޒިއަތު ސޮއިކުރައްވާ މިއަދު ނެެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާ މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާއި ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ކުންފުންޏަކީ މީގެ ކުރިން ދިވެހި ސަރުކާރާއެކު އެއްވެސް ވަރަކަށް މުއާމަލާތެއްވެސް ކޮށްފައިނުވާ ކުންފުންޏެއްކަން ފާހަގަކޮށްފައިއެވެ.
މީގެ އިތުރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް މިނިސްޓްރީގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ކަމަށާ ނަމަވެސް އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫންކަމަށްވެސް ރިޕޯޓްގައިވެއެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ ޑަބްލިއުއެޗްއޯއާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ނުވާއިރު ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ޖަމާއަތުން ހެލްތް މިނިސްޓްރީއާއި ހިއްސާކޮށްފައިވެސް ނުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.
ޕާފޯމަންސް ގެރެންޓީ ބަހައްޓާފައި ނުވުމާއި އެޑްވާންސްގެ ގޮތުގައި އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތަ ފައިސާ ދޫކޮށްފައިވާއިރު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއްވެސް ބަހައްޓާފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ. އެކަމާއި ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތުތައް އޮޑިޓަރު ޖެެނެރަލްގެ ރިޕޯޓްގައި ހިމަނާފައިވެއެވެ.
އަދި އެޑްވާންސްޕޭމަންޓް ދިނުމުގައި އާންމު ބުއްދީގެ ހަމަތަކަށް ރިއާޔަތްކޮށްފައި ނުވާއިރު އެޑްވާންސް ޕޭމަންޓު ގެރެންޓީ އާމެދު އަމަލުކުރާނެ ގޮތުގެ ހުއްދައަކަށް އެދި ފިނޭންސް މިނިސްޓްރީއަށް ލިޔުމުން އަންގާފައެއްވެސް ނުވެއެވެ.
މީގެ އިތުުރުން މައުލޫމާތު ހުށަހަޅާފައިވާ ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ބިޑް ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން މިނިސްޓްރީގެ ބަޔޯމެޑިކަލް އިންޖިނިއަރު ފާހަގަކޮށްފައިވާ ކަންކަމަށް އެ ކޮމެޓީން ރިއާޔަތް ކުރިކަން އެނގެން ނެތްއިރު އެކަންކަންވެސް ހެލްތް މިނިސްޓްރީގެ އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެއްބަސްވެފައިވާ މުއްދަތަށް ވެންޓިލޭޓަރުތައް ނުގެނެވި އެތައް ދުވަހެއް ފާއިތުވެެގެންދިޔަކަންވެސް ފާހަގަކޮށްފައިވެއެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ވެންޓިލޭޓަރު ޑީލް ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ފާހަގަކޮށް އެކަންކަން ތަހުގީގު ކުރުމަށްވެސް އޮޑިޓަރު ޖެނެރަލް ވަނީ އަންގަވާފައެވެ.
ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރި ދިވެހި ކުންފުނިތަކަށް އެ މަސައްކަތް ހަވާލުކުރުމުގައި އަމަލުކޮށްފައިވަނީވެސް އުސޫލުތަކާއި ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަންކަމާއި ގުޅިގެން އިސްލާހު ކުރަން ޖެހޭ ކަންކަންވެސް ރިޕޯޓްގައި އޮޑިޓަރު ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.