ކޮވިޑާ ގުޅޭ ހިޔާނާތްތައް

ވެންޓިލޭޓަރުތަކުގެ ރިޕޯޓް: އޭސީސީގެ މައްސަލަ ބަލަން އަންގައިފި

Aug 18, 2020
1

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ މެދުވެރިވެގެން ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެނު ދިރާސީ ރިޕޯޓާއި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުރުމުން، އެކަން ހިނގަން މެދުވެރިވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަންގަވައިފި އެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން އަންގާ އެންގުމުގެ ގޮތުގައި ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅިގެން އޭސީސީގެ ރިޕޯޓު ނެރެފައިވަނީ މިދިއަ މެއި މަހުގެ ތެރޭގައި ކަމަށާއި، ނަމަވެސް، އެ ކޮމިޝަނުން ކުރި ތަހުގީގުގައި އޮޑިޓާ ޖެނެރަލްގެ ރޫހާއި ނަޒަރިއްޔާތު ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

އަދި އޭގެ ކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ ބޭފުޅުން ވަޑައިގެން ދެއްވި މައުލޫމާތުގައި ވެސް އޮޑިޓު ރިޕޯޓުން ފާހަގަކުރި އެއްވެސް ކަންބޮޑުވުމެއް ހިއްސާކޮށްފައިނުވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، މިއީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިތުރަށް ބަލަންޖެހޭ މައްސަލައެއް،" އޭސީސީން ނެރުނު ރިޕޯޓާއި، ކޮމިޓީން އޭސީސީއާ ބައްދަލުކުރި ދުވަހުގެ ޔައުމިއްޔާގެ އިތުރުން، އެ ކޮމިޝަނުން ރޭ ނެރުނު ބަޔާން ކޮމިޓީއަށް ފޮނުވާކަމަށް އިއުލާނުކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ނެތްކަމަށް ނިންމާފައިނުވާނެ ކަމަށް އެ ކޮމިޝަނުން ރޭ ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާގޮތާއި ގުޅޭގޮތުން ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާގުޅޭ މައްސަލާގައި ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން އެ މައްސަލާގައި ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަހުގީގަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތު ނުހިމަނައި،މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ހުލާސާ ރިޕޯޓެއް އެކުލަވާލާ މެއި މަހުގެ 21 ގައި ރިޕޯޓު އާންމުކޮށްފައިވާނެ ކަމަށެވެ.

"..އޭރު އެ މައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެ. އަދި އެ ރިޕޯޓަކީ، މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫންކަން ބަޔާންކޮށް ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރުގައިވެސް މައްސަލަ އިތުރަށް ތަހުގީގު ކުރިއަށްދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ. އަދި މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައެއް ނުވާނެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

ހެލްތްގެ އޮޑިޓް ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ވަނީ ވެންޓިލޭޓަރުަތައް ހަވާލުކުރުމުގައި އުސޫލާއި ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށެވެ. އެގޮތުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރިއިރު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިހާރު މަސައްކަތުން އަމިއްލައަށް އެކަހެރިވެވަޑައިގެންފައިވާއިރު، އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބިޑް ކޮމިޓީގެ މެންބަރުން މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.