ހަބަރު

އަމީން ތަކުރާރުކޮށް ވިދާޅުވީ ޑަބްލިޔުއެޗްއޯ މެދުވެރިވިކަމަށް

Oct 20, 2020
1

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މެދުވެރިވި ކަމަށާއި، އެ ޖަމިއްޔާއާއެކު ކުރެވުނީ ރަސްމީ މުއާމަލާތްތަކެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ތަކުރާރު ކުރައްވައިފި އެވެ.

މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ސަބް ކޮމިޓީއަށް މިނިސްޓަރު އަމީން ހާޒިރުކޮށްފައިވަނީ ވެންޓިލޭޓަރުގެ މައްސަލާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެ ވެންޓިލޭޓަރުތައް ގަންނަން ހަވާލުކޮށްފައިވަނީ ޑަބްލިޔުއެޗްއޯއިން ރެކަމެންޑް ކުރި ކުންފުންޏެއްކަމަށް އަމީން ވިދާޅުވެފައިވީ ނަމަވެސް، އޮޑިޓް ރިޕޯޓުގައި އެއީ އެކަން ހިނގިގޮތް ނޫންކަމަށް ބަޔާންކޮށްފައިވާތީ، މަޖިލީހަށް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ކޮވިޑް-19 އިގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެ ރިޕޯޓްގައި މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ބިޑް ކޮމިޓީގެ އިހުމާލު އޮތް ކަމަށް ފާހަގަކޮށްފައ ވެއެވެ.

އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ ތިން ކުންފުންޏަކާ ހަވާލު ކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ. އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަރަށް ތަފްސީލުކޮށް ވާހަކަތައް ހިއްސާކުރެވިފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖެއަށް ވަރަށް އަވަހަށް ބޭނުންވެގެން ވެންޓިލޭޓަރުތައް ގެންނަން ރާއްޖޭގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި އެ މުއާމަލާތްތަކަކީ ރަސްމީ މުއާމަލާތްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، އެކަމުގެ ލިޔެކިއުންތައް ހުރިކަމަށް އަމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

އޭސީސީން ކުރި ތަހުގީގުގައިވެސް ޑަބްލިޔުއެޗްއޯއާ ކުރެވުނު މަޝްވަރާތަކުގެ ތަފްސީލް ހިއްސާކުރެވިފައިވާނެ ކަމަށާއި، މި ކޮމިޓީގައި ވެސް އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަމަވެސް، ހުޅުވާލައިގެން ކުރިއަށްދާ ބައްދަލުވުމެއްގައި ޑަބްލިޔުއެޗްއޯ ފަދަ ޖަމިއްޔާއަކާބެހޭ ގޮތުން ވާހަކަ ނުދެއްކެވޭނެތީ، ކޮމިޓީ ސިއްރު ކޮށްދިނުމަށް އަމީން އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، ކޮމިޓީގެ މެންބަރުން ނިންމީ ކޮމިޓީ ސިއްރުނުކޮށް، ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައި ދެއްކެވޭ މިންވަރަށް މައުލޫމާތު ހާމަކުރެއްވުމަށެވެ.

އެއަށްފަހު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ޑަބްލިޔުއެޗްއޯ އާއެކު ކުރެވުނީ ރަސްމީ މުއާމަލާތްތަކެއް ދަލީލުކޮށްދޭ ލިޔެކިޔުންތައް ހެލްތު މިނިސްޓްރީގެ ފަރާތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

އަދި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި އޭރު ދުނިޔޭގައި އޮތް ހާލަތާ ގުޅިގެން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ޑަބްލިޔުއެޗްއޯ މެދުވެރިކޮށް އެތަކެތި ހޯދޭތޯ އެ ޖަމިއްޔާގެ ރާއްޖޭގައި ހުންނަވާ މަންދޫބާ މަޝްވަރާ ކުރެވުނު ކަމަށެވެ. އޭގެ ފަހުން އެ މައުލޫމާތުތައް ހެލްތު މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާ ހިއްސާކުރެވި، އެ މައުލޫމާތު ބިޑް ކޮމިޓީން ކަށަވަރުކުރުމުގެ މަސައްކަތް ކުރި ކަމުގެ ލިޔެކިއުންތައްވެސް ހުރި ކަމަށް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑު ހެލްތު މިނިސްޓަރުގެ ހައިސިއްޔަތުން ޑަބްލިޔުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓަޓިވްއާ ދެކެވޭ ވާހަކަތަކަކީ ރަސްމީ މުއާމަލާތް. ފަރުދީ ގޮތެއްގައި އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ދައްކާ ވާހަކައެއް ނޫން. އަދި އެ ހާލަތުގައި އެއީ އަޅުގަނޑުމެން ފޯނުން ދައްކާ ވާހަކައަކަށް ވިޔަސް މެސެޖަކުން ވިޔަސް ސިޓީ ބިޓީ އެންމެ އެކަށީގެންވާ ގޮތެއްގައި ފޮނުވިފައި ނެތުމަކީ ޑަބްލިޔުއެޗްއޯ އާއެކު މަޝްވަރާ ނުކުރެވޭ ކަމަށް ބެލެވޭނެ ހެއްކެތް ނެތް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިޑް ކޮމިޓީގެ މަސައްކަތްތަކާއި ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރުމާ ހަމައަށް އެކަން ތަރުތީބުވެގެން އައިސްފައިވަނީ ޑަބްލިޔުއެޗްއޯ އާ ކުރެވުނު މުއާމަލާތްތަކުގެ މައްޗަށް ކަމަށެވެ.

މިގޮތުން، އެކި މަރުހަލާތަކުގައި ޑަބްލިޔުއެޗްއޯގެ އެކި މުއައްޒަފުންނާ ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިއުންތައް ހުރި އިރު، އެއީ ރަސްމީ މުއާމަލާތެއް ކަމަށް ކަނޑައެޅުން މިހާރު ބިނާވެފައިވަނީ އެކަން ތަރުޖަމާކުރާ ގޮތެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޑަބްލިޔުއެޗްއޯ އިން މައުލޫމާތު ލިބުނު. އެ މައުލޫމާތުގެ އަލީގައި އަޅުގަނޑުމެން ކުރިއަށް ދިއައީ،" އަމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

އަދި މި މައްސަލާގައި ހެލްތު މިނިސްޓްރީން ފޮނުވި ލިޔެކިޔުންތަކަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ރިއާއަތްކޮށްފައިނުވާކަމަށް މިނިސްޓަރު މިއަދުވެސް ތުހުމަތުކުރެއްވި އެވެ.

"ހެލްތު މިނިސްޓްރީން އެބަ ބުނޭ ތިމަންނާމެން މުއާމަލާތް ކުރީމޭ. ދެން ހުރި ފަރާތުން މި ބުނަނީ ނުކުރަމޭ. އެހެންވީމާ އެއް ފަރާތުން ބުނާ ވާހަކައަށް ބަލާފައި މިކަހަލަ ކަންކަން ނިންމުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަމީން ވިދާޅުވި އެވެ.

އަމީން މިއަދުވެސް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ އެއް ހޯދައިދޭން ހެލްތު މިނިސްޓްރީގެ މަސައްކަތް ކޮށްފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިނިސްޓަރު އަމީން މިއަދު ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވަނިކޮށެވެ.