ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުހައްމަދު މަބްރޫކް އަޒީޒް

ހާމަކުރީ މިނިސްޓްރީން ދިން މައުލޫމާތު: މަބުރޫކް

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ގެނައި ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ހާމަކުރި މައުލޫމާތުތަކަކީ ހެލްތު މިނިސްޓްރީން ދީފައިވާ މައުލޫމާތު ކަމަށް ނެޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާންކަން ކުރެއްވި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރިއިރު އެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫން ކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

ހެލްތް މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާ މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާއި ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ކުންފުންޏަކީ މީގެ ކުރިން ދިވެހި ސަރުކާރާއެކު އެއްވެސް ވަރަކަށް މުއާމަލާތެއްވެސް ކޮށްފައިނުވާ ކުންފުންޏެއްކަން ފާހަގަކޮށްފައިއެވެ.

މީގެ އިތުރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް މިނިސްޓްރީގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ކަމަށާ ނަމަވެސް އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫންކަމަށްވެސް ރިޕޯޓްގައިވެއެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ ޑަބްލިއުއެޗްއޯއާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ނުވާއިރު ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ޖަމާއަތުން ހެލްތް މިނިސްޓްރީއާއި ހިއްސާކޮށްފައިވެސް ނުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

އެންއީއޯސީން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވެންޓިލޭޓަރާއި ގުޅޭގޮތުން ވަރަށް ގިނައިން ނޫސްވެރިން ސުވާލު ކުރެއެވެ. ވެންޓިލޭޓަރު ގެންނަން ކުންފުނިތަކާއި ހަވާލުުކުރިއިރު ދުބާއީ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް އެ ކުންފުނިވާތީ ކަމަށް މަބުރޫކް ވަނީ ވިދާޅުވެފައެވެ. އަދި ހެލްތް މިނިސްޓްރީންވެސް އެ މައުލޫމާތު ތަކުރާރުކޮށް ހާމަކޮށްފައިއެވެ.

އޮޑިޓް ރިޕޯޓާ ގުޅިގެން އާންމުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ މަބުރޫކް މިރޭ ވިދާޅުވީ ވެންޓިލޭޓަރުތަކާއި ގުޅިގެން އޭނާ ހާމަކުރި މައުލޫމާތުތަކަކީ ހެލްތް މިނިސްޓްރީން ދީފައިވާ މައުލޫމާތުތައް ކަމަށެވެ. އަދި އެ މައުލޫމާތުތައް ހިއްސާ ކުރުމުގެ ކުރިން ސައްހަކަން ޔަގީންކުރަން މަސައްކަތްވެސް ކޮށްފައިވާނެ ކަމަށެވެ.

އަދި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ކުންފުނިތަކާއި އެ ކުންފުނިތަކާއި ހަވާލުކުރެވުނު ގޮތް އަދި ވެންޓިލޭޓަރުތައް ގެންނާނެ ތާރީހުތައްވެސް އޭރު ހާމަކުރަމުންދިޔައީ ހެލްތް މިނިސްޓްރީން ދެމުންދިޔަ މައުލޫމާތުތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮޑިޓަރު ޖެނެރަލްގެ ރިޕޯޓްގައިވާ މައްސަލަތައް ކޮންމެހެންވެސް ތަހުގީގު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިރޭ ވިދާޅުވީ އެ ދެ ރިޕޯޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ހޫދު ދެއްވިއެވެ.

"އެ ރިޕޯޓްތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ރައީސް އޮފީހުން ބައްލަވާނެ. އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅުވެސް އަޅާނެ. އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،"