ދިވެހި ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ބަންޑާރަނާއިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
އޭޖީ މިހެން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީނު ކުރުމަށް އަމިއްލަ އިމާރާތްތައް ސަރުކާރަށް ނެގޭ ގޮތަށް ގަވައިދެއް ހަދައި އަމަލު ކުރަން ފެށުމާއި ގުޅިގެން އެކަން ނުކުރެވޭނެ ކަމަށް ބުނެ ގިނަ ބަޔަކު އެ ގަވާއިދާ ފާޑުކިޔަމުންދާތީ ކުރެއްވި ޓްވީޓެއްގައެވެ.
ބަންޑާރަނާއިބް ވިދާޅުވީ ވަކި އިމާރާތެއް ކަރަންޓީނު މަރުކަޒެއްގެ ގޮތުގައި ހެދުމުގެ ބާރު ވަޒީރަށް ދީފައިވަނީ ގާނޫނަކުން ކަމަށާ އެއީ، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިވުމުންނާއި މީހުން އެކަހެރި/ކަރަންޓީނުކުރުމަށް އެތަނެއް ކޮންމެހެންވެސް ބޭނުން ވެއްޖެނަމަ ކަމަށެވެ.
ވަޒީރުގެ ނިންމުން ގަބޫލުނުކުރެވޭނަމަ އިމާރާތެއް ހަވާލުކުރަން ކޯޓަށް އަމުރުކުރެވޭނެ ކަމަށާ އިމާރާތެއް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ނުހިފެހެއްޓޭނެ ކަމަށެވެ. އިމާރާތް ބޭނުންކުރާ މުއްދަތަށް ބަލައި، އެފަދަ ތަނެއް އާންމުކޮށް ކުއްޔަށްދޭ އަގަށް ބަލައި، ވެރިފަރާތަށް ފައިސާ ލިބިދިނުން ގާނޫނުން ލާޒިމުކުރާ ކަމަށް ބަންޑާރަނާއިބް ވިދާޅުވިއެވެ.
އަދި ވަކި އިމާރާތެއް ކޮންމެހެން ބޭނުންވެގެން ގާނޫނުގައިވާ ގޮތަށް ވަކި މުއްދަތަކަށް، ފައިސާ ދައްކާ ގޮތަށް، އާންމު މަންފާއަކަށް އިމާރާތެއް ހަވާލުކުރުމަކީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ނޫން ކަމަށް ވިދާޅުވެ ދައުލަތުން ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ބަންޑާރަނާއިބް ވިދާޅުވިއެވެ.
އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީން ކުރުމުގެ މަރުކަޒުތަކުގެ ގަވާއިދުގެ ނަމުގައި އިއްޔެ އެކުލަވާލާފައިވާ ގަވައިދުގައިވާ ގޮތުން ނުރައްކާތެރި ބަލިތަކާ ގުޅިގެން މީހުން ކަރަންޓީނު ކުރާނެ ތަންތަން ކަނޑައަޅާނީ ހެލްތު މިނިސްޓްރީންނެވެ.
ގަވައިދުގައިވާ ގޮތުން، މީހެއް ކަރަންޓީނު ކުރުމަށް ކޮންމެހެން އިމާރާތެއް ބޭނުން ކުރަން ޖެހިއްޖެނަމަ އެ ތަނެއް ސަރުކާރާ ހަވާލު ކުރަން އެންގުމުގެ ބާރު ހެލްތު މިނިސްޓްރީއަށް ލިބިދެ އެވެ. އެއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ނެގުމުގެ ބާރު ލިބެ އެވެ. ނަމަވެސް އެގޮތަށް އަމިއްލަ ތަންތަން ބޭނުން ކުރާ މުއްދަތުގެ ބަދަލު ސަރުކާރުން ދޭން ޖެހޭނެ އެވެ. ބަދަލު ދޭނީ ފައިނޭންސް މިނިސްޓްރީގެ ލަފާގެ މަތިންނެވެ.
މިގޮތަށް ހަވާލު ކުރުމަށް އަމިއްލަ ތަނަކަށް އަންގާ އެންގުމަށް އެ ތަނުގެ ވެރިމީހާ ދެކޮޅު ހަދައިފިނަމަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކޯޓު އަމުރު ހޯދައިގެން އެތަން ނެގުމުގެ ބާރު ވެސް ގަވައިދުގައި ހެލްތު މިނިސްޓްރީއަށް ވަނީ ދީފަ އެވެ.
ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ނަގާ ތަނަކީ މީހުން ދިރިއުޅޭ އިމާރާތަކަށްވާނަމަ އެ ތަނެއް ސަރުކާރަށް ނެގޭނީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށްފަހު ކަމަށް ގަވައިދުގައިވެ އެވެ.